ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ކުވައިތުގެ ފޮރިން މިނިސްޓަރު ޝައިޚް ޑރ. އަހުމަދު ނާސިރު އަލްމުހައްމަދު އަލްއަހުމަދު އަލްޖާބިރު އަލްސަބާހްއާ މިއަދު ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީއިން ބުނި ގޮތުގައި، އެ ފޯން ކޯލުގައި ދެބޭފުޅުން ވަނީ ކޮވިޑް-19 އާ ގުޅިގެން ދެގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ކުވައިތުގެ ސަރުކާރުންނާއި ސިއްހީ ދާއިރާއިން އަޅާފައިވާ ފިޔަވަޅުތަކަށް މިނިސްޓަރު ޝާހިދު ތައުރީފު ކުރެއްވިއެވެ.

އޭގެ އިތުރުން، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރުތަކުން ސަލާމަތްވުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ކުވައިތުގެ ފޮރިން މިނިސްޓަރާ މަޝްވަރާކުރެއްވިއެވެ. އަދ މިހާތަނަށް ކުވެއިތުން ރާއްޖޭގެ ތަރައްގީއަށް ވެދީފައިވާ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.

ކުވެއިތަކީ ރާއްޖޭގައި ހިންގުމު އުމްރާނީ ތަރައްގީގެ ވަރަށް ބޮޑެތި މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ގައުމެކެވެ. މިހާރުގެ ވެލާނާ އެއާޕޯޓުގެ ތަރައްގީއަށްވެސް އެގައުމުން އެހީ ދީފައިވެއެވެ.