30 Apr 2020, 15:43
ދެވަނަ ދައުރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންތިހާބުވާތަން ދެކެން ޗައިނާއިން ބޭނުންނުވާކަަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ދެހާސް ސޯޅަވަނަ އަހަރު އަހަރު ރައީސްކަމަށް އިންތިހާބްވެ ވަޑައިގެންނެވި ޓްރަމްޕްގެ ރިޔާސީ ދައުރު މިއަހަރު ފަހުކޮޅު ހަމަވާނެއެެވެ. ރިޔާސީ އިންތިހާބް މިއަހަރު ފަހުކޮޅު އޮންނައިރު އެ އިންތިހާބްގައި ޓްރަމްޕްވެސް ވާދަކުރައްވައެވެ.
ޓްރަމަޕް ވިދާޅުވީ އެމަނިކުފާނު ދެވަނަ ދައުރަަކަށް ހޮވިޔަނުދިނުމަށްޓަކައި ޗައިނާއިން ކޮންމެ ފަދަކަމެއްވެސް ކޮށްފާނެ ކަމަށެވެ. އަދި ޗައިނާއިން ބޭނުންވަނީ އެމަނިކުފާނުގެ ބަދަލުގައި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އިންތިހާބްވާންކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ފަހުގެ ހިޔާލު ހޯދުންތަކުގައި ޖޯ ބައިޑަން ކުރީގައި އުޅުއްވާކަމަށް ދައްކައެވެ. އެކަމަށް އިޝާރާތްކުރައްވައި ޓްރަމްްޕް ވިދާޅުވީ އެ ހިޔާލު ހޯދުންތަކަކީ އޭނާ ގަބޫލްކުރައްވާ އެއްޗެއް ނޫން ކަމަށާއި ޖޯ ފަދަ ނާގާބިލް ބޭފުޅަކު އެމެރިކާގެ ރައީސްކަމަށް އައްޔަނުކުރަން ރައްޔިތުން ވޯޓު ނުދެއްވާނެކަމަށެވެ.
ޗައިނާއަށް އާންމުކޮށް ބަހުގެ ހަމަލާދެމުންގެންދަވާ ޓްރަމްޕް ފަހަކަށް އައިސް ޗައިނާއަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މީގެ ކުރިން ޓްރަމްޕް ވަނީ ޗައިނާއާ ދެކޮޅަށް ވިޔަފާރީގެ ވަރުގަދަ ހަނގުރާމައެއްވެސް ކޮށްފައެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ބެހޭގޮތުން ކުރީ ބައިގައި ޗައިނާއިން މައުލޫމާތު ދީފައިނުވާކަމަށްވެސް ޓްރަމްޕް ދަނީ ވިދާޅުވަމުންނެވެ.
ކޮރޯނާ ވައިރަސް އެންމެ ބޮޑަށް މިހާރު ފެތުރެމުންދަނީ އެމެރިކާގައެވެ. އެގައުމުގައި ބަލި ކޮންޓްރޯލް ކުރަން ޓްރަމްޕް އެކަށީގެންވާ މަސައްކަތްތައް ނުކުރައްވާކަމަށްވެސް ފާޑުކިޔަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ޗައިނާއާ ދެކޮޅަށް ޓްރަމަޕް އަޅުއްވާނެ ފިޔަވަޅެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އެޅޭނެ ފިޔަވަޅުތައް މިހާރު ބަލަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ބީބީސީ