މިހާރު ކުރިއަށްދާ 2019-2020 ވަނަ ފުޓުބޯޅަ ސީޒަނުގެ ބާކީ ހުރި މެޗުތައް ނުކުޅެ ލީގު ނިންމާލުމަށް ލިވަޕޫލުގެ މޭޔަރު ޖޯ އެންޑާސަން ގޮވާލައިފި އެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލްވުމެއް ނެތި ގިނަ ގައުމުތަކެއްގައި ފެތުރެން ފެށުމާ އެކު ޔޫރޮޕުގެ ފުޓުބޯޅަ މުއްދަތެއް ނެތް ގޮތަށް ފަސް ކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ގައުމުތަކުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ފަހު މިހާރު ބައެއް ގައުމުތަކުން އަންނަނީ ފުޓުބޯޅަ ލީގުތައް ކެންސަލް ކުރަމުންނެވެ. އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމް އަދި ނެދަލެންޑުގެ އިތުރުން އާޖެންޓީނާގެ ފުޓުބޯޅަ ސީޒަން ވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

އެހެން ނަަމަވެސް އިނިގިރޭސިވިލާތާއި، ސްޕެއިން އަދި ޖަރުމަނުގެ އިތުރުން އިޓަލީން އަންނަނީ ލީގަށް ތައްޔާރުވުމުގެ ގޮތުން ކުޅުންތެރިން ލައްވާ ހާއްސަ ފަރިތަކުރުންތަކެއް ވެސް ކުރުވަމުންނެވެ. އަދި އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ޕްރެކްޓިސް ފަށައި، ޖޫންގެ ކުރިން ލީގުގެ މެޗުތައް ފެށޭ ވަރު ވާނެ ކަމަށް އެގައުމުތަކުގެ މީޑިއާ ރިޕޯޓުތަކުން ބުނެ އެވެ.

އެކަމަކު ލީގުތައް އަލުން ފަށައިގެން ލިބިދާނެ ބޮޑެތި ގެއްލުންތަކަށް ބަލައި، މި ފަހަރުގެ ސީޒަން ނިންމާލަން ގޮވާލާ މީހުން ވެސް ގިނަ އެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި ބޮޑު ލީޑެއް ނަގައި ތަށި ޔަގީން ކުރުމަށް ބާކީ ދެ މެޗު އޮތް ލިވަޕޫލުން އެ ސިޓީގައި މެޗުތައް ކުޅުމާ ދެކޮޅު ކަމަށް ލިވަޕޫލް ސިޓީގެ މޭޔަރ ޖޯ އެންޑަސަން ވަނީ ބުނެފަ އެވެ.

އެންޑަސަން ބުނީ ލިވަޕޫލުން ދަނޑަށް ސަޕޯޓަރުން ނުވައްދާ ކުޅުނު ނަމަވެސް ދަނޑު ބޭރަށް މީހުން އެއްވާނެ ކަމަށެވެ. އެހެން ކަމުން މި ދަނޑިވަޅުގައި ލީގު ކުރިއަށް ގެންދިއުމަކީ އޭގެން ގެއްލުންތަކެއް ވެދާނެ ކަމެއް ކަމަށް އެންޑަސަން ބުންޏެވެ.

"ދަނޑު ބަންދު ކޮށްގެން ކުޅުނު ކަމުގައި ވިޔަސް ހާހުން މީހުން ދަނޑު ބޭރަށް ޖަމާވާނެ ކަން ޔަގީން. މިވަގުތު ލީގު ފަށައިގެން ހާލަތު އިތުރަށް ގޯސް ވެދާނެ." އެންޑަސަން ބުންޏެވެ.

އެންޑަސަން ބުނީ ލީގުގެ އެއްވަނަ ލިވަޕޫލަށް ލިބޭ އިރަކުން އެންފީލްޑް ކައިރިއަށް މީހުން ޖަމާވެ އުފާފާޅު ކުރާއިރު ސޯޝަލް ޑިސްޓެންސްގެ ގަވާއިދުތަކަށް މީހުން ބޯ ނުލަނބާނެ ކަމަށެވެ. އަދި ފުލުހުންނަށް ވެސް އެވަގުތު މީހުން ކޮންޓްރޯލު ކުރަން އުނދަގޫ ވާނެ ކަމަށް އެންޑަސަން ބުންޏެވެ.

"އަހަރެންނަށް ވިސްނޭ ގޮތުގައި މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެއްވަނައިގައި އޮތް ޓީމަށް ތަށި ދިނުމަށް ފަހު ލީގު ނިންމާލުން."

ލިވަޕޫލުން އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި އުފުލާލީ މީގެ 30 އަހަރު ކުރިން 1990ގަ އެވެ. އެހެން ކަމުން މިފަހަރުގެ ތަށްޓަކީ އެ ޓީމަށް ތާރީހީ ތަށްޓަކަށް ވެގެންދާނެ އެވެ.