ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގައި ރާއްޖެއަށް އިއްޔެ މިއީ އެންމެ ހިތްދަތި ހިތާމަވެރި ދުވަހެވެ. ރާއްޖެއިން ކޮރޯނާވައިރަސް ޖެހިގެން ފުރަތަމަ ފަހަރަށް އިއްޔެ މީހަކު ވަނީ މަރުވެފަ އެވެ. އުމުރުން 83 އަހަރުގެ އެ އަންހެން މީހާގެ މަރާ އެކު އާއިލާއިން ނިކުތީ އެތައް ސުވާލުތަކެއް އަތް މައްޗަށް ލައިގެންނެވެ. އެންމެ ބޮޑު ސުވާލަކީ އުމުރުން ދުވަސްވީ މީހާ ދިރިއުޅެމުން ދިޔަ ގެއިން މީގެ ކުރިން ބަޔަކު ޕޮޒިޓިވްވެ، ޑައިރެކްޓް ކޮންޓެކްޓަކަށް އެ މީހާވާއިރު ޓެސްޓް ނުހެދި އެތައް ދުވަހެއްވެ، އެކަށީގެންވާ ފަރުވާ ނުލިބުނީ ކީއްވެ ހެއްޔެވެ؟ އެ ތުހުމަތުތަކަށް ސާފު ސީދާ ޖަވާބެއް ނުދެވުނީ ކީއްވެ ހެއްޔެވެ؟

ކޮވިޑް-19 ގެ ފުރަތަމަ ބަލި މީހާގެ މައުލޫމާތު ހާމަކުރުމަށް ރޭ ދަންވަރު އެންއީއޯސީގައި ބޭއްވި ކުއްލި ނޫސްކޮންފަރެންސްގައި، ނޫސްވެރިން ކުރި ހުރިހާ ސުވާލެއްހެން އަމާޒުވީ، އެ ސުވާލުތަކަށް ޖަވާބު ހޯދުމުގަ އެވެ. އުމުރުން ދުވަސްވީ ހައިރިސްކު މީހެއް އަދި ޕޭޝަންޓަކަކާ ޑައިރެކްޓް ކޮންޓެކްޓަކަށްވެ، އޭނާ ދިރިއުޅޭގެ މޮނިޓަރިންގައި ހުންނަތާ އެތައް ދުވަހެއްވީއިރު އޭނާއާ މެދު އަޅާލަން އެޗްޕީއޭއިން ކުރި ކަމެއް، އެޅި ފިޔަވަޅެއް ބުނެދޭން ނޫސްވެރިން ތަކުރާރުކޮށް މިނިސްޓަރަށް ސުވާލުތައް އަމާޒުކުރި އެވެ.

ފައްފައްކޮށްފައި ނޫސްވެރިން ކުރި އެ ސުވާލުތަކަށް ލިބުނީ ކޮން ޖަވާބެއް ހެއްޔެވެ؟

އެ ނޫސްވެރިންގެ ބައްދަލުވުމުން އެނގުނު އެންމެ މުހިންމު ކަމަކީ، ކޮވިޑް ޖެހިގެން ރާއްޖެއިން ފުރަތަމަ މަރުވި އުމުރުން 83 އަހަރުގެ އައިމިނަތު އާދަމް ވަނީ، އެ އާއިލާއިން ވައިރަސް ޖެހުނު އެހެން މީހަކާ ސީދާ ދިމާވެފަ އެވެ. އައިމިނަތުއާ ދިމާވި ޕޮޒިޓިވްވި މީހާ، ކޭސް 126 އަށް އެބަލި ޖެހިފައިވާކަން އެނގުނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އެކަމަކު އައިމިނަތުގެ ސާމްޕަލް ނެގީ، އޭގެ ފަސް ދުވަސް ފަހުން މިމަހު 28 ވަނަ ދުވަހުގެ ފަތިހު އެވެ. އޭނާ މަރުވެފައި ވަނީ، ރޭ 7:10 ގައެވެ. ނަތީޖާ މި ލިބުނީ އޭނާ މަރުވި ފަހުން ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

އެހެން ކަމުން މަރުވި މީހާގެ ޓެސްޓުގެ ނަތީޖާ ނުލިބި، އެކަށީގެންވާ ފަރުވާ ނުދެވި ތިން ދުވަސް ބޭކާރުވީ އެވެ.

ސުވާލަކީ، އެޗްޕީއޭ އިން މިވީ އިހުމާލެއް ނޫން ހެއްޔެވެ؟ މިއީ ނޫސްވެރިންގެ ވެސް އަދި އާންމުންގެ ވެސް ސުވާލެވެ. ކޮވިޑް-19ގެ މަސައްކަތަށް މުޅި ސަރުކާރާއި ގައުމު ހުސްވެގެން އޮތް އިރު، ހަރުދަނާ މަސައްކަތެއް އެޗްޕީއޭއަށް އެބަ ކުރެވޭ ހެއްޔެވެ؟ އެ އިދާރާ މާ ބޮޑަށް ދޯދިޔާވެ މި ބަލިމަޑުކަން އަތުން ދޫވެގެން ދަނީ ހެއްޔެވެ؟

އިހުމާލެއް އޮތް ކަމަށް ގަބޫލެއް ނުކުރޭ!

އިހުމާލާ ގުޅޭ ގޮތުން ނޫސްވެރިންގެ ސުވާލުތައް އަމާޒުވާން ފެށުމުން މިނިސްޓަރު އަމީން ވިދާޅުވީ، މިކަމުގައި އިހުމާލެއް އޮތް ނަމަ އެކަން ބައްލަވާނެ ކަމަށެވެ. އަދި ބެއްލެވުމަށްފަހު އަޅަން ޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. އެކަން ބެއްލެއްވުމަށްފަހު، ކަރަންޓީނު ކުރުމާއި، ސާމްޕަލް ނެގުމާއި އަދި ޓެސްޓު ކުރުމުގެ އެސްއޯޕީތަކަށް ބަދަލު ގެންނަންޖެހޭނަމަ އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 ގައި ރާއްޖެއިން ފުރަތަމަ މީހާ މަރުވިކަން ރޭ އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން -- ފޮޓޯ/ އެންއީއޯސީ

"ތި ވިދާޅުވި ގޮތައް ކަމެއް ފާހަގަ ކުރެވޭނަމަ އަޅުގަނޑުމެން ބަލާނަން. އަދި ކޭހުގެ މިހިސާބަށް އައި އިރު، ފަހަތަށް އެނބުރި އެހެން ކަންކަމަށްވެސް ބަލާނަން. އަދި ހަމަ އަޅުގަނޑުމެން ޕްރޮސެސްތައްވެސް ރިވައިސްކޮށް، ލަސްކަމެއް ހުރި ނަމަ، އެ ލަސްކަމެއް ހުރިކަން ޔަގީންކޮށް ބަލާނަން. އަދި އެކަމަކަށް ގެންނަން ޖެހޭ ބަދަލެއް އަޅުގަނޑުމެން ގެންނާނަން،" މިކަމުގައި އިހުމާލެއް އޮތް ނަމަ އަޅާނީ ކޮން ފިވަޅެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ނަމަވެސް އަމީން އާއި އެޗްޕީއޭގެ ޑޮކްޓަރުގެ ޓީމްގައި އިސްކޮށް އުޅުއްވާ ޑރ. އަލީ ލަތީފުގެ ވާހަކަތަކުން މިކަމުގައި އިހުމާލެއް އޮތް ކަމަށް އެބޭފުޅުން ގަބޫލު ނުކުރައްވާކަން ސާފުވެ އެވެ.

މިނިސްޓަރު ވިދާޅުވީ، އެ ހިސާބަށް ލިބުނު މައުލޫމާތުތަކުން އައިމިނަތު މަރުވެފައި ވަނީ އެޗްޕީއޭގެ ފަރާތުން ކުރަން ޖެހޭ ކަމެއް ނުކޮށްގެން ނޫނީ މޮނިޓަރިންގެ ދޯހަޅިކަމުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ޑރ. އަލީ ލަތީފު ސާފުކޮށް ވިދާޅުވީ މީހާ މަރުވީ؛ "ވަކި ހާއްސަ ފަރުވާއެއް ނުދެވިގެން ނޫން" ކަމަށެވެ. އަދި މިބަލީގައި ދޭނޭ ވަކި ހާއްސަ ފަރުވާއެއް ނެތް ކަމަށް ވިދާޅުވެ، އެޗްޕީއޭއިން އަމަލު ކުރި ގޮތް ދިފާއު ކުރެއްވި އެވެ.

"މިހާރު މިހިސާބަށް އަޅުގަނޑުމެންގެ ހުރި މައުލޫމާތައް ބަލާއިރު، މޮނީޓަރިންގެ ހާލަތުގައި ކުރަންޖެހޭ ކަމެއް ނުކުރެވިގެން ކަމަކަށް އަދި ފާހަގަ ކުރެވިފައި ނެތް. އަދި ވަރަށް ކުރީ ކޮޅުގައި މި އުޅެނީ މި ކޭސްގައި، މި މައުލޫމާތުތަކުގެ ތެރޭގައި. މިވަގުތާ ހިސާބަށް ޕްރެސް ކޮފަރެންސްއާ ހިސާބަށް ތި ދެންނެވި ކަހަލަ ކަމެއް ކަމަށް ފާހަގަ ކުރެވިފައި ނެތް،" އޭނާ މަރުވީ، މޮނީޓަރިންގް ހާލަތުގައި ރަނގަޅަށް އަޅާނުލެވިގެންތޯ ސުވާލުކުރުމުން މިނިސްޓަރު އަމީން ވިދާޅުވީ މިހެންނެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ، ކަރަންޓީން ނުވަތަ މޮނީޓަރިން އަކީ، ޑޮކްޓަރަކު ނުވަތަ ނަރުހަކު ބައްހަޓައިގެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މޮނީޓަރިންގެ ހާލަތުގައި ހުންނަ އިރު، ހުން އައިސް ކެއްސާ ކިނބިހި އަޅާނަމަ އެޗްޕީއޭ އަށް އެ ބޭފުޅަކު ރިޕޯޓު ކުރައްވަން ވާނެ ކަމަށް ވިދާޅުވި އެވެ. ޑރ. އެހެން ވިދާޅުވީ އިރު އާއިލާއިން ބުނަނީ ކިތަންމެ ފަހަރަކު އެޗްޕީއަށް ޝަކުވާ ހުށަހެޅިއަސް އިޖާބީ ޖަވާބެއް ނުލިބުނު ކަމަށެވެ.

ކޮވިޑްއާ ދެކޮޅަށް ރާއްޖެ ކުރާ ހަނގުރާމައިގައި ޑޮކްޓަރުންގެ ޓީމް ލީޑް ކުރައްވާ، ޑރ. އަލީ ލަތީފު: ޕޭޝަންޓް މަރުވީ ހާއްސަ ފަރުވާއެއް ނުދެވިގެން ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި -- ފޮޓޯ/ އެންއީއޯސީ

"[ގޭގައި އެކަހެރި ކުރާއިރު] ކަރަންޓީން ފެސިލީޓީއަކީ އެގޮތަށް ބަލާތަނެއް ނޫން. ސެލްފް ރިޕޯޓިން މެކޭނިޒަމްއެއް އަޅުގަނޑުމެން ބަހައްޓަން ބޭނުން ވާނީ. މާނައަކީ، ކަރަންޓިން ވަގުތުގަ ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ، އަޅުގަނޑުމެންނަށް ރިޕޯޓު ކުރާ ގޮތަށް،" ޑރ. އަލީ ލަތީފު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ، ކޮވިޑަށް ޓެސްޓްކުރުމަށް ނަތީޖާ ނަގާ ހިސާބުން އެމީހަކު ބަލަން ވަނީ އެއީ ކޮވިޑްގެ ބަލި މީހެއް ގޮތުގަ އެވެ. އަދި އެއާއެކު އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަަޅާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޓެސްޓުކުރުމުގައި އަމަލު ކުރާ ތަރުތީބު ގޯސްތަ؟

ޓެސްޓުކުރުމުގައި އަމަލު ކުރަމުން އަންނަ އުސޫލު އެއިރެއްގައި އޮންނަ ހާލަތަކާ ގުޅޭގޮތުން އެޗްޕީއޭ އިން އަންނަނީ ބަދަލު ކުރަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މި ސުވާލުވެސް ނޫސްވެރިން ކުރިމަތި ކުރުވި އެވެ.

ޖަވާބުގައި މިނިސްޓަރު އަމީން ވިދާޅުވީ، ސާމްޕަލް ނެގުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ، ޕޮޒިޓިވްވާ މީހުންނާ ސީދާ ބައްދަލުވާ މީހުންގެ ތެރެއިން އަލާމާތްތައް ހުންނަ މީހުން ކަމަށެވެ. އަދި އެއަށްފަހު، ސީދާ ބައްދަލުވާ މީހުންގެ ތެރެއިން އަލާމާތްތައް ނެތް ނަމަވެސް، ރިސްކް ހުރި މިންވަރެއް ބަލައި، އެ މީހުންވެސް ޓެސްޓު ކުރުމުގައި އިސްކަންދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިގޮތުން މިހާރު ހުރި އެސްއޯޕީތައް ހުރި ގޮތުން، ހައި ރިސްކު މީހުން، އަލާމާތްތައް ހުންނަ މީހުންގެ ސާމްޕަލް ނެގެނީ. ސާމްޕަލް ނެގުމަށްފަހު، ޖެހިގެން އަންނަ ދުވަހު ނަތީޖާ ލިބޭނެ. އާންމުކޮށް ނަތީޖާ ލިބުމަށް ހޭދަވާނީ ހަ ގަޑިއިރު،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް، ރޭންޑޮމް ސާމްލްތައްވެސް މިހާރު ނަގަމުންދާ ކަމަށާއި ބައެއް ފަހަރު ސާމްޕަލް ލެބޯޓަރީއަށް އަންނަ ތަރުތީބުން ނަތީޖާ ލިބުން ލަސްވާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ޑރ. އަލީ ލަތީފު ވަނީ އަމިނަތުގެ މެޑިކަލް ހިސްޓްރީވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން އާމިނަތަަކީ، މީގެ ކުރިން ގިނަ ބަލިތަކަށް ފަރުވާ ދީފައި ހުރި ބަލި މީހެއް ކަން ޑރ. އަލީ ލަތީފު ފާހަގަ ކުރެއްވި އެވެ.

އާމިނަތުގެ މެޑިކަލް ހިސްޓަރީ:

  • ހަކުރު ބަލި

  • ހައިޕޮޓެންޝަން (ލޭގެ ޕްރެޝާ ދަށްވުމުގެ ބަލި)
  • އޮބްސްޓްރަކްޓިވް ސްލީޕް އޮޕްނިއާ (އޯއެސްއޭ)
  • މިދިޔަ އަހަރު ތިން ފަހަރު ނިއުމޯނިއާ ޖެހުނު.

އެފަދަ ނާޒުކު މީހަކު ޓެސްޓު ކުރުމުގައި އެހާ ލަސްވެ، އެހާ ބޮޑު އިސްކަމެއް ނުދުނީ ކީއްވެގެންތޯ ސުވާލު ކުރުމުން އެ ސުވާލަށް ޕެނެލްގައި ތިއްބެވި ބޭފުޅުންނަށް ހަގީގަތުގައި ޖަވާބެއް ނުދެއްވުނެވެ. އަދި އޭނާ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެޗްޕީއޭ އަށް ފާހަގަ ކުރެވުނީ ކޮން ދުވަހަކުތޯ ސުވާލު ކުރުމުންވެސް އެ މައުލޫމާތު އެވަގުތު އަތުގައި ނެތް ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އޭނާ ދިރިއުޅެމުން އައި ގެ މޮނީޓަރިންގެ ހާލަތައް ގެނެވުނީ ކޮން އިރަކުތޯ ސުވާލުކުރުމުން އެ ސުވާލުގެ ޖަވާބެއް ވެސް ނުދެވުނެވެ.

