01 May 2020, 13:36
ކޮވިޑް19 އާ ދެކޮޅަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދާނީ އެކަމުގެ ސަބަބުން އަސަރުކޮށްފައިވާ މަސައްކަތްތެރިންގެ ހައްގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓުގައި ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް19 ފެތުރުމުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރައި، މަސައްކަތްތެރިންގެ ހައްގުތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ހުންނެވީ ސާބިތުކަމާއެކު މަސައްކަތްތެރިންނާ އެކުގައި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ހަމައެއާއެކު ކޮވިޑް19 ރޯގާއާ ދެކޮޅަށް ކުރައްވާ ހުރިހާ މަސައްކަތެއް ވެސް ކުރައްވާނީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމާއި ހިމާޔަތް ކުރުމާއެކުގައި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރާއްޖޭގައި ވެސް ކޮވިޑް19 ފެތުރެމުންދާ މި ދުވަސްވަރު މަސައްކަތްތެރިންގެ ދުވަސް (އެކެއް މެއި)އާ ބައްދަލުކުރާއިރު، މި ބައްޔާ ގުޅިގެން ރާއްޖޭގައި ވެސް ގިނަ އަދަދެއްގެ މީހުންގެ ވަޒީފާގެ ހާލަތަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.
މި ދުވަސްވަރު މިގޮތަށް ވަޒީފާގެ ހާލަތަށް ބަދަލު އައި މީހުންގެ ސަރުކާރުގެ އޮންލައިން ވަޒީފާ ޕޯޓަލް، ޖޮބްސެންޓަރުގައި ރަޖިސްޓްރީން ވާން ސަރުކާރުން ކުރިން ވަނީ އަންގާފަ އެވެ.
މިހާތަނަށް އެ ޕޯޓަލްގައި 1300 އެއްހާ މީހުން ރަޖިސްޓްރީ ވެފައިވާއިރު، އޭގެ ތެރޭގައި ވަޒީފާއިން ވަކިކުރި މީހުންނާއި، ނޯޕޭ ލީވަށް ފޮނުވާލި މީހުންނާއި މުސާރަ ކުޑަކުރި މީހުން ވެސް ހިމެނެ އެވެ.
ސަރުކާރުން ވަނީ ކޮވިޑް19އާ ގުޅިގެން އައި ހީނަރުކަމުގެ ސަބަބުން ވަޒީފާ ގެއްލޭ މީހުންނަށް ދައުލަތުގެ ފަރާތުން އިނާޔަތެއް ދިނުމަށްވެސް ނިންމާފައެވެ.