30 Apr 2020, 15:59
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މޭ މަހުގެ 30އާ ހަމައަށް ދިގު ދަންމާނެކަން ސަރުކާރުން އިއުލާންކޮށްފި އެވެ. އެކަން އިއުލާންކުރިކަން އަންގާ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނު މިއަދު ސޮއިކުރައްވާ ވަނީ ގަރާރެއް ނެރުއްވައިފަ އެވެ.
އެގަރާރުގައިބުނީ، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން މިހާރު އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މާޗް، 12، 2020 އިން ފެށިގެން މޭ، 31، 2020 އަށް ދެމެހެއްޓުމަށް ނިންމައި އެކަން އިއުލާން ކުރާ ކަމަށެވެ.
އެންމެ ފަހުން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުގެ ނިޔަލަށް ނިމުމަކަށް އަންނާނެ އެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާންކޮށްފައިވަނީ، މިދިޔަ މަހުގެ 12 ވަނަ ދުވަހު 30 ދުވަހަށެވެ އެވެ. އޭގެ ފަހުން މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރާ ދެވަނަ ފަހަރެވެ.
ގަރާރުގައި އިތުރަށް ބުނީ، ރާއްޖެ އިން ކޮވިޑް-19ގެ ފުރަތަމަ ކޭސް އެއް ފެނިފައިވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ކަމަށާއި އޭގެ ފަހުން އެ ބަލި ފެތުރުން އިތުރުވެފައިވާ ކަމަށެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރުމުގެ ނުރައްކާ ފުޅާ ދާއިރާއެއްގައި އަދިވެސް އޮތް ކަން ގަރާރުގައި ފާހަގަ ކުރަމުން ބުނަނީ، އާންމު ރައްޔިތުންގެ ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނަރަލް އޮފް ޕަބްލިކް ހެލްތް ލަފާ ދެއްވާފައިވާ ކަމަށެވެ.
އެހެން ކަމުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ހެލްތް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ދެމެހެއްޓުމަށް ނިންމީ ކަމަށް ވެސް ގަރާރުގައިވެ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމާ އެކު ވަގުތާއި ހާލަތަށް ރިޔާއަތްކޮށް ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުންގެންދިއުމުގެ ބާރު ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންދެ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދަށުން، މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މީހުން ބޭރަށް ނުނިކުމެވޭނެ ގޮތަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ސްކޫލްތައް ކޮލެޖް ޔުނިވަސިޓީތައް އަދި ސަރުކާރު ބަންދުކުރުން ހިމެނެ އެވެ. މީގެ އިތުރު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމާއި މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ ހުއްޓުވައިފަ އެވެ.