މިދިޔަ ބުދަ ދުވަހު އަރައިގެން އައި އިރާއެކު އިވުނީ ޤަބޫލުކުރަން އެންމެ ފަސޭހަ ޚަބަރެއް ނޫނެވެ. އިންޑިއާއާއި މުޅި ދުނިޔެއިންވެސް އެތައް ބައެއްގެ ލޯތްބާއި ސަޕޯޓު ހޯދާފައިވާ ކުޅަދާނަ އެކްޓަރު އިރުފާން ޚާންގެ މަރުގެ ޚަބަރެވެ. ކޯލޯން އިންފެކްޝަނެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވި ޚަބަރާއެކު މުޅި އިންޑިއާ އޮތީ ކަރުނަ އަޅާ ހާލުގައެވެ. އެ ކަރުތައް ލޮލުން ރަނގަޅަށް ފުހެނުލެވެނި އުޅެނިކޮށް އިއްޔެ އިވުނު ޚަބަރަކާއެކު މުޅި އިންޑިއާވެސް އިތުރު ހިތްދަތިކަމެއް ލިބިގެންދިޔައެވެ.

އާންމުންނާ ހަމައަށް ވަރުގަދަ މޮޅު ފިލްމުތަކެއް ގެނެސްދީފައިވާ ރިޝީ ކަޕޫރުގެ މަރުގެ ޚަބަރާއެކު މުޅި އިންޑިއާއަށް އިތުރު ހިތްދަތިކަމެއް ލިބިގެންދިޔައެވެ. ފިލްމީ ދާއިރާއަށް ބޮޑު ނިކަމެތިކަމެއް ލިބިގެންދިޔައެވެ. ހަމަގައިމުވެސް މި ހަފްތާއަކީ މުޅި އިންޑިއާއަށްވެސް ކަޅު އަނދިރި ހަފްތާއެކެވެ. ބޮލީވުޑްގެ އެންމެ ވަރުގަދަ ދެތަރިންގެ މަރުގެ ޚަބަރު އިވިގެންދިޔައީ އެންމެން ރޮއްވާލަމުންނެވެ.

ބޮމްބޭއަށް އުފަން ރިޝީ ކަޕޫރު ނިސްބަތްވަނީ ޕަންޖާބް އާއިލާއަކަށެވެ. ޗިންޓޫ އަންކަލްގެ ނަމުން މަޝްހޫރުވި ރިޝީ ކަޕޫރު ނިސްބަތްވަނީ ފިލްމީ އާއިލާއަކަށެވެ. ހިންދީ ސިނަމާތަކުގެ ފުރަތަމަ އާއިލާ ކަޕޫރް އާއިލާއަށް ނިސްބަތްވާ ރިޝީ އަކީ ފިލްމު އިންޑަސްޓްރީއަށް އާ ނަމެއް ނޫނެވެ. ރިޝީގެ ބައްޕަ ރާޖް ކަޕޫރަކީ ވެސް ބޮލީވުޑްގެ އެކްޓަރެކެވެ. ކުޅަދާނަ ޕްރޮޑިއުސަރެއްވެސް މެއެވެ. ޑައިރެކްޓަރެއްވެސް މެއެވެ. ރިޝީއަކީ ރާޖް ކަޕޫރުގެ ދެވަނަ ދަރިފުޅެވެ. އޭނާއަކީ ރާޖް ކަޕޫރުގެ ފަސް ދަރިންގެ ތެރެއިންވެސް ބޮލީވުޑްގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން ފައިތިލަ ސާބިތުކުރި އެންމެ ވިދުން ގަދަ ތަރިއެވެ. ރިޝީގެ އަންހެނުން ނީތޫ ސިންހް އަކީވެސް ބޮލީވުޑްގެ ކުޅަދާނަ އެކްޓަރެކެވެ.

