ކޮވިޑް ޖެހިގެން މީހަކު މަރުވި މައްސަލާގައި އިހުމާލެއް ވޭތޯ ހެލްތް މިނިސްޓްރީއިން ބަލަން ފަށައިފިއެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު މަރުވީ ރޭގެ ވަގުތެއްގަ އެވެ. އެއީ 83 އަހަރުގެ އައިމިނަތު އާދަމް އެވެ. އޭނާ ނިޔާވި މައްސަލާގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިހުމާލުއޮތް ކަމަށް އާއިލާއިން ދަނީ ބުނަމުންނެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ އެ މައްސަލައިގައި އިހުމާލެއް ވޭތޯ ހެލްތް މިނިސްޓްރީއިން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

"މިހާދިސާއާ ގުޅިގެން ހެލެތް މިނިސްޓްރީގެ ފަރާތުން މި މައްސަލަ ބެލުން ވަނީ ފައްޓާފައި. އޭގެ ތަފސީލުތައް ހޯދަމުން މިހާރުވެސް އެބަ ކުރިއަށްދޭ." މަބްރޫކު ވިދާޅުވި އެވެ.

އިއްޔެ މަރުވެފައިވާ އައިމިނަތު އާދަމްގެ ކޭސް ގުޅެނީ އެމްއެޗްއޭ ކްލަސްޓާއާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެ ކްލަސްޓާ ފެށިފައިވަނީ ކޭސް 72 އަކުން ކަމަށް އޭނާ ވިދާޅުވި އެވެ. 72 ވަނައަށް ޕޮސިޓިވްވި މީހާގެ ޕްރައިމެރީ ކޮންޓެކްޓަކީ 126 ވަނަ ކޭސް ކަމަށާއި 126 ވަނައަށް ޕޮސިޓިވްވި މީހާ އައިމިނަތު އާދަމް އާ ބައްދަލުވެފައިވާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

"ކޭސް 72 ވަނަ މީހާ ޕޮސިޓިވްވުމާ ގުޅިގެން ކޭސް 280 ދިރިއުޅޭ ބިލްޑިންގް ވަނީ މިމަހުގެ އެކާވީސް ވަނަ ދުވަހު ގެންދެވިފަ. އެ ބިލްޑިންގް މޮނިޓަރިންގެ ހާލަތަށް ގެންދެވުނު މައިގަނޑު ސަބަބަކީ އެމްއެޗްއޭގެ ދެ ޑްރައިވަރުން އެ ބިލްޑިންގައި އެހެން ބުރިއެއްގައި ދިރިއުޅެމުން ދާތީ." މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އެގެ މިނިޓަރިންގެ ހާލަތަށް ގެންގޮސް ސާމްޕަލްތައް ނަގައި ޓެސްޓް ހެދި އިރު 126 ވަނަ ކޭސް ޕޮސިޓިވްވެފައިވާ ކަމަށާއި އެ ކޭސްއާ ގުޅިގެން 280 ވަނަ ކޭސް ފާހަގަ ކުރެވުނު ކަމަށެވެ. 280 ވަނަ ކޭސްއަކީ ޕްރައިމެރީ ކޮންޓެކްޓެއް ކަން އެނގުނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އިއްޔެ މަރުވި 280 ވަނަ ކޭސްގެ މީހާގެ ސާމްޕަލް ނަގަން ރިއުއެސްޓްކޮށްފައި އޮތީ މިމަހުގެ 27 ވަނަ ދުވަހުގެ ފަތިހުކަން އެންއީއޯސީގެ އިންޓާނަލް ސިސްޓަމްތަކުން އެނގޭ ކަމަށެވެ.