21 Dec 2011, 17:42
މަދަނީ އިއްތިހާދާއި އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އަންނަ ހުކުރު ދުވަހު ބާއްވާ "ބޮޑު މުޒާހަރާ"ގައި ބައިވެރިވާ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އެމްޑީޕީއާ އެކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނުކުންނަވަން ނިންމަވާފައިވާ ނިންމެވުން ޑީއާރުޕީން ކުށްވެރިކޮށްފި އެވެ.
ޑީއާރުޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑީއާރުޕީގެ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވީ ރައީސް ނަޝީދު ހުކުރު ދުވަހުގެ ބޮޑު މުޒާހަރާއަށް ނުކުންނެވުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްޔިތުންގެ އަޑު އައްސަވަން ޖެހޭ ބޭފުޅަކަށްވީ ހިނދު، ވަކި ފަރާތަކަށް ޖެހި އަނެއްބައި ރައްޔިތުންނާ ދެކޮޅަކަށް ނުނިކުމެވޭނެ ކަމަށެވެ.
"ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ނ.ގައި މިއޮންނަނީ ގާނޫނުގެ ވެރިކަން ކުރިއަރުވައި އެންމެންގެ ހައްގުތަކާއީ މިނިވަންކަން ރައްކާތެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެއްގެގޮތުގައި. ވަކި ބަޔަކު ހައްގެއް ހޯދަން ހިޔާލު ފާޅުކޮށް އަޑުއުފުލަން ނުކުންނަ އިރު، ރައީސުލްޖުމްހޫރިއްޔާ އެހެން ބަޔަކާއެކީ ސީދާ އެކަމާ ދެކޮޅަށް، ރައްޔިތުންތަކަކާ ދެކޮޅަށް ނުކުމެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނީ އިތުރަށް ވިދާޅުވީ މުޒާހަރާ އާ ދިމާކޮށް ސަރުކާރުން ހިންގާ ޕްރޮގްރާމްތައް އިފްތިތާހު ކުރުމުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރައްވަނީ އަންނަ ހުކުރު ދުވަހު ބާއްވާ މުޒާހަރާ އާ ބެހޭ ގޮތުން ރައީސް ނަޝީދު ބޭނުންފުޅުވާ މެސެޖު ދެއްވުމަށް ކަމަށެވެ.
"ރޭގެ ދެ އްކެވި ވާހަކަތަކަށް ބަލާލިއަސް ގެދޮރު ދިނުމާއި އިމާރާތްކުރުމުގެ ވާހަކަތަކަށް ވުރެ ބޮޑަށް ޖީއެމްއާރުގެ ވާހަކަތަކާއި ދީނުގެ ވާހަކަތަކާއި ރައީސް ނަޝީދު ޕްރޮމޯޓު ކުރަން ބޭނުންވާ ވާހަކަ ދައްކަވާފައި ވަނީ،" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާގެ އިތުރުން އެޕާޓީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވެސް ވަނީ އެ މޭރުމުން ވާހަކަ ދައްކަވައި ވެށިފަހި ޕްރޮގްރާމަކީ ހުކުރު ދުވަހުގެ މުޒާހަރާ އަށް ހުރަސް އަޅަން ރައީސް ކުރެއްވި ކަމެއް ތުހުމަތު ކުރައްވައިފަ އެވެ.
ރޮޒައިނާ ވިދާޅުވީ ހުކުރު ދުވަހުގެ ބޮޑު މުޒާހަރާއާ ދެކޮޅަށް އެމްޑީޕީން މުޒާހަރާ ކުރަން އުޅޭތީ ކަންބޮޑުވާ ކަމަށާއި އެމްޑީޕީގެ މަގުސަދަކީ ބޮޑު މުޒާހަރާގެ މަސްލަހަތު ގެއްލުވާލުން ކަމަށެވެ. އަދި ގައުމީ ދިފާއީ ބާރުތަކުން މުޒާހަރާ ހުއްޓުވަން ނުކުމެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހަތިޔާރުގެ ބޭނުންކޮށްފައި އެމްޑީޕީގެ ފަރާތްތަކަށް ހިމާޔަތް ދޭތީ ކަންބޮޑުވާ ކަމަށާއި ފާއިތުވެ ދިޔަ މުޒާހަރާތަކުގައި ކަންތައްތައް ވެފައި ހުރީ އެގޮތަށް ކަމަށެވެ.
އަދި މުޒާހަރާގެ ކަންތައްތައް އިންސާފްވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ޕޮލިސް އިންޓަގްރިޓީ ކބޮމިޝަނުން ފުލުހުންނަށް އަންގާފައިވާ އިރު، މުޒާހަރާގައި ވަކިފަރާތަކަށް ނުޖެހި ހަރަކާތްތެރިވުމަށް ޑީއާރުޕީގެ ފަރާތުން ވެސް ފުލުހުންނަށް ގޮވާލާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