މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން، ލޮކްޑައުންގެ ސަބަބުން މާލެ ނާދެވި އެކި ތަންތަނުގައި ތާށިވެފައި ތިބި މީހުން މާލޭ ސިޓީ ކައުންސިލްއަށް އެކަން އަންގަން އެ ކައުންސިލުން އެދިއްޖެ އެވެ.

މާލޭ ސިޓީ ލޮކްޑައުން ކުރުމުން ހާއްސަ ހުއްދައެއް ހޯދައިގެން ނޫނީ މިހާރު މާލެއަށް ދަތުރެއް ނުކުރެވެ އެވެ. އެއާއެކު މާލޭ ސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އެކިއެކި ބޭނުމަށް ރަށްރަށަށް ދަތުރުކޮށް ދިޔަ މީހުން މިހާރު ތިބީ ރަށްރަށުގައި ތާށި ވެފައެވެ.

މާލޭ ސިޓީ ކައުންސިލްއިން މިއަދު ކުރި އިއުލާންއެއްގައި ވަނީ ތާށިވެފައިތިބި އެ ފަދަ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު ދޭއްގެ ކުރިން 9955788 އަށް މެސެޖުކުރުމަށް އެދިފައެވެ.

އެގޮތަށް މެސެޖުކުރާއިރު ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރާއި ދާއިމީ އެޑްރެސްއާއި އަތޮޅާއި ރަށާއި މިހާރު ދިރިއުޅޭ އެޑްރެސްއާއި މޮބައިލް ނަންބަރާއި މިހާރު އުޅޭ އެޑްރެސްގެ އިތުރުން މާލެއިން ފުރިތާރީހާއި ދަތުުރުކުރުމަށް ބޭނުންވަ ސަބަބު އަދި އީމެއިލް އެޑްރެސް ހިމެނުމަށް ކައުންސިލްއިން ވަނީ އެދިފއެވެ.

މާލޭ ސިޓީއިން ލޮކްޑައުން އިއުލާންކުރީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ސާދަ ދުވަހަށް ކުރި ލޮކްޑައުންއަށް ފަހު އަނެއްކާވެސް 14 ދުވަހަށް މިހާރު ވަނީ ލޮކްޑައުންއިތުރުކޮށްފައެވެ.