ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ތަން ކަމަށްވާ ޅ. ކުރެއްދޫ ރިސޯޓަށް އަރާ ފޭބުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދީފި އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްތައް ފެނުނީ މިދިޔަ މާޗް މަހުގެ ހަތް ވަނަ ދުވަހު އެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ. އެ މީހުންގެ ގަޔަށް ވައިރަސް އެރި ކަމަށް ބެލެވުނީ، ކުރެއްދޫގައި މަޑުކޮށްފައި ފުރި ފަހުން ވައިރަހަށް ޕޮޒިޓިވްވި އިޓަލީ މީހެއްގެ ގައިންނެވެ.

ކުރެއްދޫގައި ހުރެފައި ދިޔަ އިޓަލީ މީހާ ޕޮޒިޓިވްވިކަން އެނގުމުން ހައެއް މާޗްގައި އެ ރަށުން އަރައި ފޭބުން ކަމާ ބެހޭ ފަރާތްތަކުން މަނާކުރި އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެ ރިސޯޓުގެ 650އެއްހާ މުވައްޒަފުން ތިބީ ކަރަންޓީނުގަ އެވެ.

އެހެންނަމަވެސް، އެ ރިސޯޓަށް އަރައި ފައިބަން އަލުން އެޗްޕީއޭއިން ހުއްދަ ދީފައިވާކަން މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

މި މަހުގެ 12 ވަނަ ދުވަހު ސަރުކާރުން ވަނީ ކުރެއްދޫގައި ތިބި ހުރިހާ އެންމެން ކޮވިޑް-19އަށް ޓެސްޓު ކުރަން ނިންމައިފަ އެވެ. އެ ޓެސްޓުތަކުން އެއްވެސް ޕޮޒިޓިވް ކޭސްއެއް ފެނިފައެއް ނުވެ އެވެ.

ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވީ ޖުމްލަ ހަ މީހުންނެވެ. އޭގެ ތެރޭގައި އެ ރިސޯޓުގެ ބިދޭސީ މުވައްޒަފުންނާއި ޓޫރިސްޓުން ހިމެނެ އެވެ.

ކޮވިޑް-19 ޖެހިފައި ހުރެ ކަމާ ބެހޭ ފަރާތްތަކަށް އަލާމްތައް ފެންނަކަން ނާންގައި ކުރެއްދޫއިން އިޓަލީގެ ފަތުރުވެރިއާ އަނގުރާ ގައުމަށް ފުރި މައްސަލައިގައި ފުލުހުން ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. އެކަމާ ގުޅިގެން ފުލުހުންގެ ޓީމުތައް މީގެ ކުރިން އެ ރިސޯޓަށް ގޮސްފައިވެ އެވެ.