ކޮރޯނާވައިރަސް ކޮވިޑް19 އަށް މިރޭ އިތުރު 72 ބަންގްްލަދޭޝް މީހުން ޕޮޒިޓިވްވެ، ރާއްޖޭގައި މި ވައިރަސް ޖެހުނު މީހުންގެ އަދަދު 400 ހުރަސް ކޮށްފި އެވެ.

ފަހުން މި ފެނުނު ކޭސްތަކާއެކު ރާއްޖޭގެ ޖުމްލަ ވަނީ 468 އަކަށް އަރާފައެވެ. އެންއީއޯސީގައި އެންމެ ފަހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ހާމަ ކުރި މައުލޫމާތުުތަކުން ރާއްޖޭގެ ޖުމްލަ އަދަދަކީ، 396 އެވެ.

ނަމަވެސް ދާދި ދެންމެއަކު އެޗްޕީއޭ ޕޯޓަލްގައި ވަނީ އިތުރު 72 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ހާމަ ކޮށްފައެވެ. އެ އެންމެންނަކީވެސް ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ. އަދި މި އެންމެންވެސް ނިސްބަތަވަނީ އެއް ކްލާސާޓާއަކަށެވެ. އެއީ ސީސީސީ ކްލާސްޓާއެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ، 22 އަހަރާއި 54 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. އޭގެ ތެރެއިން ބައެއް މީހުންގެ އުމުރު ހިމަނާފައި ނުވެއެވެ. އަދި މި އެންމެންވެސް ޕޮޒިޓިވްވެފައި މިވަނީ މާލެއިންނެވެ.

މާލެއިން އިއްޔެ އެކަނި ވަނީ 118 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއީ މާލެއިން މިހާތަނަށް ފެނުނު ރިކޯޑް އަދަދެކެވެ. އިއްޔެ ފެނުނު މީހުންގެ ތެރޭގައިވެސް ގިނައީ ބިދޭސީ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 61 ބަންގްލަދޭޝް މީހުން 32 އިންޑިއާ މީހުން އަދި ނޭޕާލްގެ ދެ މީހެކެވެ.

ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކު ވިދާޅުވީ، މިއަދު ޕޮޒިޓިވްވި މީހުންނަކީ އެއް ތަނެއްގައި ދިރިއުޅޭ މީހުން ކަމަށެވެ.

ބެލެވޭ ގޮތުގައި މިރޭ ފަހުން މިފެނުނު އެއް ކްލާސްޓާއަކަށް ނިސްބަތްވާ 72 މީހުންނަކީވެސް އެއް ތަނެއްގައި ދިރިއުޅެމުންދާ ބައެކެވެ.

މާލޭގައި ގިނަ އަދަދެއްގެ ބިދޭސީން ކޮވިޑް-19އަށް ޕޮޒިޓިވަމުންދާއިރު ގިނަ އަދަދެއްގެ ބިދޭސީން އެއް ތަނެއްގައި ދިރިއުޅޭ "ގެސްޓްހައުސް"ތައް އެޗްޕީއޭއިން ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެ ތަންތަން ބަލަހައްޓަނީ ފުލުހުންނެވެ. އެގޮތުން އެފަދަ 23 ތަނެއް މިހާރުވެސް އަންނަނީ މޮނިޓާ ކުރަމުން ކަމަށް އެންއީއޯސީން ވަނީ ހާމަކޮށްފައެވެ. އެތަންތަނުގައި ދިރިއުޅޭ މީހުންގެ އަދަދަކީ، 1،085 މީހުންނެވެ.