30 Apr 2020, 12:56
ނ. މާފަރު މޮނިޓަރިންގެ ހާލަތަށް ގެނެސް، ރަށުން ބޭރަށް ދިއުމަކީ މަނާކަމެއް ކަމަށް އާންމުކޮށް އަންގާފައި ވަނިކޮށް، އެކަމަށް ގޮންޖަހައި މަސްދަތުރު ދިޔަ ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެމީހުން މަސް ދަތުރުގޮސްފައި ވަނީ އިއްޔެ ކަމަށާއި، އެފަދަ އަމަލެއް ކޮށް ރަށުގެ އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކޮށްފައި ވާތީ ރޭ 22:40 ހާއިިރު ކޯޓު އަމުރެއްގެ ދަށުން ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 59 އަހަރުގެ މީހަކާއި 44 އަހަރުގެ މީހެކެވެ. ދެމީހުންނަކީ ވެސް ދިވެހީންނެވެ.
ފުލުހުން ބުނީ މިހާރު މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަދި ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންތްރޯލް ކުރުމަށް ރަށު ޓާސްކް ފޯސްތަކުން އަންގާ އެންގުންތަކަށް ތަބާވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.