ކުޅުދުއްފުށި ސިޓީގައި އިއުލާނުކޮށްފައިވާ ކާފިއު، ބަދަލުތަކަކާއެކު ދަމަހައްޓަން އެ ސިޓީގެ ކޮވިޑް19 ޓާސްކްފޯހުން ނިންމައިފިއެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކު ކުޅުދުއްފުށި ސިޓީގައި މަޑުކޮށް، އެ ސިޓީގެ ގިނަ އަދަދެއްގެ ބަޔަކާ ކޮންޓެކްޓުވެފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސިޓީ އެއްކޮށް ލޮކްޑައުން ކުރީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

އޭގެ ފަހުން އޭޕްރީލް 23 ވަނަ ދުވަހު ވަނީ ކާފިއުގެ މުއްދަތު މިއަދުގެ މެންދުރު 12:00 އަށް އިތުރުކޮށްފައެވެ.

ކުޅުދުއްފުށީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ އެ ސިޓީގައި އިއުލާަނުކޮށްފައި ފުރަބަންދު ބަދަލުތަކަކާއެކު ދަމަހައްޓަން ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއިން މިހާރު ނިންމާފައިވާކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން މި މަހުގެ ހަތެއްވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޒަރޫރީ ބޭނުންތަކަށް ހުއްދަ ހޯދުމަކާއި ނުލައި ހެނދުނު 06:00 އިން ހަވީރު 03:30އަށް ނުކުމެ އުޅެވޭގޮތައް ވަނީ ހަމަޖައްސައިފައެވެ.

އެހެން ނަމަަވެސް އެ ނޫން ގަޑިތަކުގައި ކުޅުދުއްފުށި ސިޓީގައި ހުއްދަ ހޯދުމަކާއި ނުލައި ބޭރަށް ނުކުމެ އުޅުން އޮތީ މަނާކޮށްފައެވެ.

މިއީ ލޯކަލް ކައުންސިލްގެ އިހްރިސޯސް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަށް ރިއާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ގާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ކައުންސިލްތަަކށް ދީފައިވާ ބާރުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.

ކުޅުދުއްފުށި ކައުންސިލުން ބުނީ އުތުރުގެ ބައެއް ރަށްރަށުން ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން ފެނި، ބަލި އިތުރަށް ފެތުރެމުން އަންނަކަމަށެވެ.

އަދި ކޮވިޑް19 އާ ދެކޮޅަށް ފިޔަވަޅުތައް އަޅަނީ ކުޅުދުއްފުއްޓަކީ އެ ސަރަހައްދުގެ އިގްތިސޯދީ، ސިއްހީ އަދި ދަތުރުފަތުގެ ނާރެސްކަމުން ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ގިނަ އަދަދެއްގެ މީހުން ކުޅުދުއްފުއްޓަށް ދަތުރުކުރަން ޖެހިފައިވާތީ، ބަލިން ރައްކާތެރި ވުމުގެ ގޮތުން އެ ސަރަހައްދުގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ކާފިއު އިއުލާންކޮށްފައިވާ ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. މި އެންގުމާއި ހިލާފުވާ ފަރާތްތަކާމެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔައާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކަން ޖޫރިމަނާ ފިޔަވަޅު އެޅުމުގެ ބާރާއި އިހްތިޔާރު ކަައުންސިލަށް ލިބިގެންވާކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްގެ ފަރާތުން ބަލި ކޮންޓްރޯލް ކުރަން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ކުޅުދުއްފުށި ރައްޔިތުންގެ ފަރާތުންނާއި ސަރަހައްދުގެ ރަށްތަކުން ލިބޭ އެއްބާރުލުމަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 468 އަށް އަރައިފައެވެ.