ރައީސްގެ ދެ ވަނަ ފުރުސަތުގައި މިހާތަނަށް ދޫކުރި ކުށްވެރިންގެ ތެރެއިން ތަފާތު މައްސަލަތަކުގައި 33 ކުށްވެރިއަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު މަސްތުވާތަކެތި ބޭނުންކުރި ކަމަށް ޝައްކުކުރެވި، ޔޫރިން ޕޮޒިޓިވްވި 32 ކުށްވެރިއަކަށް ފަރުވާ ދެމުން އަންނަކަމަށް ޑީޕީއާރްއެސް އިން ބުނެފި އެވެ.

ޑީޕީއާރްއެސް ހިންގުމާއި ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހައްމަދު ނައީމް (މޮނާޒާ ނައީމް) މިއަދު ވިދާޅުވީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްފައިވާ ކުށްވެރިންގެ ތެރެއިން ހަތް މީހެއްގެ މައްޗަށް އެމީހުން ކުރިން ކޮށްފައިވާ ކުށެއްގެ މައްސަލަ ޝަރީއަތަށް ސާބިތުވެގެން އަލުން ޑީޕީއާރްއެސް އާއި ހާވާލު ކޮށްފައިވާ ކަމަށެވެ.

އަދި ވިދާޅުވީ ދެވަނަ ފުރުސަތުން ދޫކުރި 210 ކުށްވެރިއަކު ތަފާތު އެކި ވަޒީފާތައް އަދާކުރަމުން އަންނަ އިރު ސަރުކާރުގެ ހުނަރު ޕްރޮގްރާމްގައި 103 މީހަކު ބައިވެރި ވެފައިވާ ކަމަށާއި އެކިއެކި ފިޓްނަސް ޕްރޮގްރާމްގައި 72 މީހުން ބައިވެރިވެފައި ވާއިރު ދެވަނަ ފުރުސަތުގެ އޮފީހުގެ ހުއްދައާއެކު ފަސް މީހަކު ރާއްޖެއިން ބޭރަށް ފަރުވާއަށް ގޮސް ތިބި ކަމަށެވެ.

ދެވަނަ ފުރުސަތުގެ ބައެއް ތަފާސްހިސާބު މިއަދު އާންމު ކުރިއިރު ދެވަނަ ފުރުސަތުގެ ދަށުން އިތުރު ހަތް މީހަކު އިއްޔެއާ އޭގެ ކުރީ ދުވަހު ވަނީ މިނިވަން ކޮށްފައެވެ.


"އިއްޔެ އަޅުގަނޑުމެން ފަސް މީހަކު މުޖުތަމައަށް އަހުލުވެރިކުރަން ނެރުނިން. އަދި އިއްޔެ ނޫން ކުރީ ދުވަހު ނެރެފައިވަނީ ދެ މީހަކު. އެހެންވީމާ މިހާރު ހަތް މީހަކު ވަނީ ދެވަނަ ފުރުސަތުގެ ދަށުން މުޖުތަމައުއަށް އަހުލުވެރިކުރުމަށް އާއިލާތަކާއި ހަވާލުކުރެވިފަ،" ނައީމް ވިދާޅުވި އެވެ.

ދެވަނަ ފުރުސަތުގެ ދަށުން ޖުމްލަ ދޫކުރަނީ ކިތައް ގައިދީންތޯ ސުވާލު ކުރުމުން ނައީމް ވިދާޅުވީ އެ އަދަދު ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ވިދާޅުވީ ދެވަނަ ފުރުސަތުގެ ޕްރޮގްރާމް އިފްތިތާހު ކުރެއްވި ދުވަހު 400 އެއްހާ ގައިދީން މިނިވަންކޮށް އާއިލާތަކާއި ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނީ އަންދާޒާއެއް ކުރައްވައިގެން ކަމަށެވެ.

"ފުރަތަމައިނުން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ހަތަރުސަތޭކަ އެއްހާ ގައިދީން މިވެނި، މިވެނި، މިވެނި ބާވަތެއްގައި ތިބި ކަމަށޭ ދެކެވަޑައިގަންނަވަނީ. އެހާކަންހާ ވަރަށް އޭރު އަންދާޒާ ކުރެވުނީ. އެހެންނަމަވެސް ހަގީގަތަކީ ބެންޗްމާކެއް ސެޓްކުރީމަ، މިސާލަކަށް ހަތަރު ގުރާމަށްވުރެ ދަށުގެ، ކުދި ކުދި ވައްކަން ވީމާ ޖަލުގެ ކޮމިއުނިޓީއަށް ބެލީމާ ދެން އެ އަންނަ ހިސާބެއް އަންނަން ވާނެތާ. އެހެންވީމަ އަޅުގަނޑުމެން މިގެންދަނީ އެ ހިސާބުން ދަތުރުކުރަމުން. އަޅުގަނޑުމެންނަކަށް އެހެން އަދި ނޭނގެ އެހެން ދަންނަވާކަށެއް،" ނައީމް ވިދާޅުވި އެވެ.

ދެވަނަ ފުރުސަތުގެ ދަށުން މިހާތަނަށް 389 މީހަކު މިނިވަންކޮށް އާއިލާތަކާއި ހަވާލުކޮށްފައި ވާއިރު އޭގެތެރެއިން 157 މީހަކު އުޅެނީ މާލޭގައި ކަމަށެވެ. އަދި 145 މީހަކު އަތޮޅު ތެރޭގަ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Mohammed Naeem (mp3)

Mohammed Naeem (mp3)