ކޮރޯނާވައިރަސް، ކޮވިޑް-19 ޖެހިފައިވާ 95 ކޭސް މިއަދު ފެނިފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހަމާކޮށްފި އެވެ.

އެޗްޕީއޭއިން ދާދި ދެންމެއަކު ހާމަކުރި ގޮތުގައި މިއަދު ފެނުނު ކޭސްތަކުގައި ހިމެނީ، 61 ބަންގްލަދޭޝް މީހަކާއި 32 އިންޑިއާ މީހެއް އަދި ނޭޕާލްގެ ދެ މީހެކެވެ.

އެ އޮތޯރިޓީއިން ބުނި ގޮތުގައި މިއަދު ޕޮޒިޓިވްވި ފަރާތްތަކަކީ، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަނުން ނެގުނު ސާވަޔަލަންސް ސާމްޕަލްތަކުގެ ތެރޭގައި ހިމެނޭ މީހުންނެވެ.

އެ މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިޔުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއަދު އެކަނި 95 މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، މިއީ އެއް ދުވަހުން އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ފަހަރެވެ. މިއަދު ޕޮޒިޓިވްވި 95 މީހުންނާ އެކު މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބީ 394 މީހުންނެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، މިއަދު ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގެ ލޮކްޑައުން އިއްޔެ އިތުރު 14 ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ.