01 May 2020, 01:21
މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވައި، ޓޫރިޒަމްގެ ސިނާއަތުގެ މަސައްކަތް އަލުން ފަށަން މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިރޭ ސީއެންއެންގެ "ކުއެސްޓް މީންސް ބިޒްނަސް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ބޯޑަރުތައް ހުޅުވާނީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި މިހާރު އޮތް ހާލަތު ރަނގަޅު ހާލަތަކަށް ގެނެސްފައި ކަމަށެވެ. ހާލަތު ރަނގަޅުވުމުން ބޯޑަރު ހުޅުވުމާ ގުޅޭ ގޮތުން ޔޫއެންޑަބްލިއުޓީއޯއާއެކު މަޝްވަރާކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު މަސައްކަތް ކުރަމުން ދަނީ މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޯޑަރު ހުޅުވައި ޓޫރިޒަމް ފަށަން ކަމަށް އޭނާ ވިދާޅުވި އެވެ. ތިން ވަނަ ކުއާޓަރަކީ ޖުލައި އިން ފެށިގެން ސެޕްޓޭމްބަރާ ހަމައަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ބަލި ކޮންޓްރޯލު ކުރެވޭ ވަރަށް ބަލާފައި މި އަހަރުގެ ތިންވަނަ ކުއާޓާގައި އިންޑަސްޓްރީގެ މަސައްކަތް ފެށުން،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޓޫރިޒަމް އިންޑަސްޓްރީ އަލުން ހުޅުވާނީ، ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކާ އެއްގޮތަށް، އެއާޕޯޓުތަކާއި ޓޫރިސްޓު ރިސޯޓުތަކުގައި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަަވަރުވާނެ ފިޔަވަޅުތައް އަޅާފައި ކަމަށެވެ.
މިހާރު އެކަމާ ގުޅޭ ދިރާސާތައް ހަދަމުންދާ ކަމަށާއި މެއި މަހު ކެބިނެޓާއި މަޖިލީހަށް އެކަން ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ ވަކި ވަކި ރަށްތަކަށް އޮތުމުން، ބަލި ފެތުރުމުގެ ފުރުސަތު ކުޑަވާނެތީ، ފަތުރުވެރިން ރާއްޖޭގައި ތިބުން ރައްކާތެރި ކަމަށްވެސް މިރޭ މިނިސްޓަރު ވިދާޅުވި އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީވެސް، ރާއްޖެއަކީ ފަތުރުވެރިން އައުން ރައްކާތެރި ތަނަަކަށް ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައި ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓުމަކަށް ގެނެސްފައި ވަނީ، މިދިޔަ މާޗު މަހުގެ 26 ވަނަ ދުވަހު އެވެ. އެ ފަހުން މަޑުމަޑުން ޓޫރިސްޓުން ރާއްޖެ ދޫކޮށް ގޮސް މިހާރު ގާތްގަނޑަކަށް ހުރިހާ ރިސޯޓެއްހެން އޮތީ އޮޕަރޭޝަން ހުއްޓާލާފަ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި މިވަގުތު ވެސް، އެނބުރި ގައުމަށް ނުދެވި 500 އެއްހާ ޓޫރިސްޓުން އެބަތިބި ކަމަށާއި ޑްރީމް އައިލެންޑް ރިސޯޓްގައި އެ މީހުން ބައިތިއްބާފައިވާ ކަމަށެވެ. އަދި އެ މީހުންގެ ހަރަދުތައް ބަލަހައްޓަމުން އަންނަނީ ސަރުކާރުން ކަމަށާއި މިދަނޑިވަޅުގައި ދިވެހިންނެކޭ ޓޫރިސްޓުންނެކޭ ތަފާތު ނުކުރާ ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޓޫރިސްޓުންނަކީ، ރާއްޖެ މިދެކޭ ތަރައްގީގެ މުހިންމު ބައިވެރިން ކަމަށާއި އެ މީހުންނާ މެދު ވެސް އޯގާތެރިކޮށް ސަރުކާރުން ކަންކަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓޫރިޒަމް އިންޑަސްޓްރީއިންނެވެ. ކޮވިޑް-19އާ ގުޅިގެން އެ އިންޑަސްޓްރީ ހުއްޓުމަކަށް އައިސްފާއިރު، ރާއްޖެއަށް ވަންނަ ޑޮލަރު މަދުވެ، އިގްތިސާދަށް އަންނަނީ ބޮޑެތި ގެއްލުންތައް ވަމުންނެވެ. އަދި ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން، ގާތްގަނޑަކަށް މައިނަސް 11 ޕަސެންޓަށް ވެއްޓިގެން ދާނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ ލަފާކޮށްފަ އެވެ.