ނޯޓު: އަޙްމަދު ޝާޒްއަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯސް ހާސިލުކޮށްފައިވާ ފަރާތެކެވެ. އޭނާ މިވަގުތު މަސައްކަތްކުރަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރާއެއްގެ މަޤާމުގައެވެ. ސަންއިން ގެނެސްދޭ "ރޯދައިގެ ވަސިއްޔަތް" މި ބަޔަށް މިއަހަރު ލިޔުއްވައިދެއްވާނީ ޝާޒްއެވެ.

.........................................................................

ޞަދަޤާތަކީ ﷲ އަށް ކުއްތަންވުން އަދައިގެން މީހަކު އޭނާގެ މުދަލުން ނެރެފި ކޮންމެ އެއްޗެކެވެ.[1] ޞަދަޤާތުގެތެރޭގައި މުދަލާއި މަންފާވެސް ހިމެނެއެވެ. ޞަދަޤާތެއްގެ ނިޔަތުގައި މީހަކަށް ފައިސާ ނުވަތަ އަންނައުނެއް ދިނުމަކީ މުދަލެއް ހޭދަކުރުމެވެ. ދުރު ތާކަށް ހިނގާފައިދާމީހަކު ފެނިގެން ތިމާގެ ސައިކަލު ނުވަތަ ކާރަށް އަރުވައިގެން އެމީހާ އެ ދާތާކަށް ގެންގޮސްދިނުމަކީ މަންފާއަކުން ޞަދަޤާތް ކުރުމެވެ. އިންސާނުންނަށާއި އެހެނިހެން މަޚްލޫޤުންނަށްވެސް ޞަދަޤާތް ދެވެއެވެ. ޖަނަވާރަކަށް ކާންދިނުމަކީވެސް ޞަދަޤާތެކެވެ.[2] ހަދީސުން އެނގޭގޮތުގައި ކޮންމެ ހެޔޮ ޢަމަލަކީ ޞަދަޤާތެކެވެ.[3]

ޞަދަޤާތުގެ ހުކުމަކީ މަންދޫބު (recommended) އެވެ. މަންދޫބުގެ މާނައަކީ: ކުރުން ލާޒިމުނުވާގޮތަށް، އެކަމެއް ކުރުމަށް ﷲ އަންގަވާފައިވާ ކޮންމެ ކަމެކެވެ.[4] މަންދޫބު ކަންތައްތަކަށް ސުންނަތް ނުވަތަ މުޞްތަޙައްބު ނުވަތަ ތަޠައްވުޢު އޭވެސް ކިޔައެވެ.

ޒަކާތާއި ވަޤުފާއި ހަދިޔާއާ ޞަދަޤާތާ ހުރި ތަފާތު

ޒަކާތަކީ އިސްލާމްކަމުގެ ރުކުނެކެވެ. ވާޖިބެކެވެ. އެހެންނަމަވެސް ޞަދަޤާތަކީ ވާޖިބެއްނޫނެވެ. ވަޤުފަކީވެސް ޞަދަޤާތެކޭ އެއްގޮތަށް، ﷲ ގެ ހަޒުރަތުން ސަވާބަށް އެދިގެން މުދަލެއް ދޫކުރުމެވެ. އެހެންނަމަވެސް ވަޤުފުކުރާ މުދަލުން މީސްތަކުން ލިބިގަންނާނީ ފައިދާ އެކަންޏެވެ. އެ މުދާ އޭގެ ޒާތުގައި ހުރިގޮތަށް ހުންނާނެއެވެ. މިސާލަކަށް މީހަކު މިސްކިތަކަށް ވަޤުފުކުރި މުޞްޙަފަކުން މީހުން ޤުރުއާން ކިޔެވިނަމަވެސް އެ މުޞްޙަފު އޮންނާނީ މިސްކިތުގައެވެ. އެއްވެސް މީހަކު އެ މުޞްޙަފު ގެޔަކަށް ނުގެންދާނެއެވެ. އެހެންނަމަވެސް ޞަދަޤާތުގެ ގޮތުގައި ދޫކޮށްލާ މުދަލަކީ އެ ލިބޭ ފަރާތަށް ބޭނުންކޮށްލެވޭ އެއްޗެކެވެ. އިހުތިރާމުކުރުމުގެ ގޮތުން ނުވަތަ ލޯބިން މީހަކަށް އެއްޗެއް ދިނުމަކީ ހަދިޔާއެވެ.[5] ގައުމުތަކުގެވެރިން ކުރާ ދަތުރުތަކުގައި އެއްވެރިޔަކު އަނެއް ވެރިޔަކަށް ދޭ ހަނދާނީ ހަދިޔާއަކީ މީގެ މިސާލެކެވެ.