ގިނަ ބަޔަކު ރިޝީ ސިފަކުރަނީ ހިތްހެޔޮ އޯގާތެރި ކަމަށްކަމޭހިތާ މީހެއްގެ ގޮތުގައެވެ. އޭނާ ފިލްމީ ކެރިއަރު ފަށައިގަތީ ބައްޕަގެ ފަހަތުންނެވެ. އުމުރުން ތިން އަހަރުގެ ތުއްތު ކުއްޖެއްގެ ރޯލުން ރިޝީ ފެނިގެންދިޔައީ 1955 ގެ ކާމިޔާބު ފިލްމު "ޝްރީ 420"އިންނެވެ. އެ ފިލްމަކީ އޭނާގެ ބައްޕަ ލީޑު ރޯލު ކުޅުނު ފިލްމުވެސްމެއެވެ. ބައްޕަ ރާޖް އާއެކު ރިޝީ ފިލްމު ކެރިއަރު ފެށީ އެހާމެ ތުއްތުއިރުއެވެ. އެ ފިލްމަށްފަހު ރިޝީ ދެން ސްކްރީނުން ފެނިގެންދިޔައީ 1970 ގައި ގެނެސްދިން "މޭރާ ނާމް ޖޯކަރް"އިންނެވެ. ޒުވާން އުމުރުގައި އޭނާ ކުޅުނު މި ފިލްމުން ރިޝީ ވަނީ ބެސްޓް ޗައިލްޑް އާޓިސްޓްގެ ނެޝަނަލް އެވޯޑް ހާސިލްކޮށްފައެވެ.

ރިޝީ ކަޕޫރު އޭނާގެ ބައްޕަ އާއެކު---

އާ އުންމީދުތަކަކާއެކު ފިލްމީދާއިރާގައި ރިޝީ މަސައްކަތްކުރަން ފެށީ އިންޑަސްޓްރީއަށް ރީތި ނަމެއް ހޯދައިދޭށެވެ. ރީތި މޮޅު ފިލްމުތަކެއް އާންމުންނަށް ދޫކޮށްލައި އާންމުން ހެއްވާލުމަށެވެ. އެގޮތުން ކާމިޔާބު އެކްޓަރު ރިޝީ އެންމެ ފުރަތަމަ އިސްކޮށް ހުރެ ފިލްމެއް ކުޅެލަން ލިބުނީ އުމުރުން 21 އަހަރުގައި އޭނާގެ ބައްޕަ ރާޖް ކަޕޫރު ޑައިރެކްޓްކުރި ފިލްމު "ބޮބީ"އިންނެވެ. ސިނަމާގައި ވިދާލި އެ ފިލްމުގެ ލަވަތަކަކީ ވެސް މިއަދުވެސް އާންމުންގެ ހިތުގައި ބިންވަޅު ނެގިފައިވާ ލަވަތަކެކެވެ. އޭގެ އެންމެ ބޮޑު ހެއްކެތް ގޮތުގައި ސިފަކުރަނީ އެ ފިލްމުގެ ލަވަ ""ހަމް ތުމް އޭކް ކަމްރޭ ބަންދު ހޯ"ގެ ގިނަ ރިމިކްސްތަކެއް މިއަދުވެސް އިވިގެން ދިޔުމެވެ.

ރިޝީ ކަޕޫރު---

އެ ފިލްމަށްފަހު "ޒަހްރީލާ އިންސާން" ރިޝީ ކުޅުނީ އޭނާގެ ހަޔާތުގެ ބައިވެރިޔާ ނީތޫ ސިންހް އާއެކުގައެވެ. 100 އަށްވުރެ ގިނަ ފިލްމުތަކުން ފެނިގެންދިޔަ ރިޝީގެ މުޅި ފިލްމީ ކެރިއަރު ވަރަށް ދިގެވެ. 1980 ވަނަ އަހަރު ދެތަރިން ކައިވެނީގެ ގޮށް ޖަހާލިއިރު ރިޝީ މަރުވުމާ ހަމައަށްވެސް ދެމިތިބީ އެގޮތަށެވެ. ލޯތްބާއި އިޚްތިރާމް އަބަދުވެސް ދެތަރިންގެ ދެމެދުގައި ވާކަމަށް ގިނަ ބަޔަކު ބުނެއެވެ.

