ލ. ގަމު އައްސޭރި ޕްރޮޖެކްޓް "ޖޭ ހޮޓަލްސް އެންޑް ރިސޯޓްސް އަށް" އެވޯޑު ކުރުމަށް ނިންމުމަށް ފަހު އެ ނިންމުން ބާތިލްކުރި ފަހުން އަލުން އެ ޕްރޮޖެކްޓް ޖޭ ހޮޓަލްސް އަށް ދިނުމަށް ކެބިނެޓުން ނިންމައިފި އެވެ.

މެދުފަންތީގެ ޓޫރިސްޓް ޒޯނެއް ގަމުގައި ތަރައްގީ ކުރުމަށް 19 ހެކްޓަރުގެ ބިން ޖޭ ހޮޓެލެސް އަށް 50 އަހަރަށް ކުއްޔަށްދޭން އަލުން ނިންމީ އިއްޔެ ބޭއްވި ކެބިނެޓްގެ ބައްދަލުވުމުންނެވެ.

އެގޮތަށް ނިންމި އިރު މިދިޔަ މަހުގެ 29 ވަނަ ދުވަހު ކެބިނެޓުން ނިންމީ ޖޭ ހޮޓެލްސް އަށް އެވޯޑް ކޮށްފައިވާ އައްސޭރި ޕްރޮޖެކްޓް "އިހަށް ފަސް ކޮށްލުމަ"ށެވެ.

އިއްޔެގެ ނިންމުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ މިއަދު ވިދާޅުވީ ޖޭ ހޮޓަލްސް އަށް އެވޯޑްކޮށްފައިވާ ޕްރޮޖެކްޓް ކުރިއަށް ނުގެންދަން ކެބިނެޓުން މީގެ ކުރިން ނިންމެވީ އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމުގެ ޝައުގުވެރިކަން ހުންނެވިލެއް ބޮޑުކަމުން ބައެއް މައުލޫމާތުތައް ފުރިހަމަ ނުކުރައްވައި އެ މައްސަލަ ކެބިނެޓަށް ފޮނުއްވުމުން ކަމަށާއި އެ މައުލޫމާތުތައް ފުރިހަމައަށް ހުށަހަޅާ ބަހުސްކުރުމުން އެ ޕްރޮޖެކްޓް ކުރިއެކޭ ވެސް އެއްގޮތަށް ޖޭ ހޮޓަލްސްއާ އެކު ކުރިއަށް ގެންދިޔުމަށް ކެބިނެޓަށް އެއްބަސްވެވުނު ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމެއް އައްސޭރި ޕްރޮޖެކްޓަކީ. އަޅުގަނޑުމެން ދެ ޕާޓީން (ސަރުކާރުން އަދި ޖޭ ހޮޓަލްސް އިން) ވެސް އެކަން ކުރިއަށް ގެންދިޔުމަށް ހުރި ޝައުގުގައި އަވަސް އަރުވާލައިގެން އަޅުގަނޑަށް އެ މައްސަލަ ކެބިނެޓަށް ގެންދެވުނީ. އެފަހަރު އެހެންވެ ނިންމީ އެ ޕްރޮޖެކްޓް މަޑުޖައްސާލަން. މައުލޫމާތުތައް ފުރިހަމަ ކުރީމާ ކެބިނެޓުން ނިންމީ ޖޭ ހޮޓަލްސް އާ އެކު ކުރިއަށްދާން. ޖޭ ހޮޓަލްސްއަކީ ހަމަ އެކަނި ސަރުކާރުން ބޭނުންވާ ގޮތަށް އެ ޕްރޮޖެކްޓް ގެންދަން ހުށަހެޅި ފަރާތް،" ޒުލްފާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ޖޭ ހޮޓަލްސްގެ ޗެއާމަން އަދި އެމްޑީޕީގެ ފަންޑް ރެއިޒިން ކޮމެޓީގެ ޗެއާމަންކަން ވެސް ކުރައްވާ އަބްދުﷲ ޖާބިރު ވަނީ އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުގެ ފަސް ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޭ ހޮޓަލްސް އަށް އެވޯޑު ކުރި އެ ޕްރޮޖެކްޓް އަލުން ދޭން ނިންމުމުން ޖާބިރު ސިންގަޕޫރުގައި ހުންނަވައި މިއަދު "ސަން" އަށް ވިދާޅުވީ އެގޮތަށް ނިންމި ކަމުގެ މައުލޫމާތު ލިބުމުން އެ މައްސަލަ ކޯޓަށް ނުވައްދަން ނިންމާފައިވާ ކަމަށާއި ސަރުކާރުގެ އެ އަމަލަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް އެދެނީ ސަރުކާރުން ނިންމާ ނިންމުންތަކާ އެއްގޮތަށް އަމަލުކުރުމަށް. ނިންމުތަކުގައި ހިފަހެއްޓުމަށް. އަޅުގަނޑުމެން ކުރިން ތެދުވީ ވެސް އެކަމާ ގުޅިގެން. އުންމީދު ކުރައްވަނީ މިގޮތަށް ހުރިހާ ކަމެއްގައި ވެސް އަމަލުކުރައްވާނެ ކަމަށް،" ޖާބިރުވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ކޮންޓްރެކްޓުގައި ސޮއި ކުރެވޭ ވަރު ވާނެ ކަމަށެވެ.
އައްސޭރި ޕްރޮޖެކްޓްގެ ދަށުން މެދުފަންތީގެ ޓޫރިސްޓުންނަށް ހާއްސަކޮށްގެން 1500 އެދު ތަރައްގީ ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ހަމަ އެ ފެންވަރުގެ ދެ ހޮޓަލާއި، ކުޅިވަރު ކުޅޭނެ ތަންތަނާއި ޝޮޕިން ކޮމްޕްލެކްސްތައް ފައްކާ ކުރުމަށް ވަނީ ނިންމާފަ އެވެ.

ޖާބިރު ވިދާޅުވީ އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށާއި އެތަނުގައި އެކި ހިދުމަތްތައް ތަރައްގީކުރުމަށް އެކި ފަރާތްތަކަށް ހުޅުވާލައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ވިސްނަނީ ކޮންސޯޓިއަމް ފައިނޭންސް( އެކި ފަރާތްތަކުން އިންވެސްޓްކޮށްގެން) ހޯދައިގެން އެތަން ޑިވަލޮޕްކުރުމަށް. އެގޮތުން ޓޫރިޒަމް ވިޔަފާރީގެ އެކި ފަރާތްތަކަށް އެތަނުގައި އިންވެސްޓް ކުރުމުގެ ފުރުސަތު އޮންނާނެ. އަޅުގަނޑުމެން އެންމެނާ ވެސް ގުޅިގެން މިކަން ކުރިއަށް ގެންދަވާނީ." ޖާބިރު ވިދާޅުވި އެވެ