30 Apr 2020, 15:11
އަވަށްޓެރި ސްރީލަންކާއިން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެނުނު ކޭސްތަކުގެ ތެރެއިން އެންމެ ބޮޑު ކްލާސްޓާއަކަށް އެގައުމުގެ ނޭވީ މީހުން ހިމެނިއްޖެއެވެ.
ލަންކާގެ ނޭވަލް ބޭސްއަކުން ކޮރޯނާ ޖެހިފައިވާމީހުންގެ އަދަދު 248 އަށް ވަނީ އަރައިފައެވެ.
ފާއިތުވި 24 ގަޑިއިރުތެރޭވެސް 24 ނޭވީ ސިފައިންނަށް ބަލިޖެހުނުއިރު އެ މީހުންގެ ކައިރިވި ހަތް މީހަކަށް ވަނީ ބަލިޖެހިފައެވެ.
ބެލެވިފައިވާ ގޮތުގައި ނޭވީގެ ސިފައިންނަށް ބަލި ޖެހުނީ ކަރަންޓީނުކުރަން އުޅުނު މީހަކު ފިލުމުން އެ މީހާ ހޯދުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެއަށްފަހު އެ ނޭވީ މީހުން އެމީހުން ދިރިއުޅޭ ހިސާބުތަކަށް ދިއުމުން ބަލި އިތުރަސް ފެތުރުނީއެވެ.
މިހާތަނަށް ލަންކާގެ ނޭވީގެ 4000 ސިފައިން ކަރަންޓީނުކޮށްފައިވާއިރު އެމީހުންގެ އާއިލާތަކުންވެސް 242 މީހަކު ވަނީ ކަރަންޓީނުކޮށްފައެވެ.
މިހާތަނަށް ލަންކާގެ 649 މީހަކަށް ކޮވިޑް ޖެހިފައިވާއިރު ހަތް މީހަކު ވަނީ މަރުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަސް ދެބައިކުޅަ އެއްބައި މީހުންނަކީ ނޭވީ ސިފައިންނެވެ.
ސިފައިން ދިޔަ ހިސާބުތަކުގެ ތެރެއިން ހަތް ސަރަހައްދެއް އެއްކޮށް ވަނީ ބަންދުވެސްކޮށްފައެވެ. އެ ސަރަހައްދުން 1300 އެއްހާ މީހުން އަމިއްލަށް އައިސޮލޭޓްވާންވެސް މިހާރު ވަނީ އަންގައިފައެވެ.
ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސިފައިންނަށް ގެއަށް ނުދޭވޭގޮތް ހަދައި ކޭމްޕްތަކަށް ދާން މިހާރު ވަނީ އަމުރުވެސްކޮށްފައެވ.
ލަންކާގައި މާޗް 20 އިން ފެށިގެން ކާފިއު އިއުލާންކޮށްފައިވަނިކޮށް ލުއިތަކެއް ދީފައިވަނިކޮށް ބަލި ޖެހޭ މީހުން އިތުރުވާތީ 24 ގަޑިއިރަށް ކާފިއު އިއުލާންކޮށްފައެވެ.
މައުލޫމާތު: އެސޯސިއޭޓެޑް ޕްރެސް