މިހާރު ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްސް ގިނަ ކަމުން، ކުރިއަށް އޮތްތަނުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ބުނެފި އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 396 މީހުންނެވެ. މިއަދު އެކަނި 119 މީހުން ޕޮޒިޓިވްވި އެވެ. މިއީ އެންއޯއީސީއިން ލަފާކޮށް އެކުލަވާލި އަންދާޒާތަކަށް ވުރެ މާ މަތީ އަދަދެއްކަން މިރޭ ޕްރެސްގައި އާންމުކުރި ގްރާފްތަކުން ދައްކަ އެވެ.

އެންއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާކަމަށް ބެލެވޭ ކަމަށެވެ. އެއީ މިހާރު ޕޮޒިޓިވްވެފައި ތިބި މީހުންގެ ކޮންޓެކްސް ގިނަ ކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިންވެސް އެކްސްޕެކްޓު ކުރި ގޮތަށް އަޅުގަނޑުމެންގެ ކާވް މިދަނީ މައްޗަށް އަރަމުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ. "މިހާތަނަށް އަޅުގަނޑުމެންގެ ކޮންޓެކްޓްސްއަށް ބަލާލި ކަމަށް ވިޔަސް ކުރިއަށް އޮތްތަނުގައި އިތުރު ކޭސްތައް ފެނުމުގެ ފުރުސަތު ވަރަށް ބޮޑު،"

އެންމެ ބޮޑު ކްލަސްޓާގެ ގޮތުގައި ޑރ. އަފްޒަލް ފާހަގަކުރެއްވީ ބާޒާރުމަތީ ކްލަސްޓާ އެވެ. މިއަދުވެސް ގިނަ މީހުން ޕޮޒިޓިވްވީ އެ ކްލަސްޓާއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފާހަގަކޮށްލެވޭ އެއް ކަމަކީ ބާޒާރުމަތީ ކްލަސްޓާ، ބޯޒެޑްއެމް ކްލަސްޓާއަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު ކޮންޓެކްސްއިން ކްލަސްޓާ ކަމުގައި. މި ކްލަސްޓާއިން އަޅުގަނޑުމެންނަށް އިތުރު މީހުން ފެންނަމުން މިދަނީ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭގެ އިތުރުން ހުޅުމާލޭގެ ކޮވިޑް ވިލެޖްގެ ކްލަސްޓާވެސް ވަރަށް ބޮޑު ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. ކޮވިޑް ވިލެޖުގައި މަސައްކަތް ކުރި ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވުމުން އެތަނުގެ މަސައްކަތް މިހާރު އޮތީ ހުއްޓިފަ އެވެ.

"އިތުރަށް ބަލާލާއިރު ސީއޯވީ ކްލަސްޓާ މިއީ އަޅުގަނޑުމެންގެ ކޮވިޑް ވިލެޖާ ގުޅިފައިވާ ކްލަސްޓާ. މިއީވެސް ވަރަށް ބޮޑު ކްލަސްޓާއެއް،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީސޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، 8008 މީހުންގެ ސާމްޕަލް މިހާތަނަށް ނެގިފައިވާ ކަމަށެވެ. އޭގެ ތެރެއިން 396 ޕޮޒިޓިވްވި މީހުން ފެނިފައިވާއިރު އަދި ނަތީޖާ ނުލިބޭ 797 ސާމްޕަލެއް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.