01 May 2020, 15:19
ލަންޑަން (މެއި 1): އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފައްދާ ކޮރޯނާވައިރަސް ވެކްސިން މީހުންގެ ގަޔަށް ޖަހައިގެން ހަދާ ޓެސްޓުތަކުގެ ނަތީޖާ އަންނަ މަހުގެ މެދުތެރޭގައި ލިބެން ފަށާފާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.
އޮކްސްފޯޑްގެ ރިސާޗް ޓީމްގެ މެމްބަރެއް ކަމަށްވާ ޕްރޮފެސަރު ޖޯން ބެލް ވިދާޅުވި ގޮތުގައި އެ ވެކްސިން ވަނީ މިހާރު އެތައް ސަތޭކަ މީހުންނަށް ދީފަ އެވެ. އަދި އެ ވެކްސިން މަސައްކަތް ކުރާކަމުގެ ކޮންމެވެސް ސިގްނަލެއް އަންނަ މަހުގެ މެދުތެރޭގައި ލިބޭނެ ކަމަށް އެޓީމުން އުއްމީދު ކުރެ އެވެ.
"މި ޓީމުން ވަނީ ވެކްސިން އެތައް ސަތޭކަ މީހުންނަށް ދީފަ އަދި ވެކްސިން މަސައްކަތް ކުރާ ކަމުގެ ކޮންމެވެސް ސިގްނަލެއް އަންނަ މަހުގެ މެދުތެރެޔަށް ލިބޭނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން،" ބެލް ވިދާޅުވި އެވެ.
އެ ޓީމުން މީހުންގެ ގަޔަށް ވެކްސިން ޖަހަން ފެށީ މިދިޔަ މަހުގެ 23ގަ އެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ރިސާޗް ޓީމުން ވަނީ އެ ވެކްސިން ފުޅާ ދާއިރާއެއްގައި އުފެއްދުމަށް އިނގިރޭސިވިލާތުގެ ބަޔޯފާމަސޫޓިކަލް ކުންފުނި އަސްޓްރާޒެނެކާއާ ގުޅިގެން މަސައްކަތް ކުރަން ނިންމާފަ އެވެ.
އޮކްސްފޯޑުން ބުނި ގޮތުގައި ވެކްސިން ޑިސްޓްރިބިއުޓް ކުރުމަށް އަސްޓްރާޒެނެކާއިން ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެ އެވެ. އަދި އެކަމުގައި ކުދި އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް އިސްކަން ދޭނެ އެވެ.
އެ ކުންފުނީގެ ސީއީއޯ ޕަސްކަލް ސޮރިއޮޓް ވިދާޅުވި ގޮތުގައި މިހާރު އޮތް ޕްލޭނަކީ ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް މިއަހަރުގެ ފަހު ކުއާޓަރުގައި އެދި، އަހަރުގެ ފަހުކޮޅު ކޮންމެވެސް ވަރަކަށް ވެކްސިން ބޭނުން ކުރެވޭ ވަރު ކުރުމެވެ.
އޮކްސްފޯޑްގެ ރިސާޗް ޓީމުގައި ހިމެނޭ ޕްރޮފެސާ އޮފް ވެކްސިނޮލޮޖީ ސާރާ ގިލްބާޓް ވިދާޅުވި ގޮތުގައި އެ ވެކްސިން މަސަކަތް ކުރާނެ ކަމުގެ 80 ޕަސެންޓު ޔަގީންކަން އެބައޮތެވެ. އަދި ވެކްސިން މަސައްކަތް ކުރާނަމަ އަންނަ ސެޕްޓެމްބަރު މަހާ ހަމަޔަށް އެއް މިލިއަން ޑޯޒް އުފެއްދޭނެ ކަމަށް އެ ޓީމުގެ ސައިންސުވެރިން އުއްމީދު ކުރެ އެވެ.
އޮކްސްފޯޑްގެ އިތުރުން އިމްޕީރިއަލް ކޮލެޖު ލަންޑަނުން އުފައްދާ ވެކްސިނެއް އަންނަ މަހު އިންސާނުންގެ ގަޔަށް ޖަހަން ދަނީ ތައްޔާރުވަމުންނެވެ. އަދި އިނގިރޭސި ސަރުކާރުން ވަނީ އެ ދެ ޔުނިވާސިޓީއަށް 50 މިލިއަން ޑޮލަރު ދީފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނާ ގޮތުގައި އެކި ގައުމުތަކުގައި ކޮރޯނާވައިރަހަށް 70 ވެކްސިނެއް މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ. އަދި އެ ވައިރަހުގެ ސަބަބުން ޖެހޭ ކޮވިޑް-19 ބައްޔަށް ދޭނެ ބޭހެއް ޓެސްޓު ކުރުމުގެ މަސައްކަތްވެސް އެކި ގައުމުތަކުގައި ދަނީ ކުރަމުންނެވެ.