އޭނާ މަރުވިއިރު އޭނާގެ އަންހެނުން ނީތޫ ސިންހް އާއި ދެމަފިރިންގެ ދަރިފުޅު ރަންބީރު ކަޕޫރު އަދި ރިދިމާ ކަޕޫރު ދުނިޔޭގައި އެބަހުއްޓެވެ. ރިޝީގެ ދަރިފުޅު ރަންބީރަކީވެސް މިއަދު ބޮލީވުޑްގައި ނަން މަޝްހޫރު އެއް އެކްޓަރެވެ. 2018 ވަނަ އަހަރު އޭނާ ކުޅުނު "ސަންޖޫ" އަށް ފަހު ރަންބީރު 18 މަސް ދުވަސް އެމެރިކާގައި ހޭދަކުރީ އޭނާގެ ބައްޕަ ގާތުގައެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޝީ ޓްވީޓްކޮށްލީ އޭނާ ފިލްމީ ދާއިރާއަށް ކުޑަ ދުވަސްކޮޅަކަށް ދުރަންދާން ޖެހޭ ކަމަށް ބުނެއެވެ. ބަލިވެ އުޅުމާ ގުޅިގެން ފަރުވާކުރުމަށް އިންޑިއާއިން ބޭރަށް ދާކަން އެނގުނު ނަމަވެސް އޭނާ އަށް ޖެހުނު ބަލި އޭރުވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރު އޭނާގެ އާއިލާއިން ބުނީ ރިޝީގެ ބައްޔަކީ ކެންސަރުކަމަށެވެ. އެމެރިކާގައި ފަރުވާ ހޯދުމަށް ފަހު އޭނާ އެނބުރި އިންޑިއާ އަށް ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އިންޑިއާއަށް އެނބުރި ގޮސް ފިލްމީ މަސައްކަތުގައި ހަރަކާތްތެރިވާން ފެށިއިރު އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އިމްރާން ހާޝިމީ އާއެކު "ދަ ބޮޑީ" އިންނެވެ.

ރިޝީ ކަޕޫރާއި އޭނާގެ އަންހެނުން ނީތޫ---

ރިޝީގެ ހުނަރު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ހިޓް ފިލްމުތަކުގެ ތެރޭގައި ރަފޫ ޗައްކަރް (1975)، އަމަރް އަކްބަރު އެންތަނީ (1977)،ސާގަރް (1985)، ޕްރޭމް ގްރާންތު (1986)، ދީވާނާ (2002)، ލައިލާ މަޖްނޫ (1976) އަދި ކޫލީ(1983) ފަދަ ފިލްމުތައް ހިމެނެއެވެ.

ރިޝީ ވަނީ އޭނާ ލީޑު ރޯލުން ފެނިގެންދިޔަ ފުރަތަމަ ފިލްމު "ބޮބީ" އިން އެންމެ މޮޅު އެކްޓަރުގެ މަގާމު ހޯދާފައެވެ. ގިނަ ފިލްމުތަކަކުން އެވޯޑް ހާސިލްކުރި ބަތަލު ވަނީ ފިލްމުތަކުގައި ސަޕޯޓިން ރޯލުކުޅެ އެތައް ފަހަރެއްގެ މަތިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ މަގާމުވެސް ހޯދާފައެވެ. 2008 ވަނަ އަހަރު ފިލްމް ފެއާ އެވޯޑުން ދިން ލައިފް އެޗީވްމަންޓް އެވޯޑްވެސް ދީފައިވަނީ ރިޝީއަށެވެ.

ރިޝީ ކަޕޫރާއި އޭނާގެ އަންހެނުންނާ ދެދަރިންނާއެކު---

އެ އެވޯޑުތަކުގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ހާއްސަ އެވޯޑަކީ ރަޝިޔާ ސަރުކާރުން ރިޝީ ސިނަމާގައި ކޮށްފައިވާ ޚިދުމަތްތައް ފާހަގަކޮށް ދިން އެވޯޑެވެ. އެއީ 2009 ވަނަ އަހަރުއެވެ.

މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރު---

ރިޝީ ކަޕޫރު މަރުވުމާއެކު ގިނަ ބަޔަކު ހިތާމަފާޅުކުރަމުން އަންނައިރު ބޮލީވުޑްގެ ގިނަ ތަރިންނެއް ވެސް އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. އެންމެންގެ ހިތުގައި ވެސް ބިންވަޅު ނެގިފައިވާ ރިޝީ ކަޕޫރު ސިފަކުރަނީ ކޮންމެ ރޯލަކަށް ވެސް ފިޓް، ބޮލީވުޑްގެ ރޮމޭންޓިކް ހީރޯ ލެޖެންޑެއްގެ ގޮތުގައެވެ.

ރިޝީ އޭނާގެ އާއިލާއާއެކު---

ހަމަގައިމުވެސް ރިޝީ ކަޕޫރު ވަކިވެގެންދިޔުމަކީ މުޅި ސިނަމާއަށް އަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ގެއްލުމެކެވެ. ގިނަ ހަނދާންތަކެއް ދޫކޮށްލައިފައި ރިޝީ ކަޕޫރު ވަކިވެދިޔައީ މުޅި ސިނަމާ ރޮއްވާލަމުންނެވެ. އިންޑިއާ ރޮއްވާލުމަށްފަހުއެވެ. އޭނާގެ ފޭނުންގެ ލޮލުން ކަރުނަ އޮހޮރުވާލަމުންނެވެ.