30 Apr 2020, 13:46
ކޮވިޑް-19 އަށް ޕޮޒިޓިވްވާ ބަލިމީހުން ބޭތިއްބުމަށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ފަރުކޮޅު ފުށީގައި ގާއިމް ކުރި ފެސިލިޓީ ގައި މައްސަލަތަކެއް ދިމާވެ، އެތަން ބޭނުން ނުކުރެވުމަކީ ސަރުކާރުގެ ކަންބޮޑުވުމެއް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ރިސޯޓެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ފަރުކޮޅުގައި ބަލި މީހުން ބޭތިއްބުމަށް ދެފަހަރެއްގެ މަތިން އެތަން މަރާމާތުކުރި ނަމަވެސް، މިފަހަރުވެސް ފުރާޅުން ފެން ލީކުވެ އެތަނުގައި ތިބި ބަލިމީހުން މިހާރު ވަނީ މަލަހިނި ކުޑަބަޑޮސް ރިސޯޓްގައި ގާއިމްކޮށްފައިވާ ކަރަންޓީނު މަރުކަޒަށް ބަދަލުކޮށްފަ އެވެ.
ފަރުކޮޅުގައި ބަލި މީހުން ބައިތިއްބާ ދެ ވޯޑެއްގެ ފުރާޅުން ފެން ލީކުވުމުގެ އިތުރަށް ކަރަންޓުގެ މައްސަލަތައް ވެސް ދިމާވި އެވެ. މީގެ އިތުރުން، ފާހާނާ އަށް ދިޔުމަށް މާ ދުރަށް ހިނގަން ޖެހުމާއި މަދިރި ހެފުން ފަދަ ޝަކުވާތައްވެސް ވަނީ ފެންމަތިވެފަ އެވެ.
ރޭ އެންއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއޯއީސީގެ ތަރުޖަމާނު މަބްރޫކު ވިދާޅުވީ ފަރުކޮޅުގައި ތިބި ބަލިމީހުން މަލަހިނި ކުޑަބަނޑޮސްއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މާލެއިން ދެން ޕޮޒިޓިވްވާ މީހުން ބައިތިއްބާނީ އެރަށުގައި ކަމަށެވެ.
"ފަރުކޮޅުފުއްޓަކީ ވަރަށް ގިނަ ހަރަދުތަކެއް ކުރެވިފައި ހުރި ތަނެއް. އަދި ދެރަކަމެއް އެކަން ކޮށް ނިމުނު އިރުގައި އަދި އިތުރަށް މަރާމާތު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި އެބަހުރި،" މަބްރޫކު ވިދާޅުވި އެވެ.
މަބްރޫކު ވިދާޅުވީ ފުރާޅުން ފެން ލީކުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މަރާމާތުކޮށް ވީހާ އަވަހަކަށް ތަން ބޭނުން ކުރާނެ ކަމަށް ވިދާޅުވި އެވެ.
"މައިގަނޑު ގޮތެއްގައި ބޭނުން ކުރުން ރަނގަޅުތަނެއް [ފަރުކޮޅަކީ]. މާލެއިން ޑޮކްޓަރުންނަށް ފަސޭހަ އިން އެކްސެސް ވެވޭނެ ތަނެއް. އަލުން މަރާމާތު ކުރުމަށްފަހު ބޭނުން ކުރަން ފެށޭނެ،" މަބްރޫކު ވިދާޅުވި އެވެ.
މަބްރޫކު ރޭ ވިދާޅުވީމާލެ ސަރަހައްދުން ފެންނަ ޕޮޒިޓިވް ކޭސްތައް މިވަގުތު ބަނޑޮހަށް ގެންދިޔަ ނަމަވެސް، ފަރުކޮޅު ފެސިލިޓީ އަލުން މަރާމާތު ކުރުމަށް ފަހު ޕޮޒިޓިވްވާ މީހުން ބައިތިއްބުމަށް ބޭނުންކުރާނެ ކަމަށެވެ.
ށ. ނަރުދޫ އިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަށަކަށް އަރާފައިވާއިރު އެ މީހުން ހއ. ދޮނަކުޅިއަށް ބަދަލުކުުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މަބްރޫކު ރޭ ވަނީ ވިދާޅުވެފަ އެެވެ.
ރާއްޖެއިން މިހާތަނަށް 280 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 17 މީހަކު ވަނީ ބަލިން ރަނގަޅު ވެފަ އެވެ. މި ބަލީގައި ރޭ ރާއްޖެއިން ވަނީ ފުރަތަމަ މީހާ މަރުވެފަ އެވެ. އެއީ މާލޭގައި ދިރިއުޅެމުން އައި 83 އަހަރުގެ، އައިމިނަތު އާދަމް އެވެ.