ޞަދަޤާތުގެ ދަރުމަ

ޞަދަޤާތަކީ ޤިޔާމަތް ދުވަހުގައި ހިސާބުބެއްލެވޭ ހިނދު، ފަރުޟު އަޅުކަމުން މަދުވާ ބައި ފުރިހަމަކޮށްދޭނެ ޢަމަލެކެވެ.[6] ޞަދަޤާތުގެ ސަބަބުން ކުށްފާފަތައް ފުހެލައެވެ.[7] ޞަދަޤާތުގެ ސަބަބުން ސުވަރުގެ ވަނުމަށް މަގުފަހިވެ ނަރަކައިން ސަލާމަތްވެއެވެ.[8] ކިތަންމެ ކުޑަ ޞަދަޤާތަކުންވެސް ސުވަރުގެއަށް ވަނުމަށް މަގުފަހިވެދެއެވެ.[9] ޞަދަޤާތަކީ ރިޒުގު ތަނަވަސްވުމުގެ މަގެކެވެ.[10] ޞަދަޤާތުގެ ސަބަބުން ދަހިވެތިކަމުގެ ސިފަ ނެތިކޮށްލައެވެ.[11] މީގެ އިތުރުންވެސް ޞަދަޤާތަކީ އޭގައި ގިނަގުނަ ދަރުމައާއި ސަވާބު ހިމެނޭ ވަރަށް މަތިވެރި ކަމެއްކަން ޝަރުޢީ ނައްޞުތަކުން އެނގެއެވެ.

