21 Dec 2011, 16:50
ކޮންމެ ރަށެއްގައި ދައުލަތުން ހިންގާ ޕްރީ ސްކޫލެއް ހުރުން ލާޒިމްކޮށް، ޕްރީ ސްކޫލް ހިންގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ހުށަހެޅުއްވި ބިލަށް މެންބަރުން ހުށަހެޅުއްވި އިސްލާހު ތަކަށް ވޯޓަށް އެއްސެވުމަށް ފަހު، އިސްލާހުތަކާ އެކު އެ ބިލް ފާސްކޮށްފައި ވަނީ ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 71 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލުގައި ޕްރީސްކޫލް އުމުރުގެ ކޮންމެ ކުއްޖަކަށް ޕްރީ ސްކޫލް ތައުލީމު ލިބެން ޖެހޭނެ ކަމަށާއި ޕްރީ ސްކޫލް ހިންގާ ފަރާތް ތަކަށް ސަރުކާރުން އެހީދޭނެ އުސޫލުތައް ވަނީ ބަޔާންކޮށްފަ އެވެ.
ސިޔާމު އެ ބިލް މަޖިލީހަށް ހުށަހަޅުއްވަމުން ވިދާޅުވެފައި ވަނީ އެ ބިލަކީ ޕްރީ ސްކޫލް ތައުލީމް ރާއްޖޭގެ ހުރިހާ ކުދިންނަށް ހިލޭ ހޯދައި ދިނުމުގެ މަގްސަދުގައި ހުށަހެޅުއްވި ބިލެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެޝަނަލް އާކައިވްގެ ބިލު ވެސް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އެ ބިލަށް މެންބަރުން ހުށަހެޅުއްވި އިސްލާހްތަކުގެ ތެރެއިން ބިލުގެ ނަން ބަދަލު ކުރުމަށް ހުށަހަޅާފައިވާ އިސްލާހް ފާސްވެފައި ވާތީ، ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެން އެ ބިލު ފާސްކޮށްފައި ވަނީ ދިވެހި ރާއްޖޭގެ ގައުމީ އަރުޝީފުގެ ބިލުގެ ނަމުގަ އެވެ. އެ ބިލުގައި ގައުމީ އަރްޝީފް ބަލަހައްޓަން ޖެހޭނެ ގޮތާއި މުއައްސަސާތަކުގެ ލިއުންތައް އަރްޝީފްގައި ހިމަނަން ޖެހޭ އުސޫލުތައް ވަނީ ބަޔާންކޮށްފަ އެވެ. އަދި އަރުޝީފުގައި ހުންނަ ތަކެތި ފަސޭހަ އިން އާއްމުންނަށް ލިބޭނެ އުސޫލުތައް ހަމަޖެއްސުމަށާއި ރެކޯޑްތައް ބަލައްޓާނެ ގޮތްތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
އެ ބިލުގެ ބަހުސްގައި އެންމެ ބޮޑަށް މެންބަރުންގެ މެދުގައި ހިޔާލުތަފާތުވީ، ޝަރުއީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކާއި އެ މައްސަލަތާކާ ގުޅިގެން ހުށަހަޅާ ލިޔެކިއުންތަކާއި ފޮޓޯތަކާއި ވީޑިއޯތަކާއި އޯޑިއޯތައް ނެޝަނަލް އާކައިވްގައި ހިމަނައި އެތަކެތި ބޭނުން ފަރާތްކަށް ލިބެން ހުންނަ އުސޫލު ހަމަޖެއްސުމަށް އެބިލަށް އެމްޑީޕީން ހުށަހެޅި އިސްލާހްގެ މައްޗަށެވެ. ނަމަވެސް މެންބަރުން ވޯޓު ދެއްވައިގެން އެ އިސްލާހް ވަނީ ފެއިލްކޮށްލައިފަ އެވެ.
އެ އިސްލާހާ ގުޅިގެން އިދިކޮޅު ބައެއް މެންބަރުން ވިދާޅުވީ އެފަދަ ކަންކަމުގެ ސަބަބުން މާކުރިން ނިމިފައިވާ މައްސަލައަކާ ގުޅިގެން މީހެއްގެ އަބުރު ނަގައިލުން ފަދަ ފުރުސަތުތައް ލިބިގެން ހިގައިދާނެ ކަމަށެވެ. އަދި ކޯޓުތަކުގެ ރިކޯޑްތަކަކީ ސިއްރު ކުރެވެން ޖެހޭ އެއްޗެއްކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލަށް މެންބަރުން ވަނީ ގިނަ އިސްލާހްތަކެއް ހުށަހަޅުއްވައިފަ އެވެ.
އެ ބިލަކީ ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ފާސް ކުރުމަށް ފަހު ތަސްދީގު ކުރެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ފޮނުވުމުން ތަސްދީގު ނުކުރައްވައި ފޮނުއްވައިލެއްވި ބިލެކެވެ.
އެ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައި ވާތީ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން ވެސް އުފެދުނެވެ. ބައެއް މެންބަރުން ވިދާޅުވީ މަޖިލީހުން އެއްފަހަރު ފާސްކޮށްފައިވާ ބިލަކަށް އެހާ ގިނަ އިސްލާހް ހުށަހެޅުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި ބިލަށް އިސްލާހު ހުށަހަޅަން ވާނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބިލުގައި ފާހަގަ ކުރައްވާފައިވާ ކަންތައްތަކަށް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.