ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރޭތީ މީހުން އިޖުތިމާއީ ގޮތުން ގައިދުރުވޭތޯ ބަލަން އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ކެމެރާ ބޭނުންކުރަން އެމެރިކާގެ ބައެއް ކުންފުނިތަކުން ނިންމައިފިއެވެ.

ގިނަ ކުންފުނިތަކުން ބުނީ ވިޔަފާރިތައް ހުޅުވާލައިފައި ބޭއްވުމަށް އޭއައި ކެމެރާ ބޭނުންކުރުން ވަރަށް މުހިންމު ކަމަށެވެ. އެއާއެކު ކަސްޓަމަރުންނާއި މަސައަކަތްކުރާ މީހުންވެސް ގަވައިދާ އެއްގޮތަށް އިޖުތިމާއިީ ގޮތުން ގައިދުރުވެގެން އުޅޭތޯ ކަށަވަރުކުރެވޭނެކަމަށް ބުނެއެވެ.

ޝިކާގޯގެ ޕެޕާ ކޮންސްޓްރަކްޝަންގެ ނާއިބު ރައީސް ޖެން ސުއާތު ވިދާޅުވީ ބަޔަކު މީހުން ގައިދުރުވުމުގެ އުސޫލަށް ނުލަނބައިގެން އެ ސްޓޭޓް ބަންދުކުރާތަން ދެކެން ބޭނުން ނުވާ ކަމަށެވެ.

އެމެރިކާގެ މިޝިގިން ސްޓޭޓްގެ ދެ ޝޮޕިން ސެންޓަރުން ބުނީ ގައިދުރުވޭތޯ ބަލަން ހަރުކުރާ އޭއައި ކެމެރާތައް ދެ ހަފްތާގެ ތެރޭގައި ހަރުކުރާނެ ކަމަށެވެ.

މީގެ ކުރިންވެސް ކަސްޓަމަރުން އެއްޗެތި ގަތުމުގައި ހުންނަ އާދަތައް ބަލަން އެފަދަ ކެމެރާތައް ފިހާރަތަކުގައި ބޭނުންކޮށްފައިވެއެވެ.

އެ ކެމެރާ ސިސްޓަމްތަކުގެ އަގު 1000 ޑޮލަރަށް ވުރެ ތަންކޮޅެއް ބޮޑެވެ. އެކަމަކު ފިހާރަތަކުގައި ގާޑެއް ބަހައްޓައިގެން، މީހުން ގައިދުރުވޭތޯ ބެލުމަށްވުރެ މާ ހަރަދުކުޑަ ކަމެކެވެ. މީގެ ކުރިން އެގޮތަށް ގާޑުން ބަހައްޓައިން، އިޖުތިމާއީ ގައިދުރުކަން ބަހައްޓަން މީހުން ކައިރީ ބުނުމުން ހަމަނުޖެހުންތައްވެސް ހިނގާފައިވެއެވެ.