ޞަދަޤާތް ދިނުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް

  • ދުނިޔެވީ އެދުމެއްނެތި، ހަމައެކަނި ﷲ ގެ ހަޒުރަތުން ސަވާބަށް އެދިގެން ކުރާ ކަމެއްގެގޮތުގައި ޞަދަޤާތްކުރުން: ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲ ގެ ވަޖުހުފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ."[އިންސާނު: 9]
  • ހަލާލު ތަކެތިން ޞަދަޤާތްކުރުން: ހަމައެކަނި ހަލާލު ތަކެތި ކައިބޮއެ ހެދުމަށް ޤުރުއާނާއި ސުންނަތުގައި އަންގަވާފައިވެއެވެ. ވީމާ، ޞަދަޤާތުގެގޮތުގައިވެސް ދޭންޖެހޭނީ ހަލާލު ތަކެއްޗެވެ. ޙަރާމް އެއްޗަކުން ކުރާ ޞަދަޤާތަކުން ސަވާބެއް ނުލިބޭނެއެވެ.
  • ފާޅުގައްޔާއި ސިއްރުގައިވެސް ޞަދަޤާތްކުރުން، މީގެތެރެއިންވެސް ސިއްރުގައި ކުރުން މޮޅުއިތުރު: (ވާޖިބުނޫން) ޞަދަޤާތްތައް، ތިޔަބައިމީހުން ފާޅުގައި ދެނީނަމަ، ފަހެ، އެއީ ނުހަނު މޮޅު ކަމެކެވެ. އަދި، ތިޔަބައިމީހުން ވަންހަނާކޮށް، އެ ޞަދަޤާތްތައް ފަޤީރުންނަށް ދެނީނަމަ، ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ. އަދި، އެއީ، ތިޔަބައިމީހުންގެ ކުށްތަކުން ބައެއް ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ ފުއްސަވާނޭ ކަމެކެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.[ބަޤަރާ: 271]
  • އެމީހަކަށް އެންމެ ކަމުދާ ރަނގަޅު އެއްޗެތިން ޞަދަޤާތްކުރުން: ޞަދަޤާތުގެގޮތުގައި ދޭންވާނީ ތިމާއަށްވެސް އެންމެ ރަނގަޅު ތަކެތީގެތެރެއިން މިންވަރެކެވެ. ތިމާގެ އަތުގައި ހުރި ތަކެތީގެތެރެއިން ކަމުނުދާޒާތުގެ އެއްޗެތި ޞަދަޤާތުގެގޮތުގައި ދީގެންނުވާނެއެވެ.[އާލު ޢިމްރާނު: 92]،[ބަޤަރާ: 267]
  • ޞަދަޤާތް ދިނުމުގައި މެދުމިން އިޚްތިޔާރުކުރުން: ޞަދަޤާތް ދިނުމުގައިކަމަށްވިޔަސް އިސްރާފުކުރުމެއް އަދި މުށްބާރުކުރުމެއް ނުވެއެވެ. "އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ އިސްރާފުނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ."[ފުރުޤާން: 67]
  • ޞަދަޤާތް ކުރުމަށްފަހު ކަލަނުގޮވުން: ކަލަގޮވުމަކީ ތިމާ އަނެކަކަށް ކޮށްދީފައި ހުންނަ ހެޔޮކަންތަކުގެ ވާހަކަ ހިތާނުވެގެން އެމީހާއާ ދިމާއަށް އެ ވާހަކަތައް ދެއްކުމެވެ. ނުވަތަ ތިމާ އެހެންމީހަކަށް ދީފައިވާ ޞަދަޤާތެއްގެ ވާހަކަ ފަހުން ދެއްކުމެވެ. މިއީ ވަރަށް ނުބައި ސިފައެއްކަމާއި މިކަމުގެ ސަބަބުން ޞަދަޤާތުގެ ސަވާބު ގެއްލިގެންދާނެކަން އެނގޭ ނައްޞުތައް އައިސްފައިވެއެވެ. "އެއުރެންގެ މުދާ، ﷲ ގެ މަގުގައި ހޭދަކޮށް، ދެން އެއަށްފަހު، އެއުރެން ހޭދަކުރި އެއްޗަކާ ގުޅިގެން ކަލަގޮވުމެއްނުވާ، އަދި (ބަހުން ނުވަތަ ޢަމަލުން ވިޔަސް) އުނދަގުލެއް ނުދޭ މީހުންނަށް އެއުރެންގެ އުޖޫރަ (އެބަހީ: ސަވާބު) އެއުރެންގެ ވެރިރަސްކަލާނގެ ހަޒުރަތުގައި އެއުރެންނަށް ވެއެވެ. އަދި، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ."[ބަޤަރާ: 262]
  • ޞަދަޤާތްކުރުމުގައި ދެއްކުންތެރިކަމެއް ނެތުން: މީސްތަކުންނަށް ދެއްކުމަށްޓަކައި މުދާ ހޭދަކުރާމީހުންނީ ﷲ އާއި އާޚިރަތްދުވަހަށް އީމާންނުވާ ބައެއްކަމަށް ﷲ އަންގަވާފައިވެއެވެ.[ނިސާ: 38]

