އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.3 ބިލިއަން ރުފިޔާ ދަށްވެއްޖެ އެވެ.

ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގެެ ނިޔަލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ5.3 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 7.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފިނޭންސް އިން އާންމުކޮށްފައިވާ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހުސްވި ހަފްތާގެ ނިޔަލަށް ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާނީ ހަރަދު ކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.5 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބިފައިވަނީ 5.4 ބިލިއަން ރުފިޔާ އެވެ.

އެންމެ ބޮޑު އާމްދަނީ އެއް ދައުލަތަށް ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ކޮވިޑް 19 އާއި ގުޅިގެން އިގްތިސޯދު ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާއިރު އެއާޕޯޓު ސާވިސް ޗާޖާއި އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އަދި ޓޫރިޒަމް ދާއިރާގެ ޓެކުހުން ލިބުނު އާމްދަނީ ވަނީ ބޮޑުތަނުން ދަށްވެފައެވެ.

އެގޮތުން އެއާޕޯޓު ސާވިސްޗާޖުގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 257 މިލިއަން ރުފިޔާ ލިބުނު އިރު މިއަހަރު ލިބިފައި ވަނީ 188.4 މިލިއަން ރުފިޔާ އެވެ. އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި 259 މިލިއަން ރުފިޔާ ލިބުނު އިރު މިއަހަރު ލިބިފައި ވަނީ 189 މިލިއަން ރުފިޔާ އެވެ.

ޓޫރިޒަމްގެ ދާއިރާ އިން ނަގާ ޖީއެސްޓީ އިން ލިބުނު އާމްދަނީ އަކީ 1.4 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ގްރީން ޓެކުހުން މިއަހަރުގެ މި މުއްދަތުގައި 241 މިލިއަން ރުފިޔާ ލިބުނު އިރު މިދިޔަ އަހަރު 279 މިލިއަން ރުފިޔާ ލިބުނެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގެ ނިޔަލަށް ލޯނުތައް އަނބުރާ ދެއްކުމަށް 448.5 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.

މިއަހަރުގެ މިހާތަނަށް އާސަންދައިން 415.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު މިއަހަރަށް އާސަންދައަށް ކަނޑައަޅާފައި ވަނީ 950.8 މިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ހަރަދުތައް މިދިޔަ ހަފްތާގެ ނިޔަލަށް 7.1 ބިލިއަން ރުފިޔާ އަށް އަރާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކޮށްފައިވަނީ 7.2 ބިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ބަޖެޓުގައި ދައުލަތުގެ އާމްދަނީގެ ގޮތުގައި 29 ބިލިއަން ރުފިޔަ ލިބޭނެ ކަމަށް ކަނޑައަޅާފައި ވީނަމަވެސް މިހާރު ލަފާކޮށްފައިވާގޮތުން އާމްދަނީ ގެ ގޮތުގައި ލިބޭނީ 15 ބިލިއަނެއްހައި ރުފިޔާ އެވެ. މިއަހަރުގެ ބަޖެޓަށް 37 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.