21 Dec 2011, 16:39
ލ. ގަމު މަތިމަރަދޫ ގެއަކުން ސައުތު ސެންޓްރަލް ހެލްތު ސާވިސް ކޯޕަރޭޝަނަށް ދެ މަސް ދުވަހަށް ކުއްޔަށްދީފައިވާ ދެ ކޮޓަރީގެ ކުލި ހޯދުމަށް ގަމު ރީޖަނަލް ހޮސްޕިޓަލާ ހަވާލުކުރި ބިލެއް އެތަނުން ގެއްލިފައިވާ ކަމަށް ބުނުމުން، އެ ބިލް ހުށަހެޅި މީހާ ފަސް ފޫޓުގެ ފޯމް ބޯޑް ބިލެއް ތައްޔާރުކުރުމަށް ފަހު، ގަމު ރީޖަނަލް ހޮސްޕިޓަލަށް ފޮނުވައިފި އެވެ.
މަތިމަރަދޫ އަވަށުގައި ދިރިއުޅޭ މަސްއޫދު އަބްދުﷲ މިއަދު ބުނީ އެފަދަ ބިލެއް ތައްޔާރުކޮށް، ހޮސްޕިޓަލާ ހަވާލުކުރަން ޖެހުނީ މިދިޔަ އޮގަސްޓް މަހާއި އޮކްޓޯބަރު މަހު އެރަށަށް ކޯހެއްގައި ގޮސް ތިބި ދެ ކުދިން އެގޭ ކޮޓަރިއެއްގައި ކުއްޔަށް އެކޯޕަރޭޝަނުން ބައިތިއްބުމަށް ފަހު، އޮކްޓޯބަރު މަހު އެ ދެ ކޮޓަރީގެ ކުއްޔަށްވާ ފައިސާ ހޯދުމަށް ހުށަހެޅި ބިލަށްވީ ފައިސާ ހޯދުމަށް ހޮސްޕިޓަލަށް ދިއުމުން އެބިލް ގެއްލިއްޖެ ކަމަށާއި އަލުން އެބިލް ހުށަހެޅުމަށް އެ ހޮސްޕިޓަލުން އެނގުމާ ގުޅިގެން ކަމަށެވެ.
"ބިލް ގެއްލިގެންނޭ ބިލް ލާށޭ ކިޔާވަރުން ގޮސް، ނުގެއްލޭ ވަރުގެ ބިލެއް ލާންވެގެން އެހާ ބޮޑު ބިލެއް ތައްޔާރުކުރީ،" މައްސޫދު ވިދާޅުވި އެވެ.
މަތިމަރަދޫގެ ގެއަކުން ހެލްތު ކޯޕަރޭޝަނަށް ދުވަހު ކުއްޔަށް ދެ މަސް ދުވަހަށް ކުއްޔަށް ދީފައިވާ އެ ދެ ކޮޓަރީގެ ކުލީގެ ގޮތުގައި ދުވާލެއްގެ މައްޗަށް 300ރ. ދައްކަންޖެހެ އެވެ. އަދި ދެ މަސް ދުވަހުގެ ކުލީގެ ގޮތުގައި 9600ރ. އެ ކޯޕަރޭޝަނުން ދައްކަން ޖެހެ އެވެ.
އެކަމާ ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ފައިސަލަށް ގުޅާލުމުން ފުރަތަމަ ފޯން ނެންގެވުމަށް ފަހު، އެ ސުވާލުކުރުމުން ފަހުން އަޑު ނީވޭ ކަމަށް ވިދާޅުވުމަށް ފަހު ފޯނު ކަނޑުއްވާލެއްވީ އެވެ. އަދި ފަހުން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ނުލިބިފަ އެވެ.
ނަމަވެސް ފައިސަލާ ހަވާލާދީ ލާމު އެޓޯލް ޑޮޓް ކޮމްގައި ބުނެފައި ވަނީ އެބިލް ނުގެއްލޭ ކަމަށާއި އެބިލް ވީ ކޯހަށް ދިޔަ ދެ ކުދިން ފޮނުވި ޔުނިވާސިޓީ ކަމަށްވާ މޯލްޑިވްސް ކޮލެޖް ފޯ ހަޔާ އެޑިއުކޭޝަނަށް ފޮނުވާފައި ކަމަށެވެ. އަދި އެބިލް ނުލިބޭ ކަމަށް މަސްއޫދު ކައިރީގައި ބުނީ އެ ކޯޕަރޭޝަނެއްގެ މުވައްޒަފަކަށް އެ ބިލް ލިބިފައިވާކަން ނޭނގި ހުރެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އެގޮތަށް ކަންތައް ދިމާވީ ކުރިން އެބިލް ހޮސްޕިޓަލުން ހަވާލުވި ކުއްޖާ ޗުއްޓީއެއްގައި ހުރުމުން ކަމަށާއި އެ ބިލްގެ މައުލޫމާތު ހެތްލު ކޯޕަރޭޝާނަށް ލިބިފައިނުވާތީ ކަމަށެވެ. ނަމަވެސް މިހާރު އެ ފައިސާގެ ކަންތައް ހަމަޖެހިފައިވާ ކަމަށާއި މާދަމާ އެ ފައިސާ މަސްއޫދަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.