އިންޑިޔާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން 16 އަހަރުން ދަށުގެ ކުދިންގެ ބެލެނިވެރިންނަށް ދޫކުރަން އިއްޔެ ނިންމީ ޑިޕެންޑެންޓް ވިސާއެއް ނޫން ކަމަށާއި އެއީ ފެމިލީ މެމްބާ ވިސާ ކަމަށް އިންޑިޔަން ހައިކޮމިޝަނުން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ރާއްޖޭގައި ހުންނަ އިންޑިޔަން ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ ސީއެސް އަގަރުވާލު ވިދާޅުވީ ޑިޕެންޑެންޓް ]ބަރޯސާވުން[ ވިސާއަކީ އެމީހަކަށް ޑިޕެންޑްވާ މީހުންނަށް ދޫކުރާ ވިސާއެއް ކަމަށާއި އެ ވިސާ ދޫކުރަނީ އުމުރުން 16 އަހަރުން މަތީގެ ކުދިންގެ ބެލެނިވެރިނަށް ކަމަށެވެ.

"މިހާރު ދޫކުރަން މިހަމަޖެހުނު ވިސާއަކީ ފެމިލީ މެމްބާ ވިސާ، ނަމަވެސް ޑިޕެންޑެންޓް ވިސާ އާއި މި ވިސާ ހަމަ އެއްގޮތް ވާނެ،" އަގަރުވާލު ވިދާޅުވި އެވެ.

އަގަރުވާލު އަދި ވިދާޅުވީ ވިސާގެ ކަންތަކުގައި ދެ ސަރުކާރުގެ ދެމެދުގައި ސޮއިކުރުމަށް މަސައްކަތްކުރަމުން އަންނަ އެއްބަސްވުމުގައި ސޮއިކުރުމަށް އަދި ވަރަށް ދިގު މުއްދަތެއް ވެސް ހޭދަވެދާނެ ކަމަށެވެ. އަދި މިހާރު ދޫކުރަން ހަމަޖެއްސި ވިސާއަކީ ދިވެހި ބެލެނިވެރިންނަށް ކުރިމަތިވެފައިވާ މައްސަލަ މިހާރުން މިހާރަށް ހައްލުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށާއި އެގޮތަށް އެކަން ހަމަޖެހުނީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތްގުޅުމެއް ކަމަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްބަސްވުމުގައި ސޮއިކުރުމަށް އަދި ވަރަށް ދިގު މުއްދަތެއް ވެސް ހޭދަވެދާނެ، އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ބަލަން ޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެ. އެކަންތައްތަކަށް ވަގުތު ހޭދަވާނެ، ދިވެހި ބެލެނިވެރިންނަށް ކުރިމަތިވެފައިވާ މައްސަލަ މިހާރުން މިހާރަށް ހައްލުކުރެވެން އޮތީ މިގޮތަށް،" އަގަރުވާލު ވިދާޅުވި އެވެ.

އަގަރުވާލު ވިދާޅުވީ އުމުރުން 16 އަހަރު ނުވާ ކުދިންގެ ބެލެނިވެރިންނަށް ޑިޕެންޑެންޓް ވިސާ ހޯދަން މީގެ ކުރިން އެހެން އެއްވެސް ގައުމަކުން އެދިފައި ނުވާ ކަމަށެވެ. އަދި އެގޮތަށް އެ ވިސާ ނުލިބިގެން އެއްވެސް ގައުމަކުން އެކަން މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.