30 Apr 2020, 22:01
އިންޑިގާ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޗުނީ ގޮސްވަމީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު މަރުވެފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.
އިންޑިއާގެ ފުޓުބޯޅަ ތާރީހުގައި ވެސް އެންމެ ހުނަރުވެރި ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ ގޮސްވަމީ މަރުވި އިރު އޭނާގެ އުމުރަކީ 82 އަހަރެވެ. ގޮސްވަމީ ކެޕްޓަން ކަމުގައި އިންޑިއާއިން ސަރަހައްދީ ފުޓުބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި އިރު އޭނާ ވަނީ ފުޓުބޯޅައިގެ އިތުރުން ކްރިކެޓުގައި ވެސް އިންޑިއާގެ ބެންގަލް ޓީމުތަކުން ވިދާލައިފަ އެވެ.

އިންޑިއާ ޓީމުގެ ކުރީގެ ކެޕްޓަން ޗުނީ ގޮސްވަމީ ---
ގޮސްވަމީ އަކީ 1962 ވަނަ އަހަރު އިންޑިއާއިން އޭޝިއަން ގޭމްސްގެ ރަން މެޑަލް ހޯދި އިރު ޓީމުގެ ކެޕްޓަންކަން ކުރި ކުޅުންތެރިޔާ އެވެ. އޭގެ ދެ އަހަރު ފަހުން އޭޝިއަން ކަޕުގެ ފައިނަލަށް އިންޑިއާ ގެންދިއުމުގައި ވެސްގޮސްވަމީ ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. ނަމަވެސް އެ މުބާރާތަަށްފަހު އުމުރުން 27 އަހަރުގައި ގޮސްވަމީ ވަނީ ގައުމީ ޓީމުން ރިޓަޔާ ކޮށްފަ އެވެ.
ކުލަބު ފުޓުބޯޅައަށް ބަލާލާއިރު ގޮސްވަމީ އެންމެ ބޮޑު މަޝްހޫރު ކަމެއް ހޯދާފައި ވަނީ މޯހަން ބަގާން ޓީމަށް ކުޅުމުގެ ތެރެއިންނެވެ. މީގެ އިތުރުންގޮސްވަމީ ވަނީ ކަލްކަޓާ ޔުނިވާސިޓީއަށް ފުޓުބޯޅައާއި ކްރިކެޓް ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.
ގޮސްވަމީ މަރުވިކަން އޭނަގެ އާއިލާއިން މިއަދު ޔަގީންކޮށްދީފައިވާ އިރު އޭނާ މަރުވީ ހަކުރު ބައްޔަށާއި، ނާރުގެ ބޮޑެތި ބަލިތަކަކަށް ގިނަ އަހަރުތަކެއް ވަންދެން ފަރުވާ ހޯދާފައިވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
މީގެ އިތުރުން ގިނަދުވަސްތަކެއް ވަންދެން ކެންސަރަށް ފަރުވާ ހޯދަމުން އައި ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރިޝީ ކަޕޫރު ވެސް ވަނީ މިއަދުގެ ވަގުތެއްގައި މަރުވެފަ އެވެ. އަދި އެ ދާއިރާގައި މަސައްކަތް ކުރަމުން އައި ހުނަރުވެރި އެކްޓަރު އިރްފާން ޙާން ވެސް އިއްޔެގެ ވަގުތެއްގައި މަރުވެފައިވާ އިރު މި ވަގުތަކީ އިންޑިއާއަށް ނުހަނު ހިތާމަ ވެރި ވަގުތަކަށް ވާނެ އެވެ.