ކޮލަންބޯ (30 އެޕްރީލް 2020) : ސްރީލަންކާއަށް ކޮރޯނާވައިރަސް 'ކޮވިޑް-19" ގެ ނުރައްކާ ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ޕާލަމެންޓްވެސް އުވާލާފައިވާތީ އާއި ޕާލަމެންޓްރީ އިންތިހާބުވެސް ބޭއްވޭނެ ގޮތެއްނެތުމުން އެގައުމަށް ގާނޫނީ ހުސްކަމެއް ކުރިމަތިވެއްޖެއެވެ.

ސްރީލަންކާގެ ސަރުކާރުން ބުނީ ޕާލަމެންޓްވެސް އުވާލާފައިވާތީ އާއި ޕާލަމެންޓްރީ އިންތިޚާބުވެސް ބޭއްވޭނެ ހާލަތު މިހާރު ނެތުމުން ސަރުކާރަށް ބޭނުންވާ ޚަރަދުތައް ކުރުމަށް ހުއްދަ ދޭނެފަރާތެއް ނެތުމުގެ މައްސަލަ މިމަހުގެ 30 ގެ ފަހުން (މިއަދުގެ ފަހުން) ކުރިމަތިވެފައިވާ ކަމުގައެވެ. ސްރީލަންކާ ޕާލަމެންޓް އުވާލާފައިވަނީ މިދިޔަ މާޗް މަހުގެ 3 ގައެވެ. އެއީ އެޕްރީލް 25 ގައި ޕާލަމެންޓްރީ އިންތިޚާބު ބޭއްވުމަށް ރާވައިގެންނެވެ.

ނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އަޅަންޖެހުނު ފުރަބަންދުގެ ފިޔަވަޅުތައް ދިގުލައިގެން ދިޔުމާއެކު އެތާރީޚުގައި އިންތިޚާބު ބޭއްވެން ނެތުމުން އިންތިޚާބު ވަނީ ޖޫންމަހު ބާއްވާގޮތަށް ލަސްކޮށްލާފައެވެ. ގާނޫނީ ހުސްކަން ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ދެން އަމަލުކުރާނެ ގޮތެއް ނިންމަންޖެހޭނީ ސްރީލަންކާގެ ސްޕްރީމް ކޯޓުންކަމަށް އެގައުމުގެ ގާނޫނީ ތަޖްރިބާކާރުން ދެކެއެވެ.

ސްރީލަންކާގެ އިދިކޮޅު ފަރާތްތަކުންވަނީ އުވާލާފައިވާ ޕާލަމެންޓް އަލުން މަސައްކަތް ކުރެވޭނެ ގޮތެއް ހެދުމަށް ސަރުކާރަށް ގޮވާލާފައެވެ. މި މައްސަލަ ހައްލުކުރާނެ ގޮތަކާބެހޭގޮތުން ސްރީލަންކާ ސަރުކާރުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ކެބިނެޓުން މިހާރު ގެންދަވަނީ އުވާލި ޕާލަމެންޓުގެ އަލުން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދައި ޕާލަމެންޓްގެ އެކްސްޓްރާ އޯޑޯނަރީ ބައްދަލުވުމެއް ބޭއްވުމާބެހޭގޮތުން ސްޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްރީލަންކާގައި ކޮވިޑް-19 އަދިވެސް ކޮންޓްރޯލް ނުކުރެވޭތީ ފުރަބަންދުގެ މުއްދަތު ދަންމާލުމަށް އެގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓުންވަނީ ނިންމާފައެވެ. ކޮވިޑް-19 ކުރުމަށް ސްރީލަންކާގައި ހިންގާ ގައުމީ އޮޕަރޭޝަން ކުރިޔަށް ގެންދަނީ ޑިޒާސްޓާ މެނޭޖްމަންޓާބެހޭ އިދާރާ އިސްކޮށް އޮވެގެން ސިއްހަތާބެހޭ މާހިރުންގެ ލަފާގެ މަތިންނެވެ.

ޕާލަމެންޓް އުވާލުމުގެ ކުރިން ސްރީލަންކާ ސަރުކާރުގެ އެދުމަށް ޕާލަމެންޓުން ވަނީ މިއަދުގެ ނިޔަލަށް ސަރުކާރަށް ބޭނުންވާ ޚަރަދުތައް ކުރުމުގެ ވަގުތީ ހުއްދައެއް ދީފައެވެ. ނަމަވެސް މިއަހަރުގެ ބަޖެޓް ފާސްކުރާނީ އައު ޕާލަމެންޓުން ކަމަށް ސަރުކާރުން ބޭނުންވާތީ އެކަންވަނީ ފަސްކޮށްފައެވެ. މިގޮތަށް ނިންމީ ކުރިޔަށްއޮތް އިންތިޚާބުން ޕާލަމެންޓުގެ ބޮޑު އަޣްލަބިއްޔަތެއް ވެރިކަންކުރާ ޕާޓީ ކަމަށް ރާޖަޕަކްސަގެ ޕޮޑުޖަނާ ޕެރުމުނާ ޕާޓީއާއި އެޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް ލިބޭނެ ކަމަށް ލަފާކޮށްފައެވެ. (ނޫސްއެޖެންސީތައް)