30 Apr 2020, 14:52
ސަރުކާރު ބަންދުކޮށްފައިވާ މުއްދަތު، އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް އިތުރު ކުރަން ރައީސް އޮފީހުން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.
ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުުގެ ހާލަތާ ގުޅިގެން ސަރުކާރު ބަންދުކުރުމަށް އެންމެ ފަހުން ނިންމާފައިވަނީ މިމަހުގެ 18 ގައެވެ. ނަމަވެސް ސަރުކާރު ބަންދުކުުރުމުގެ މުއްދަތެއްގެ ގޮތުގައި އޭރު ނިންމާފައިވަނީ މިއަދުގެ ނިޔަލަށެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި މާލޭގެ މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށްޓަކައި ސަރުކާރު ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މާލޭގެ ލޮކްޑައުންގެ ހާލަތު ވަނީ 14 ދުވަހަށް އިތުރުކޮށްފައެވެ. އެއާ ގުޅިގެން ސަރުކާރުވެސް ވަނީ މިއަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 14ގެ ނިޔަލަށް ލޮކްޑައުންގެ މުއްދަތު އިތުރުކުރުމަށް ނިންމާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިބެ ކުރެެވެން ހުރި މަސައްކަތްތައް، ގެއިން ކުރުމަށާއި ސަރުކާރުން އޮންލައިންކޮށް ފޯރުކޮށްދެވެން އޮތް ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް އޮފީސްތަކަށް އަންގާފައިވާ ކަމަށެވެ.
ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސެވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގާ އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އޭޖެންސީން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ރައީސް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ސަރުކާރު ބަންދު ނަމަވެސް، ބޭންކިން ހިދުމަތްތަކާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުން ދޭން ޖެހޭ އަސާސީ ހިދުމަތްތައް ދެމުން ގެންދާ ގޮތަށް ވެސް ރައީސް އޮފީހުން ވަނީ ހަމަޖައްސައިފަ އެވެ.