30 Apr 2020, 17:13
ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މަރުވި ފުރަތަމަ މީހާގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ކޮވިޑްގައި ރާއްޖެއިން މަރުވި ފުރަތަމަ މީހަކީ އައިމިނަތު އާދަމް 83އ އެވެ. އޭނާ މަރުވެފައިވަނީ ކޮވިޑް-19އަށް އޭނާ ޓެސްޓު ކުރަން ސާމްޕަލް ނަގާފައި ވަނިކޮށެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުންނެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އައިމިނަތު އާދަމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް މިއަދު އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވި އެވެ.
އައިމިނަތުގެ މަރާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އެއީ އޭނާ އަކީ ޑައިރެކްޓު ކޮންޓެކްޓަކަށްވީއިރު އޭނާ ޓެސްޓު ކުރަން ސާމްޕަލް ނެގުން ލަސްވުމުންނެވެ.
އައިމިނަތުގެ ޖަނާޒާ ބޭއްވީ ރޭގެ ވަގުތެއްގަ އެވެ. އޭނާ ހިނަވައި އާސަރަހަރާގައި ވަޅުލުމުގެ ކަންކަން ކުރީ ސިފައިންނެވެ.