ހިނގަމުން މިދާ ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ ތިންވަނަ ދުވަހަށް ހަމަވެ އެވެ. މިހާރު ކަންކަން ގޮސްފައި އޮތް ހިސާބަށް ބަލާއިރު ދެން އޭގެ ކުރިއަކުން ކައުންސިލް އިންތިހާބެއް ނުބޭއްވޭނެ އެވެ. އެއީ ނިމިދިޔަ ހަފްތާގައި މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސްކޮށް ކައުންސިލް އިންތިހާބު ބޭއްވުން އެއް އަހަރު ދުވަހަށް ފަސްކޮށްފަ އެވެ. އެގޮތަށް ފާސްކުރީ ކޮވިޑްގެ ހާލަތާ ގުޅިގެން އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތީމަ އެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ގާނޫނަކީ އޭގެން މިހާރު ތިބި ކައުންސިލަރުންގެ ދައުރަށް ނުވަތަ ކައުންސިލަރުންގެ ދައުރު ނިމުމުން އަންނަ ގާނޫނީ ހުސްކަމަކަށް ހައްލެއް ލިބޭނެ ގާނޫނެއް ނޫނެވެ. އެކަމަކު އެކަމަށް ހައްލު ހޯދުމަށް މެމްބަރު ހިސާން ހުށަހެޅުއްވި ބިލާއެކު ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ފަސްވަނަ އިސްލާހަށް އިސްލާހެއް ހުށަހެޅުއްވި އެވެ. އެކަމަކު އެ ބިލު ތާވަލު ކުރެވުނީވެސް މަޖިލީހުގައި އެންމެ ދުވަހަކު އެވެ. އޭގެ ފަހުން އެ ބިލު ތާވަލެއް ނުކުރެވެ އެވެ. އެ ބިލު އޮތް ގޮތަށް ބާއްވާފައި ކައުންސިލަރުންގެ ދައުރާމެދު ގޮތް ނިންމަން ކަމަށް ބުނެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުވެސް ބިލެއް ހުށަހެޅުއްވި އެވެ. އެ ބިލުވެސް އޮތީ އޮތްތާކު އެވެ. އޭގެ މަސައްކަތްވެސް ކުރިއަކަށް ނުދެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުކޮޅު މަތީގައި ކައުސިލަރުންގެ ދައުރާ މެދު ގޮތް ނިންމުމުގެ މައްސަލަ ޕާކުކޮށްފައި އޮތް ސަބަބެއް ސާފެއް ނުވެ އެވެ. އެމައްސަލަ އެއްވެސް ގޮތަކަށް ތާވަލު ނުކުރުމަކީ ސުވާލު އުފެދޭ ކަމެކެވެ. ޖޫން މަހުގެ ތިން ވަނަ ދުވަހަށް ކައުންސިލަރުންގެ ދައުރުގެ މުއްދަތު ހަމަވާއިރު އެހާހިސާބަށް ކައުންސިލަރުންގެ ދައުރާމެދު ގޮތް ނުނިންމި އޮތުމަކީ މަޖިލީހުން ގާނޫނުއަސާސީއާ ހިލާފުވާނޭ ކަމެއް ކަމަށް ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ނަން ހާމަ ނުކުރުމަށް އެދި 'ސަން' އާ ވާހަކަ ދެއްކި ގާނޫނީ ވަކީލަކު ވިދާޅުވީ ކައުންސިލު އިންތިހާބު އެއް އަހަރަށް ފަސްކުރަން މަޖިލީހުން އަވަސް އަރުވާލާފައި ފާސްކުރިއިރު ކައުންސިލަރުންގެ ދައުރާމެދު ގޮތް ނިންމުމަށް ގާނޫނީ ހުރަހެއް ނެތެވެ. އަދި އެކަން ނުވާންވީ ސަބަބެއްވެސް ނެތެވެ.

"ކައުންސިލަރުންގެ ދައުރު ނިމޭނެ ތިނެއް ޖޫންއާ ހަމައަށް، އެއަށް ފަހުގައި ދެން ކައުންސިލަރުންގެ ހައިސިއްޔަތެއް ނޯންނާނެ. އެކަން ހައްލު ކުރެވޭނީ ހަމައެކަނި ސަރުކާރުން ހުށަހެޅި ބިލުގައި އޮތް ގޮތަށް މަޖިލީހުން އޭތީ ފާސްކޮށްދީގެން." ވަކީލަކު ވިދާޅުވި އެވެ.

ނަމަވެސް އެ ބިލް މަޖިލީހުން އެޖެންޑާ ނުކުރާ މައްސަލާގައި ގިނަ ކައުންސިލަރުން ވެސް ވަނީ ސުވާލުކުރަން ފަށައިފަ އެވެ. އެ ލަސްކުރާ ލަސްކުރުމުގެ ސަބަބުން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ބުރުލެއް އަރާފާނެ ކަމަށް ކައުންސިލަރުން ދެކެ އެވެ.

