އިސްލާމް ދީނުގެ ހުކުމްތަކާއި ދެކޮޅަށް ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކީ ދީނާ ހިލާފު ބަސްތަކެއް ކަމަށާއި އެކަމަށް ރައީސް މައާފަށް އެދިވަޑައިގަތުމަށް ޕީޕީއެމުން ގޮވާލައިފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ކައުންސިލް މެންބަރު ޑރ. އަފްރާޝީމް އަލީ ވިދާޅުވީ ރައީސް ނަޝީދު ދީނުގެ ހައްދުތަކާއި ގުޅޭ ގޮތުން ރޭ ދެއްކެވި ވާހަކަފުޅަކީ އިސްލާމް ދީން ފާޅުގައި ނައްތާލައި ބަލިކަށި ކޮށްލުމަށް ވިދާޅުވާ ބަސްފުޅެއް ކަމަށް މާނަ ދޭހަވާ ކަމަށާއި، އެކަމާއި ގުޅިގެން ތައުބާވާން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"ރައީސްގެ އެ ވިދާޅުވުމަކީ ސީދާ އިސްލާމީ ޝަރީއާއާ ހިލާފު ކަމެއް. އެހެންކަމުން ޕީޕީއެމްގެ ފަރާތުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އަފްރާޝީމް ވިދާޅުވި އެވެ.

އަފްރާޝީމް ވިދާޅުވީ އިސްލާމް ދީނުގެ ހުކުމްތައް ގާއިމްކުރަން ދިވެހިން ބޭނުންނުވާ ކަމަށް ރައީސް ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން އެއްވެސް ދިރާސާއެއް ނުހައްދަވާ ކަމަށާއި، އެފަދަ ބަސްފުޅެއް ވިދާޅުވުމަކީ ދިވެހި ރައްޔިތުންގެ ބޮލުގައި އެޅުވޭ ވަރަށް ބޮޑު ބަދުނާމެއް ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އިސްލާމް ދީނުގެ ހައްދުތަކުގެ ވާހަކަތަކަކީ އިސްލާމް ދީނުގެ އިލްމު އުގެނި ވަރަށް މުސްތަގިއްލު ހަރުދަނާ އިމާމުން ދައްކަވާ ވާހަކަތަކެއް ކަމަށާއި، ދީނީ އިލްމު ލިބިވަޑައިގެންފައި ނެތް ބޭފުޅުން އެފަދަ ވާހަކަތަށް ނުދެއްކެވުމަށް ވަނީ ގޮވާލާފަ އެވެ.

"މީސްތަކުން ގެ އީމާންތެރި ކަމަށް ބުރޫއަރާއަދި އިސްލާމް ދީނަށް ހީނަރުކަން ލިބޭ ވާހަކަތައް ދެއްކުން އެއީ ރައީސުލް ޖުމުހުރިއްޔާގެ ކިބައިން ފެންނަން ބޭނުންވާ ކަމެއް ނޫން. އެހެންކަމުން އެފަދަ ވާހަކަތައް ނުދެއްކުވުމަށް ރައީސް ނަޝީދަށް އަޅުގަނޑު ނަސޭހަތްތެރި ވަން،"

އަފްރާޝީމް ވިދާޅުވީ ރައީސް ނަޝީދު ދީނީ ކަންކަން އޮޅުވާލައްވަން ވާހަފުޅު ދައްކަވަމުން ގެންދަވާ ދަނޑިވަޅެއްގައި އިސްލާމިކް މިނސްޓަރު އަބުދުލް މަޖީދު އަބްދުލް ބާރީގެ ބަސްފުޅު ވަރަށް މުހިންމު ކަމަށާއި، ރައީސް ނަޝީދުގެ އެ ވާހަކަތަކާއި ގުޅޭ ގޮތުން މިނސްޓަރު އެއްޗެއް ވިދާޅުވާން ޖެހިވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ގަބޫލު ކުރާ ކަމަށެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބޭ ބައެއް ފަރާތްތަކަށް ލިޔުން ހަވާލު ކުރުމަށް ރޭ ހިރިޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމް ދީނުގައި ބަޔާން ކޮށްފައިވާ ހުކުމްތަކުގެ ތެރޭގައި ހިމެނޭ އަތް ކެނޑުމާއި ރަޖަމްކުރަން ދިވެހި ރައްޔިތުން ނޭދޭ ކަމަށާއި އިސްލާމް ދީނުގެ ހިމާޔަތުގައި އުފުލާ އަޑަކީ ހަރުކަށި އުސޫލުތައް ގާއިމްކުރަން އުފުލާ އަޑު ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Afrasheem Ali (mp3)