ކައުންސިލްތަކުން އަންގާގޮތަށް ރަށްރަށުގައި ފިތުރު ޒަކާތް ދެއްކުމުގެ ކަންތައް ކުރިއަށް ގެންދަން އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މިއަހަރުގެ ފިތުުރު ޒަކާތް ބަލައިގަތުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ މާލޭގައި އޮންލައިކޮށް ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސާފައިވާ ކަަމަށެވެ. ނަމަވެސް އަތޮޅު ތެރޭގެ ރަށްތަކުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީއެއް ނަމަ ސިޓީ ކައުންސިލް މެދުވެރިކޮށް ކަމަށް އެ އިއުލާނުގައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ފިޔަވައި އެހެން ރަށްރަށުން ފިޠުރު ޒަކާތް ދައްކަންޖެހޭ އަގު އެރަށެއްގެ ކައުންސިލުން އާއްމުކުރާނެ ކަމަށެވެ.

ކޮންމެ ރަށެއްގައި އަގު ކަނޑައަޅާނީ އެރަށެއްގައި އަހަރުތެރޭ ކައިއުޅުނު ހަނޑުލާ ފުށުގެ ބާވަތްތަކުން އެރަށެއްގައި ހަޑުލާ ފުށް ލިބެން ހުންނަ އަގުތަކަށް ބެލުމަށްފަހު ފަޤީރުންނަށް ގެއްލުން ނުވާނެގޮތުގެ މަތިން ފަރުދަކަށް 2.4 ކިލޯއަށް ޖެހޭ އަގަށެވެ.

އެހެންކަމުން ޒަކާތް ދައްކާއިރު ޒަކާތް ދައްކަން ޖެހޭ އަދަދު ޔަގީންކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މާލޭގައި ޒަކާތް ދައްކުމަށް ހަމަޖެހިފައިވަނީ ދިރާގު ޕޭ އެންޑް ލައިފްސްޓައިލް އެޕްލިކޭޝަން އަދި އެސްއެމްއެސް، އުރީދޫ އެމް ފައިސާ އެޕްލިކޭޝަން އަދި އެސް އެމް އެސް، ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށެވެ. އޭގެ އިތުރުން އެމްއައިބީގެ އޮންލައިން ބޭންކިންގ "ފައިސާ ނެޓް" އަދި މޯބައިލް ބޭންކިންގ "ފައިސާ މޯބައިލް" ގެ ޒަރީއާއިން ޒަކާތްދެއްކޭނެ ގޮތްވަނީ ހަމަޖައްސާފައެވެ.