ކޮރޯނާވައިރަސް، ކޮވިޑް19 ޖެހިގެން އިއްޔެ ރާއްޖެއިން މަރުވި އުމުރުން ދުވަސްވީ މީހާގެ ސާމްޕަލް ނެގުމުގައި ލަސްވި ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މިކަމުގައި އިހުމާލެއް އޮތް ނަމަ، އެކަން ނުފޮރުވާނެ ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

ކޮވިޑްގައި ރާއްޖެއިން މަރުވި ފުރަތަމަ މީހަކީ އައިމިނަތު އާދަމް 83އ އެވެ. އޭނާ މަރުވެފައިވަނީ ކޮވިޑް-19އަށް އޭނާ ޓެސްޓު ކުރަން ސާމްޕަލް ނަގާފައި ވަނިކޮށް ބުދަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުންނެވެ.

އާއިމިނަތު އާދަމް އަކީ ހައި ރިސްކު ޑައިރެކްޓު ކޮންޓެކްޓަކަށްވީއިރު އޭނާ ޓެސްޓު ކުރަން ސާމްޕަލް ނެގުން ލަސްވުމުން އާއިލާއާއި އާންމުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މި މައްސަލައިގައި ހިމެނޭކަންކަން ހެލްތް މިނިސްޓްރީއިން މިހާރު ވަނީ ބަލަން ފަށައިފަ އެވެ.

މިރޭ ދަރުބާރުގޭ އެންއޯސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކު ވިދާޅުވީ، އާމިނަތު އާދަމްއާ ކޮންޓެކްޓްވި، ކޭސް 126 ޕޮޒިޓިވްވިކަން މިމަހު 24 ވަނަ ދުވަހު އެނގުނު އިރު، އާމިނަތް އާދަމްއާ އެ މީހާއާ ބާއްދަލުވެފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެ މައުލޫމާތު ލިބުނީ، ޖެހިގެން އައި 25 ވަނަ ދުވަހު ކަމަށް މަބްރޫކު ވިދާޅުވި އެވެ. އާމިނަތް އާދަމްގެ ސާމްޕަލް ނަގާފައިވަނީ، 28 ވަނަ ދުވަހުގެ ދަންވަރު 3:45 ގައި ކަމަށާއި ނަތީޖާ ލިބުނީ ރޭގެ ވަގުތެއްގައި ކަމަށްވެސް މަބްރޫކު ވިދާޅުވި އެވެ.

އާމިނަތު އާދަމް މަރުވީ، ސާމްޕަލްގެ ނަތީޖާ ނުލިބި އުޅެނިކޮށް ރޭ 7:10 ހާއިރު އެވެ.

މިކަމުގައި ކޮންޓެކްޓް ޓްރޭސިން އާއި ސާމަޕަލް ނެގުމުގައި ލަސްވީ ކީއްވެގެންތޯ ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ސުވާލު ކުރުމުން މަބްރޫކު ވިދާޅުވީ، އެކަމުގައި އެއްޗެއް ދަންނަވަން އެނގޭނީ ހެލްތް މިނިސްޓްރީން މިކަމުގައި ކުރާ ތަހުގީގަށްފަހު ކަމަށެވެ. ނަމަވެސް މި ކޭސްގެ ޓައިމްލައިންގައި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި 25 ވަނަ ދުވަހު މައުލޫމަތު ލިބުމަށްފަހު، އޭގެ ދެ ދުވަސްފަހުން ސާމްޕަލް ނެގުމުން، އެއީ ލަސްވުން ކަމަށް ގަބޫލު ކުރައްވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

"އަޅުގަނޑަށްވެސް ފާހަގަ ކުރެވޭ، 25 ވަނަ ދުވަހު ޕްރައިމަރީ ކޮންޓެކްޓެއްގެ ގޮތުގައި އެސްޓަބްލިޝް ކުރެވިފައި، 27 ވަނަ ދުވަހު ސާމްޕަލް ނަގަން ފޮނުވުނު ކަން [ސާމްޕަލް ނެގީ 28 ވަނަ ދުވަހުގެ ދަންވަރު]. އެހެންވީމާ އެ ދޭތެރޭ އެބަ އޮތް ދެ ދުވަހެއް ސާމްޕަލް ނުނަގާ. އަޅުގަނޑު ޔަގީން ކުރާނަން ތި ސުވާލުގެ ޖަވާބު ތިބޭފުޅުންނަށް ގެނެސްދޭނަން. އެހެން ނަމަވެސް އެ ސުވާލުގެ ޖަވާބު ގުޅެނީ މިހާރު އެ ކުރެވޭ މަސައްކަތާ. މިހާރު އެ ކުރެވެވުމުންދާ ތަހުގީގާ. އަކަމަކު ޔަގީން ކަމާއެކު ތަހުގީގު ނިމުމުން އަޅުގަނޑު ތިބޭފުޅުންނަށް ކިޔައި ދޭނަން،" ސާމްޕަލް ނެގުން ލަސްވީ ކީއްވެގެންތޯ ސުވާލު ކުރުމުން މަބްރޫކު ވިދާޅުވި އެވެ.

