މަރުވުމުގެ ކުރިން އަދި އެއްފަހަރު ޓޮޓެންހަމަށް ކޯޗުކަން ކޮށްދީ، އޭނާ އެކުލަބުގައި ފެށި މަސައްކަތް ނިންމަން ބޭނުންވާ ކަމަށް އެޓީމުގެ ކުރީގެ ކޯޗު މޯރީސިއޯ ޕޮޗެޓިނިއޯ ބުނެފި އެވެ.

އާޖެންޓީނާއަށް އުފަން ޕޮޗެޓީނޯ އަކީ ޓޮޓެންހަމުގެ ތާރީހުގައި ވެސް އެކުލަބަށް ކޯޗުކަންކޮށްދިން އެންމެ ކާމިޔާބު އެއް ކޯޗެވެ. ޓީމާ ހަވާލުވެގެން އިރުޝާދު ދިން ފަސް އަހަރުގެ ތެރޭގައި ކުޅުނު ހަތަރު ސީޒަނުގައި ވެސް އޭނާ ވަނީ ޓޮޓެންހަމް ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމަނާފަ އެވެ. އަދި ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރަކަށް ވެސް ހަދައިދީފަ އެވެ

އެގޮތުން އޭނާ ވަނީ ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތްކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޓޮޓެންހަމަށް މިދިޔަ އަހަރު ފުރުސަތު ހޯދައިދީފަ އެވެ. އެ ފައިނަލަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް ޓޮޓެންހަމް ކުޅުނު ފުރަތަމަ ފައިނަލެވެ. ލިވަޕޫލުގެ އަތުން އެ މެޗުން ބަލިވި ނަމަވެސް ރިހި މެޑައްޔާ އެކު ޓޮޓެންހަމް ކުޅުންތެރިން ދަނޑުން ފޭބީ ހިނިތުންވުމާ އެކު އެވެ.

ނަމަވެސް 2019-2020 ވަނަ ސީޒަން ފަށައިގެން އައީ ކުލަބު އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. ގިނަ މެޗުތަކަކުން ބަލިވަމުން އައިސް ތާވަލުގެ ފަހަތަށް ދާން ފެށުމުން ކުލަބުގެ މެނޭޖްމަންޓުން ކޯޗު ޕޮޗެޓީނޯ ވަކިކޮށް 24 ގަޑި އިރު ނުވަނީސް ހޯސޭ މޮރީނިއޯ އެ މަގާމަށް ހަމަޖެއްސި އެވެ.

ކަލަބުން އެވަގުތު އެހެން ކަންތައް ކުރި ނަމަވެސް ޓޮޓެންހަމާއި ދޭތެރޭ ޕޮޗެޓީނީގެ ހިތުގައި އުފެދިފައިވާ ލޮއެއްބަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އޭނާ ބުނެ އެވެ. އަދި މުސްތަގުބަލުގައި އަލުން އެ ޓީމާއި ހަވާލުވާން ފުރުސަތެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

"ހަޔާތުގެ ވަރަށް އުފާވެރި ދަތުރެއް މި ކުލަބާ އެކު ކުރެވުނީ. އެކަމަކު އެންމެންނަށް ވެސް އެނގޭނެ ފަދައިން ދަތުރުގެ ނިމުން އައީ ހިތާމަވެރި ގޮތަކަށް،" ޕޮޗެޓީނީ ބުންޏެވެ.

އޭނާ ބުނީ، ޓޮޓެންހަމާއި ދޭތެރޭ ހިތުގައި އުފެދިފައި އޮތީ ވަރަށް މަތިވެރި ގަދަރެއް ކަމަށެވެ. އަދި އެކަން ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ބޭނުން މަރުވުމުގެ ކުރިން އަދި މި ކުލަބަށް ކޯޗުކަން ކޮށްދީ އަހަރެން ފެށި މަސައްކަތް އަލުން ނިންމަން."

ކުލަބުގެ އޯވްނާޝިޕް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ނިއުކާސަލްއިން ދާދި ފަހުން ވަނީ ޕޮޗެޓީނޯ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.