ވޮޝިންޓަން (މެއި 1): ދުނިޔޭގައި މިހާރު ފެތުރެމުންދާ އާ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ބަލިން ރަނގަޅުވި މީހުންގެ އަދަދު އެއް މިލިއަނަށް އަރައިފިއެވެ.

ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރޭ މިންވަރު ބަލަމުންދާ އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ޓްރެކާއިން ދައްކާ ގޮތުގައި މިހާތަނަށް 1,014,809 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 3.2 މިލިއަނަށް އަރާފައިވާ އިރު، ބަލީގައި 233,405 މީހަކު ވަނީ މަރުވެފައެވެ.

ނަމަވެސް ކޮވިޑް-19 ޖެހޭ ބައެއް މީހުންގެ ފަރާތުން އަލާމާތްތައް ނުފެނުމާއި ބައެއް މީހުން ވައިރަހަށް ޓެސްޓު ނުކުރެވޭތީ ބަލި ޖެހޭ މީހުންނާއި ބަލިން ރަނގަޅުވާ މީހުންގެ އަސްލު އަދަދު ތަފާތުވާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ޗައިނާގެ ވޫހާންގައި މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށިކަމަށް ބެލެވޭ އާ ކޮރޯނާވައިރަހުން ޖެހޭ ބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނުވެ އެވެ. އެ ބަލި ޖެހުމުން މިހާރު ފަރުވާ ދެނީ ބަލީގެ އަލާމާތްތަކަށެވެ. ނަމަވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ސައިންސުވެރިން ދަނީ ކޮވިޑް-19އަށް ފަރުވާއެއްގެ ގޮތުގައި ދެވިދާނެ ބޭސްތައް ޓެސްޓު ކުރަމުންނެވެ.

އޭގެ ތެރޭގައި ކޮވިޑް-19އަށް ކާމިޔާބު ފަރުވާއަކަށް ވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ މެލޭރިއާ ބޭސް ހައިޑްރޮކްސިކްލޮރޮކުއިންއާއި އެގައުމުގެ ގިލިއަޑް ކުންފުނިން އިބޯލާ ޖެހޭ މީހުންނަށް ދިނުމަށް އުފެއްދި ރެމްޑެސިވިއާ ހިމެނެ އެވެ. އެ ބޭސްތައް މަސައްކަތްކުރާ ވަރު ދެނެގަތުމަށް ގައުމީ ފެންވަރުގައާއި ތަފާތު ކުންފުނިތަކުންވެސް ދަނީ ޓެސްޓު ކުރަމުންނެވެ.

މީގެ އިތުރުން އާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ޖަހާނެ ވެކްސިނެއް އުފެއްދުމުގެ މަސައްކަތްވެސް އެކި ގައުމުތަކުގައި ދަނީ ކުރަމުންނެވެ. އަދި ބައެއް ގައުމުތަކުގައި މިހާރު ވަނީ ވެކްސިން މީހުންގެ ގަޔަށް ޖަހައިގެން ޓެސްޓު ކުރަން ފަށާފަ އެވެ.