"ދެދުވަހެއް އެ ދޭތެރޭ ހިނގާފައި އެބަ އޮތް ސާމްޕަލް ނުނަގާ [ކޮންޓެކްޓް ޓްރޭސް ވުމާއި ސާމްޕަލް ނެގުމާ ދޭތެރޭ]. މިގޮތަށް ބަލާއިރު ލަސްކަން އަޅުގަނޑުވެސް ގަބޫލު ކުރަން،" މަބްރޫކު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއީއޯސީ

އޭނާ ވިދާޅުވީ، އާމިނަތު އާދަމްގެ ނޭވާލުމުގައި އުދަނގޫތަކެއް ވެގެން އެޗްޕީއޭއަށް އާއިލާގެ ފަރާތުން ގުޅީ އިއްޔެ އިރުއޮއްސި 6:15 ގައި ކަމަށެވެ. އަދި އެއާއެކު އެމްބިއުލާންސްގައި އައިޖީއެމްއެޗަށް ގެންދެވުނު ކަމަށް މަބްރޫކު ވިދާޅުވި އެވެ.

އޭގެ ކުރިން އާއިލާގެ ފަރާތުން އެފަދަ ކަމެއް ރިޕޯޓު ކޮށްފައިވޭތޯ ސުވާލު ކުރުމުން މަބްރޫކު ވިދާޅުވީ އެނގިފައި ނެތް ކަމަށެވެ. ނަމަވެސް ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ، އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އެފަދަ ރިޕޯޓެއް އާއިލާއިން ކުރި ކަމަށެވެ.

މިކޭސްއާ ގުޅޭ ގޮތުން މަބްރޫކު އިތުރަށް ވިދާޅުވީ، އައިމިނަތު އާދަމްގެ ކޭސް ގުޅެނީ އެމްއެޗްއޭ ކްލަސްޓާއާ ކަމަށާއި އެ ކްލަސްޓާ ފެށިފައިވަނީ ކޭސް 72 އަކުން ކަމަށެވެ. އަދި 72 ވަނައަށް ޕޮސިޓިވްވި މީހާގެ ޕްރައިމެރީ ކޮންޓެކްޓަކީ 126 ވަނަ ކޭސް ކަމަށެވެ. އައިމިނަތު އާދަމް އާ ސީދާ ބައްދަލުވެފައިވަނީ ކޭސް 126 އާއެވެ.

މިމަހުގެ 21 ވަނަ ދުވަހު މި ކްލާސްޓާގައި ހިމެނޭ ދެ ޑްރައިވަރަކު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިިވްވި މީހަކާ ކޮންޓެކްޓްވިކަން އެނގިގެން އެ ޑްރައިވަރު އުޅެމުން ދިޔަ ގެ މޮނީޓަރިން އަށް ލާފައިވާ ކަމަށްވެސް މަބްރޫކު ވިދާޅުވި އެވެ. އާމިނަތު އާދަމްވެސް ދިރިއުޅެމުން ދިޔައީ އެ ގޭގެ އެހެން ބަޔެއްގަ އެވެ.

"ކޭސް 72 ވަނަ މީހާ ޕޮސޓިވްވުމާ ގުޅިގެން ކޭސް 280 ދިރިއުޅޭ ބިލްޑިންގް ވަނީ މިމަހުގެ އެކާވީސް ވަނަ ދުވަހު ގެންދެވިފަ. އެ ބިލްޑިންގް މޮނިޓަރިންގެ ހާލަތަށް ގެންދެވުނު މައިގަނޑު ސަބަބަކީ އެމްއެޗްއޭގެ ދެ ޑްރައިވަރުން އެ ބިލްޑިންގައި އެހެން ބުރިއެއްގައި ދިރިއުޅެމުން ދާތީ." މަބްރޫކް ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރު އަމީން ރޭ ވިދާޅުވީ، މި މައްސަލަ ބެލުމަށްފަހު، އަޅަން ޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. އަދި ކަރަންޓީނު ކުރުމާއި، ސާމްޕަލް ނެގުމާއި އަދި ޓެސްޓު ކުރުމުގެ އެސްއޯޕީތަކަށް ބަދަލު ގެންނަންޖެހޭ ނަމަ އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މި މައްސަލަ ހެލްތް މިނިސްޓްރީން ތަހުގީގު ކުރަމުން އަންނަ އިރު، އިދިކޮޅު ފަރާތަތްކުންވެސް ވަނީ މިކަމުގައި ސަރުކާރުގެ އިހުމާލު އޮތް ކަމަށް މިއަދު ބުނެފަ އެވެ.