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާތިލުނުކުރާ ހުށިކަމެވެ! މީހުންނަށް ދެއްކުމަށްޓަކައި އެމީހެއްގެ މުދާ ހޭދަކުރާ މީހެއްގެ މިސާލުފަދައިންނެވެ. ﷲ އަށާއި އާޚިރަތް ދުވަހަށް އޭނާ އީމާނެއް ނުވެތެވެ. ފަހެ، އޭނާގެ މިސާލީ، އެ ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުށްޓައި އެ ހިލައިގެ މައްޗަށް ބޯވާރޭގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިލަޔެއްގެ މިސާލެވެ. އެއުރެން ކުޅަ މަސައްކަތުގެ ތެރެއިން އެއްވެސް އެއްޗެއްގެ މައްޗަށް އެއުރެންނަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެތެވެ. (އެބަހީ: އެއުރެން ކުޅަ ޢަމަލަށް އާޚިރަތް ދުވަހުން އެއުރެންނަކަށް އެއްވެސް ސަވާބެއް ނުލިބޭ ހުށްޓެވެ.) ..." [ބަޤަރާ: 264]

ޞަދަޤާތް ކުރާނީ ކޮންއިރަކު؟

ޞަދަޤާތް ކުރާކަށް ވަކި އިރެއްނެތެވެ. އެކަމުގައި އޮތީ އެމީހަކަށް ކުޅަދާނަވީ އެންމެ އަވަހަކަށް، ކުޅަދާނަވީ މިންވަރަކުން ޞަދަޤާތްކުރުމެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. "އަދި ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އައުމުގެ ކުރީގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ، (އެހިނދު) އޭނާ ބުނާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކައިރި އަޖަލަކަށް އިބަރަސްކަލާނގެ މިއަޅާ ފަސްކުރައްވާނެނަމަ ކޮންފަދަތޯއެވެ؟ ފަހެ، އޭރުން ތިމަންއަޅާ ޞަދަޤާތްކޮށް، ޞާލިޙު އަޅުންގެ ތެރެއިން ވާހުށީމެވެ."[މުނާފިޤޫން: 10]

މިއާޔަތުގައި އެވަނީ މީހެއްގެ ގާތަށް މަރު އައުމުގެކުރީގައި ޞަދަޤާތްކުރުމަށް އަވަސްވެގަތުމަށް އަންގަވާފައެވެ. ޔަޤީނުންވެސް މަރުވާނެ އިރެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ވީމާ މިއާޔަތުން ދޭހަކޮށްދެނީ ވީ އެންމެ އަވަހަކަށް ޞަދަޤާތްކުރުމުގެ މުހިންމުކަމެވެ.

ބަޔާންވެދިޔެއީ ޞަދަޤާތް ކުރުމުގައި ކޮންމެހެން ސަމާލުކަންދޭންޖެހޭ ކަންތައްތަކެވެ. ﷲ އަށްޓަކައި އަދާކުރާ އަޅުކަންތަކާބެހޭ މަޢުލޫމާތު ދަސްކޮށް އެފަދަ ކަންކަން އެންމެ ފުރިހަމަގޮތުގައި އަދާކުރެވޭތޯ ބަލަންވާނެއެވެ. އޭގެ ދަރުމައާއި ސަވާބު އެންމެ ފުރިހަމަގޮތުގައި ލިބޭނީ އޭރުންނެވެ.

[1] الراغب الأصفهاني، مفردات ألفاظ القرآن، ط 4، 1430 – 2009، دمشق: دار القلم، ص 480.

[2] صحيح البخاري: 2190.

[3] صحيح البخاري: 10/426.

[4] ابن منظور. محمد بن مكرم بن علي، لسان العرب، ج 8 ، د.ط ، د.ت ، بيروت: دار صادر، ص 243.

[5] موفق الدين بن قدامة، المغني، ج 8 ، ط 3، الرياض: دار عالم الكتب (1417 – 1997) ، ص 239.

[6] أبوداود، 864، وصححه الألباني في صحيح سنن أبي داود 1/245.

[7] صحيح مسلم 2630.

[8] الترمذي 2616، وحسنه الألباني في إرواءالغليل، 2/138.

[9] صحيح البخاري: 1418.

[10] صحيح البخاري: 2896.

[11] سورة الحشر: 9.