ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން އެޑްމިޓްކޮށްފައިވާ އެއްވެސް މީހަކު މިވަގުތު ވެންޓިލޭޓަރުގައި ނެތްކަމަށް ކޮވިޑަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނަވާ އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރު، ޑރ. މޫސާ ހުސައިން ވިދާޅުވެއްޖެ އެވެ.

ކޮރޯނާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމުގައި ޑރ. މޫސަ ވިދާޅުވީ ކޮވިޑަށް ފަރުވާ ދިނުމަށްޓަކައި މިވަގުތު އައިޖީއެމްއެޗްގެ ދަރުމަވަންތަ އިމާރާތުގެ 11 ވަނަ ބުރީގައި ފަސް ބަލި މީހުން އެޑްމިޓްކޮށްފައި އެބަތިބި ކަމަށެވެ.

މޫސަ ވިދާޅުވީ އެ ފަސް މީހުންގެ ތެރެއިން ތިން މީހުންގެ އެކި ކަހަލަ "ކޮމްޕްލިކޭޝަންސް"ތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ހަކުރު ބަލި ލޭ މައްޗަށް ދިއުން ސްޓްރޯކް ފަދަ މައްސަލަތައް އެމީހުންގެ ހުރި ކަަމަށް އޭނާ ވިދާޅުވި އެވެ.

އެޑްމިޓްކުރި މީހުންގެ ތެރެއިން 80 އަހަރުގެ މީހެއްގެ އޮކްސިޖަން ކޮންމެވެސް ވަރަކަށް ދަށްވި ކަމަށާއި އެކަމާ ގުޅިގެން އޮކްސިޖަން ސަޕޯޓްއެއް ކޮންމެވެސް ވަރަކަށް ދިން ކަމަށްވެސް ޑރ. މޫސަ ވިދާޅުވި އެވެ.

"އަދި މިރޭ 70 އަހަރުގެ މީހެއްގެ ކޮމްޕްލިކޭޝަންސްތަކާ އެއްކޮށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ފްލޯއަށް ޝިފްޓްކުރެވިފައި މިވަނީ. ދެން މީގެ އިތުރުން 40 އަހަރުގެ ދެ ބޭފުޅުންނާއި 68 އަހަރުގެ އެއް ބޭފުޅެއްވެސް މިވަގުތު ފަރުވާ ދެމުންގެންދަނީ. އެއްވެސް ބޭފުޅަކު އަދި ވެންޓިލޭޓާއަކަށް އަދި ނުލަން. އެކަމަކު މީގެ ތެރެއިން ތިން ބޭފުޅުންނަކީ ވަގުތު އޮކްސިޖަން ސަޕޯޓްގައި ތިބި ތިން ބޭފުޅުން " ޑރ. މޫސަ ވިދާޅުވި އެވެ.

ކޮރޯނަ ޖެހިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް 83 އަހަރުގެ މީހަކު އިއްޔެ ވަނީ މަރުވެފަ އެވެ. މިހާތަނަށް ކޮވިޑް-19ގެ 280 ކޭސްއެއް ރާއްޖެއިން ވަނީ ފެނިފަ އެވެ.