ސަރުކާރުން ހުށަހެޅި އިސްލާހު ކަމަކު ނުދިޔަ

ސަރުކާރުން އިސްލާހު ހުށަހެޅީ ގާނޫނު އަސާސީއަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށެވެ. އެއީ ކައުންސިލަރުންގެ ދައުރު ފަސް އަހަރަށް ދިގުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައި ގާނޫނެވެ. ސަރުކާރުން ބޭނުން ވަނީ އެ ގާނޫނުގެ ހަތަރު ވަނަ މާއްދާ އިސްލާހު ކުރާށެވެ. މިހާރު ބުނެފައިވާ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލް އިސްތިހާބަކާ އެކު އެވެ. އިސްލާހު ހުށަހެޅީ މިހާރު ތިބި ކައުންސިލަރުން އެންމެ އަވަހަށް އިންތިހާބެއް ބޭއްވެން ދެން މަގާމުގައި ދެމިތިބެވޭނޭ ގޮތަށް އެ މާއްދާ ބަދަލު ކުރުމަށެވެ. ނަމަވެސް މަޖިލީހުގެ ބައެއް މެމްބަރުންނަށް އެ އިސްލާހު ކަމަކު ނުދިޔަ އެވެ. މާބޮޑު އެދެވޭ ސަބަބެއް އެބޭފުޅުން ނުދައްކަވަ އެވެ. ވިދާޅުވަނީ ގާނޫނު އަސާސީއަށް މާ އަވަސް އަވަހަށް އިސްލާހު ގެނައުމަކީ އެދެވޭ ކަމެއްގެ ގޮތުގައި ނުފެންނަ ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު --- ފޮޓޯ/ މަޖިލިސް

މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމެވެ. ނަމަވެސް ބައެއް ގާނޫނީ ވަކީލުން މެމްބަރުންގެ އެ ބުނުމާ މުޅިން ހިލާފެވެ. ވަކީލަކު 'ސަން' ވިދާޅުވީ އެއީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުން ނޫން ކަމަށެވެ. އެއީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ގަނޫނަށް އިސްލާހެއް ގަނައުން ކަމަށެެވެ. އެ މާއްދާއަކީ އެއްވެސް ގޮތަކަށް ގާނޫނު އަސާސީގައި ހިމެނޭނެ މާއްދާއެއް ނޫން ކަމަށް އެ ވަކީލު ވިދާޅުވި އެވެ.

"ސަރުކާރުން އެ ބިލު ހުށަހެޅިގޮތަށް ބަދަލު ކުރީމަ ގާނޫނު އަސާސީއަކާ ހިލާފެއްވެސް ނުވާނެ. ކައުންސިލްގެ އިންތިހާބެއް ބޭއްވުމާ ހަމައަށް މިހާރު ދެމިތިބި ކައުންސިލަރުންގެ ހައިސިއްޔަތާ މެދު ސުވާލު އުފައްދާނެ ޖާގައެއް ވެސް ނޯންނާނެ. އަދި އެ ބިލު ފާސްކުރަން ހުށަހަޅާފައި ވެސް އެ އޮތީ ގާނޫނު އަސާސީއަށް ފަސް ވަނަ އިސްލާހު ގެންނަން ހުށަހެޅި ގާނޫނަށް ހުށަހަޅާ އިސްލާހެއްގެ ގޮތުގައި." ވަކީލަކު ވިދާޅުވި އެވެ.

އެ އިސްލާހު ކަމުނުގޮސްގެން މެމްބަރު ހަސަން ލަތީފު މިވަނީ އަނެއްކާ ވެސް ސަންސެޓް ގާނޫނެއް ހަދަން މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. "އިދާރިދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ބިލު 2020"ގެ ނަމުގައި އޭނާ ހުށަހެޅުއްވި ގަނޫނުގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވައި، އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތަށް ނިންމާ ސަބަބެއް ކަމަށް ބިލުގައި ބުނެފައި ވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެ ނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމަކަށް ގޮސްދާނެތީ އެވެ.

އޮކްޓޯބަރ 7، 2019: 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 50 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އެ ބިލުންވެސް އަދި ސަރުކާރުން އިސްލާހު ހުށަހެޅި ބިލުން ވެސް ހައްލު ހޯދައިދެނީ އެއް ކަމަކަށެވެ. ބައެއް ވަކީލުން ދެކެވަޑައިގަންނަވާ ގޮތުން މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނީ ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމުންނެވެ. އެކަމަކު ސަރުކާރުގެ އިސްލާހަށް ދެކޮޅު ހަދާ މާބޮޑު ސަބަބެއް އަދި އޮތީ ސާފުވާ ގޮތް ނުވެފަ އެވެ.

"މެމްބަރު ހަސަން ލަތީފު ހުށަހެޅި ބިލަކުން މި މައްސަލަ ހައްލެއް ނުވާނެ." ވަކީލަކު ވިދާޅުވި އެވެ.

އެއީ މިހާރު އޮތް ގޮތުން ގާނޫނު އަސާސީ ދަންނަ ކައުންސިލްގެ މުއްދަތަކީ ތިން އަހަރު ކަމަށްވެފައި، އެ ތިން އަހަރުގެ މުއްދަތު އަންނަ ޖޫން މަހު 3 ވަނަ ދުވަހަށް ހަމަވާތީ، ސަރުކާރުން ހުށަހަޅާފައިވާ ބަދަލު ނުގެނެސް، ގާނޫނީ އެ ހުސްކަމަށް ހައްލު ނުހޯދޭނެތީ އެވެ.

ކޮންމެއަކަސް މަޖިލިސް ޒިންމާދާރުވާން އެބަޖެހެ އެވެ. ހައްލު ހޯދައިދޭން ޖޭހޭ ގާނޫނީ މިފަދަ ބޮޑެތި މައްސަލަަތަކަށް އަވަސް ހައްލެއް ހޯދައި ދިނުމަކީ ގާނޫނުހަދާ މަޖިލީހުގެ ޒިންމާ އެވެ. ޒާތީ މައްސަލަތަކާއި އަމިއްލަ އެދުންތައް އެއްފަރާތްކޮށް، ރައްޔިތުންނަށް ހައްލު ހޯދައިދޭން ޖެހެ އެވެ. މަޖިލީހުގެ ރައީސްގެ މޭޒުކޮޅުގައި ޕާކުކޮށްލާފައި އޮތް މައްސަލަ އަވަހަށް އެޖެންޑާ ކުރަން ޖެހެ އެވެ.