ކޮވިޑް 19 ބަލި ޖެހޭ މީހުން ސީރިއަސް ހާލަތަކަށް ގޮސްފި ނަމަ ބޭނުންކުރާނެ ވެންޓިލޭޓަރު ގަތުމަށް ކުންފުންޏަކާ ހަވާލު ކުރި މައްސަލާގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމާފައިވާ މައްސަލާގައި އެހެން ނިންމި ސަބަބު ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ ކޮމިޝަން ހާޒިރު ކުރަން ނިންމައިފި އެވެ.

ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް ބުނެ އޭސީސީއިން ބަޔާނެއް ނެރެފައިވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވިދާޅުވި އެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެފައިވޭ މައްސަލައެއް އޮތް ކަމަކަށް އޭރު ނުފެންނަ ކަމަށް." ސަނީފު ވިދާޅުވި އެވެ.

އެހެންނަމަވެސް ވެންޓިލޭޓަރު ހަވާލުކުރުމުގައި ގާނޫނުއަސާސީ ބުނެފައިވާ ގޮތަށް މިނިސްޓަރު އަބްދުﷲ އަމީން އަމަލުކޮށްފައި ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވެފައިވާ ކަމަށް ސަނީފު ވިދާޅުވި އެވެ. މިހާތަނަށް އާންމުވެފައިވާ މައުލޫމާތަށް ބަލާއިރުވެސް އޭގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭކަން އެނގެން އޮންނަ އިރު އެމައުލޫމާތަށް ނުބަލައި އޭސީސީއިން މައްސަލަ ނިންމީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށް އޭނަ ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އޭސީސީއިން ފޮނުވި ސިޓީއެއްގައި ވެންޓިލޭޓަރުތައް ގަތުމަށް ކުރިމަތިލީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެސްޓީއޯއިން މައުލޫމާތު ދިނުމަށް މޭ ތިނަކާ ހަމައަށް ފުރުސަތު ދީފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

ސަނީފު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެހުރިހާ މައުލޫމާތެއް އެއް ނުކޮށް ވެންޓިލޭޓަރު މައްސަލާގައި ކޮރަޕްޝަން ނެތް ކަމަށް ބުނެ ބަޔާނެއް ނެރުނީ ކީއްވެތޯ ސާފުވާން ޖެހޭ ކަމަށެވެ.

"[ވެންޓިލޭޓަރު ގަންނަން ދިނުމުގައި] މައްސަލަތަކެއް ހުރިކަމަށް އަޅުގަނޑުމެންނަށް މިއަދު ފާހަގަ ކުރެއްވިއްޖެ. އެކަމަކު އެބޭފުޅުން ހަމަ ސީދާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުން ޕްރެސްގައި އެބަހުއްޓޭ ވިދާޅުވެފައި. ވެންޓިލޭޓަރު ބިޑްކުރުމުގައި މައްސަލައެއް ފާހަގަކުރެވިފައި ނެތް ކަމަށް." ސަނީފު ވިދާޅުވި އެވެ.

އެކަން ސާފުކުރަން އެންމެ ރަނގަޅު ގޮތަކީ އޭސީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރު ކުރުން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އަދި އެގޮތަށް މެމްބަރުން ބޭނުންވާނަމަ ހުށަހެޅުއްވުމަށް ރޮޒައިނާ އެދިވަޑައިގަތެވެ.

ވެންޓިލޭޓަރު މައްސަލާގައި އޭސީސީ ހާޒިރު ކުރުމަށް ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އެވެ.

"އޭސީސީގެ އިތުބާރު ގެއްލޭފަދަ ގޮތަކަށް މި މައްސަލާގައި އަމަލު ކުރެވިފައި އެބައޮތް. މިކަމުގައި އެއްވެސް ކަހަލަ ކޮރަޕްޝަނެއް ނެތް ކަމަށް ނޫސްބަޔާނެއް ދީފައި އޮތޯ. މުގައްރިރު ތިވިދާޅުވަނީ އެއީ އެވަގުތު އެބޭފުޅުންނަށް ލިބިފައި އޮތް މައުލޫމާތު ގެ މައްޗަށޭ. އަޅުގަނޑު ގަބޫލުކުރާ ހިތްއޮތީ އޭސީސީ ކަހަލަ ތަނަކުން ހީވާގޮތަކަށް އެވަގުތަށް ލިބޭ މައުލޫމާތަށް މިކަހަލަ ކަންކަމުގައި ގޮތް ނިންމައިގެން ނުވާނޭ." އަހުމަދު ހަލީމް ވިދާޅުވި އެވެ.

އޭސީސީ ހާޒިރު ކުރަން އަހުމަދު ހަލީމު ހުށަހެޅުއްވި އިސްލާހަށް ތާއީދު ކުރެއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ. ރޮޒައިނާ ވިދާޅުވީ އެންމެ ލަސްވެގެން އާދިއްތަ ދުވަހުގެ ކުރިން އޭސީސީ ހާޒިރު ކުރެވޭތޯ ބަލާނެ ކަމަށެވެ.