30 Apr 2020, 11:29
ކުރިއަށް އޮތް 18 މަހުގެ ތެރޭގައި ދުނިޔޭގެ ފުޓުބޯޅަ މުބާރާތްތައް އަލުން ފަށާނެ ގޮތްތަކުގެ މަގުޗާޓެއް، ދުނިޔޭގެ ފުޓުބޯޅަ ގަވަނިން ބޮޑީ ފީފާއިން ހަދައިފި އެވެ.
ފީފާއިން ބުނެފައި ވަނީ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތްތައް ފެށުމަށްޓަކައި ދެ ހިޔާލެއް ގެންގުޅެމުންދާ ކަމަށެވެ.
އެއްގޮތަކީ ރަގްބީ ސްޓައިލުގެ އެކްސްޓެންޑެޑް ބްރޭކެއް މިއަހަރުގެ ފުޓުބޯޅަ ލީގުތަކުގައި ނެގުން ކަމަށް ފީފާއިން ފާހަގަކޮށްފައިވެއެވެ. އަދި ދެވަނަ ގޮތަކީ މިއަންނަ އަހަރުގައި މުބާރާތްތައް ފަށާއިރު ބޮޑު ދުރުމިނެއް ދިނުން ކަމަށް ފީފާއިން ބުންޏެވެ.
ފީފާއިން އެ ދެ ހިޔާލާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެމުން ބުނެފައިވަނީ އެ ޖަމިއްޔާއިން ވިސްނަމުން ދަނީ ގައުމެއްގައި ކުޅޭ ލޯކަލް މުބާރާތްތައް މިއަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ކުރިއަށް ގެންދެވޭނެ ގޮތެއް ވެއްޖެނަމަ އެގޮތަށް ކުރިއަށް ގެންދިޔުމަށެވެ.
ފީފާއިން ބުނަނީ އަދިވެސް މިއަހަރުގެ ތެރޭގައި މުބާރާތްތައް ފެށޭނެ ގޮތަކާމެދު ވިސްނާ އެގޮތަށް އަމަލު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި ކުޅުންތެރިންގެ ޑީލްތައްވެސް މިއަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމުގެ އުއްމީދު އޮތް ކަމަށް ފީފާއިން ބުނެއެވެ.
ލޯކަލް މެޗުތަކުގެ ތެރެއިން އިންގްލެންޑް އާއި ޑެންމާކް ކުޅުމަށް ސެޕްޓެމްބަރުގެ އަށެއްގައި ވަނީ ތާވަލުކޮށްފައެވެ. އައިސްލެންޑުގެ ވެރި ރަށުގައި ކުޅުމަށް ހަމަޖެހިފައިވާ އެ މެޗު ކުރިއަށްދާނެ ކަމަށް ދެ ޓީމުންވެސް ވަނީ މިހާރު ކަށަވަރުކޮށްފައެވެ. އެހެންކަމުން ކުޅިވަރުތައް ފެށުމުގެ ފެހި ސިގުނަލެއް ލިބިފައިވާ ކަމަށް ފީފާއިން ބުނެއެވެ.