ށ. ނަރުދޫ އަމާޒު ބޯޓް ދަތުރުކުރި ނ. ހެނބަދޫއިން ސާމްޕަލްތަކެއް ނެގުމުގެ ތެރެއިން: އެ ބޯޓްގެ ކައްޕި ވަނީ ބައްޔަށް ޕޮޒިޓިވްވެފައި -- ފޮޓޯ/ ހެނބަދޫ އިންސައިޑް ޕޭޖް

އަމިނަތަކީ ޕޮޒިޓިވްވި މީހަކާ ސީދާ ބައްދަލުވި މީހަކަށްވެފައި، މެޑިކަލް ހިސްޓްރީ އަށް ބަލައި ހައި ރިސްކް ކެޓަގަރީއަށް ނުފެތެންވީ ސަބަބެއް ނެތެވެ. އޭނާގެ ސާމްލް ފަސް ދުވަސް ވަންދެން ނުނެގި ލަސްވީ ކޮން ބައެއްގެ ލަސްވުމަކުން ހެއްޔެވެ؟ ކޮން ކަމެއް ފެއިލްވެގެން ހެއްޔެވެ؟ އަވަހަށް ޓެސްޓް ކުރެވި، އަވަހަށް ނަތީޖާ ލިބުނު ނަމަ، ކަންކަން މިމަގުން ދިޔުމުގެ ފުރުސަތު ކުޑަ ކުރެވުނީހެވެ.

ބަލިކަން އެނގުނީ ހެނދުނު، ހޮސްޕިޓަލަށް ހަވީރު!

ޑރ. އަލީ ލަތީފު ވިދާޅުވީ އާމިނަތުގެ ނޭވާލުމުގައި މައްސަލައެއް އުޅޭކަމަށް ރިޕޯޓު ކުރީ ހެނދުނުގެ ވަގުތެއްގަ އެވެ. މިނިސްޓަރު އަމީންގެ ވާހަކަތަކުން އެނގުނު ގޮތުގައި ހޮސްޕިޓަލަށް ގެންދެވުނީ، އިރުއޮއްސެން އުޅެނިކޮށެވެ.

"މިއަދު ހަވީރު އިރުއޮއްސުނު އިރު، ނޭވާލާން އުނދަގޫވެގެން އެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ލިބިގެން ހޮސްޕިޓަލަށް ގެންދެވުނު އިރު ނިޔާވެފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ." މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އާއިލާގެ ފާރާތުން ކުރާ ތުހުމަތަކީ މިއެވެ؛ އެޗްޕީއޭ އިން މިކަމުގައި އެޓެންޑްވީ އެހާ ލަހުން ކަމަށެވެ. މިހާ ގިނަ އިރު އެ މިކަމަށް އެޓެންޑްވާން ހޭދަވީ ކީއްވެ ހެއްޔެވެ؟ މިއީ އިހުމާލެއް ނޫން ހެއްޔެވެ؟

މިހާރު ރާއްޖޭގައި އެކްޓިވް 263 މީހުންނަށް މި ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، މި ފަހުން ފެނުނު ކޮންޓެކްސްތަކުގެ އަދަދު މިހާރު ވެސް 3،700 އަށް ވުރެ ގިނަ އެވެ. އޭގެ ތެރެއިން ގިނަވާނީ ޓެސްޓް ހަދަން ޖެހޭ މީހުންނެވެ.

މާޗް 25، 2020: ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި ދުވާލަކަށް މިހާރު ހެދެނީ 400 ޓެސްޓެވެ. ދުވަހުން ދުވަހަށް ފެނަމުންދާ އަދަދު އިތުރުވެ، ކޮންޓެކްޓްސްތަ ގިނަވަމުންދާނަމަ، މިގޮތަށް ހައި ރިސްކް ނާޒުކު ދިފާއީ ނިޒާމް ހުންނަ ކިތަންމެ ބަޔަކު ޓެސްޓް ކުރުމުގައި ލަސްވެގެން ދާނެ އެވެ.

މިއޮތީ ވީކަމެއް ވެފަ އެވެ. މިނިސްޓަރު އަމީން ވިދާޅުވަނީ މިއީ އާ ބަލިމަޑުކަމެއް ކަމުން މުޅި ދުނިޔެވެސް ކަންކަން ދަސްކުރަމުން އަންނަ ކަމަށެވެ. އަދި އެދުވަހަކު ކުރިމަތިވާ ޗެލެންޖްތަކަށް ފިޔަވަޅު ވެސް އަޅަމުން އަންނަ ކަމަށެވެ. އެކަމަކު އެއީ ބަހަނާއަކަށް ފުދޭވަރުގެ ކަމެއް ހެއްޔެވެ؟ ޔަގީންނަށް ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަ ހުއްޓެވެ. ޖަވާބުދާރީވެ ކަންކަން ރަނގަޅު ކުރަންވީ އެވެ.