01 May 2020, 13:08
މާލެ ފިޔަވައި ކޮވިޑް-19ގެ ކޭސްއެއް ފެނުނު ފުރަތަމަށް ރަށް ކަމަށްވާ ހއ. އުލިގަމު މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.
އުލިގަމުން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެ މީހާ މިހާރު ހުރީ މާލެ ސަރަހައްދުގެ އައިސޮލޭޝަން ފެސިލިޓީއެއްގައެވެ. އޭނާ މާލޭގައި ހުރެފައި ރަށަށް ދިޔަ ބޯޓާއި، ބޯޓު ޖެއްސި ހަތް ރަށެއް މޮނިޓަަރިންގެ ހާލަތަށް ގެނައެވެ. އޭގެ ތެރޭގައި އުލިގަންވެސް ހިމެނެއެވެ.
އެ މީހާ ޕޮޒިޓިވްވި ދުވަހުން ފެށިގެން އުލިގަމް މޮނިޓަރިންގެ ހާލަތަށް ގެނައެވެ. އެހެންނަމަވެސް، ކޮންޓެކްޓުންގެ ޓެސްޓުތައް ހަދައި ސާމްޕަލްތައް ނެގަޓިވްވުމުން ރަށް މިހާރު މޮނިޓަރިންގެ ހާލަތުން ނަގާފައިވާކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
އުލިގަމުގެ އިތުރުން ނ. މާފަރާއި ކ. ކުޑަވިލިނގިލިވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުން ނަގައިފައެވެ. އެ ރަށްތަށް އާންމު ހާލަތަށް ގެނައީ އިއްޔެ އެެވެ.
މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ 16 ރަށެކެވެ. އެއީ މާލެ ސިޓީގެ އިތުރުން ކ. އަތޮޅުން އެއް ރަށާއި، ނ. އަތޮޅުން ތިން ރަށާއި، ށ. އަތޮޅުން ފަސް ރަށާއި، ހއ. އަދިި ހދ. އަތޮޅުން ދެ ރަށާއި، ބ އަތޮޅުން ރަށެކެވެ.
މާލެ ސިޓީ
- ކ. ތުލުސްދޫ
- ށ. ނަރުދޫ
- ނ. ހޮޅުދޫ
- ނ. ކެނދިކުޅުދޫ
- ނ. ހެނބަދޫ
- ށ. ފުނަދޫ
- ށ. މިލަންދޫ
- ށ. ފީވަށް
- ށ. މާއުނގޫދޫ
- ށ. ގޮއިދޫ
- ހއ. އުތީމު
- ހއ. ދިއްދޫ
- ހދ. ހިރިމަރަދޫ
- ހދ. ކުމުންދޫ
- ބ. ކެންދޫ
އޭގެ އިތުރުން މީހުން ދިރިއުޅޭ ތަންތަނާއި، ފިހާރަތަކާއި، ގޯޑައުންތައް ހިމެނޭ ގޮތަށް މި ވަގަތު 252 ތަނެއް މޮނިޓަރިންގެ ހާލަތަށް ލާފައި އެބަ އޮތެވެ.
މިވަގުތު ރާއްޖެއިން ކޮވިޑް-19އަށް 468 މީހަކު ޕޮޒިޓިވްވެފައި އެބަ ތިއްބެވެ. އޭގެ ތެރެއިން ގިނައީ ބިދޭސީ މަސައްކަތްތެރިންނެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން ހާމަ ކުރި ގޮތުގަިއ ޕޮޒިޓިވްވި މީހުންގެ 3500އަށް ވުރެ ގިނަ ކޮންޓެކްޓު މިހާތަނަށް ހޯދިފައިވެއެވެ.