މިއަދު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއް ތަނަކުން ފެނުނު 95 މީހަކު ހިމެނޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު އެންމެ ފުރަތަަމަ ޕޮޒިޓިވްވީ 95 ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ 61 ބަންގްލަދޭޝް މީހުން 32 އިންޑިއާ މީހުން އަދި ނޭޕާލްގެ ދެ މީހެކެވެ.

މިރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކު ވިދާޅުވީ، މިއަދު ޕޮޒިޓިވްވި މީހުންނަކީ އެއް ތަނެއްގައި ދިރިއުޅޭ މީހުން ކަމަށެވެ.

މާލޭގައި ގިނަ އަދަދެއްގެ ބިދޭސީން ކޮވިޑް-19އަށް ޕޮޒިޓިވަމުންދާއިރު ގިނަ އަދަދެއްގެ ބިދޭސީން އެއް ތަނެއްގައި ދިރިއުޅޭ "ގެސްޓްހައުސް"ތައް އެޗްޕީއޭއިން ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެ ތަންތަން ބަލަހައްޓަނީ ފުލުހުންނެވެ.

މަބްރޫކު ވިދާޅުވީ، މިހާތަނަށް މޮނިޓަރިންނަށް ގެނެސްފައި ވަނީ 23 ތަނެއް ކަމަށާއި އެ ތަންތަނުގައި 1085 މީހުން ދިރިއުޅޭ ކަމަށެވެ. އެތަންތަނުގައި އުޅޭ މީހުންނަށް ރެޑް ކްރެސެންޓްއިން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ބިދޭސީން އެއް ތަނެއްގައި އުޅޭ އިތުރު ބައެއް ތަންތަންވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެތަންތަން މޮނިޓަރިންގެ ހާލަތަށް ގެނެސް މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިހާރު ގިނަ މީހުން ޕޮޒިޓިވްވަމުން ދަނީ ބާޒާރުމަތީ ކްލަސްޓާއިން ކަމަށެވެ. އެއީ މިހާރު އެންމެ ގިނަ ކޮންޓެކްޓްސް ފެނިފައިވާ ކްލަސްޓާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިއަދު އެކަނި ރާއްޖެއިން 119 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވި އެވެ. މިހާރު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 396 އެވެ.