ގިނަދުވަސްތަކެއް ވަންދެން ކެންސަރަށް ފަރުވާ ހޯދަމުން އައި ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރިޝީ ކަޕޫރު (67އ) މަރުވެއްޖެއެވެ.

ރިޝީ ކަޕޫރު މަރުވެފައިވާކަން އޭނާގެ އާއިލާގެ ފަރާތުން، ބޭބެ ރަންދީރު ކަޕޫރު ވަނީ ކަށަވަރުކޮށްދީފައެވެ.

ރިޝީ މަރުވީ މުމްބާއީގައި ހުންނަ ސާ އެޗްއެން ރިލާޔަންސް ފައުންޑޭޝަން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައެވެ. ނޭވާލާން އުނދަގޫވެގެން ރިޝީ ހޮސްޕިޓަލުގައި އެޑްމިޓްކުރީ އިއްޔެއެވެ.

ރިޝީއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2018 ވަނަ އަހަރުއެވެ. ބައްޔަށް ފަރުވާ ކުރުމަށް ނިއުޔޯކުގައި އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަކުރުމަށްފަހު، ބަލިން ރަނގަޅުވެގެން ރިޝީ އަނބުރާ އިންޑިއާއަށް ގޮސްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

އިންޑިއާއަށް ގޮސް ރިޝީ ވަނީ ބޮލީވުޑް ފިލްމެއްގައި ވެސް މަސައްކަތް ކޮށްފައެވެ. އަދި ކުޅަދާނަ ބަތަލާ ދީޕިކާ ޕަޑުކޯން އާއެކު ހޮލީވުޑް ފިލްމު "ދި އިންޓާން" ގެ ރީމޭކް އެއް ވެސް ރިޝީ ވަނީ އިއުލާނުކޮށްފައެވެ.

ނަމަވެސް ފެބުރުއަރީ މަހުން ފެށިގެން ރިޝީގެ ހާލު ގޯސްވެ އެކި ފަހަރު މަތިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފައިވެއެވެ.

ރިޝީގެ މަރުގެ ހަބަރާއެކު ބޮލީވުޑަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. ކެންސަރާ ހަނގުރާމަ ކުރަމުން ދިޔަ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އިރްފާން ހާން މަރުވީ އިއްޔެއެވެ.

އިރްފާންގެ މަރާ ގުޅިގެން ބޮލީވުޑް ޝޮކަކަށް ގޮސްފައިިވަނިކޮށް، ރިޝީ މަރުވި ހަބަރު ލިބުމާއެކު ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި މިއީ ބޮލީވުޑަށާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ލިބުނު ބޮޑު ހުސްކަމެއް ކަމަށް ބުނަމުންނެވެ.

ރިޝީ މަރުވިކަން ކަށަވަރުކޮށްދީ މެގަ ސްޓާ އަމީތާބް ބައްޗަން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެ ހަބަރާއެކު ވަރަށް ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ. ރިޝީ އާއި އަމީތާބް ވަނީ "އަމަރް އަކްބަރް އެންތަނީ"، "އަޖޫބާ،" އަދި "102 ނޮޓް އައުޓް" ފަދަ ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފައެވެ.

ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު ކުރި ޓުވީޓެއްގައި ރިޝީގެ މަރު ސިފަކުރީ ބިރުވެރި ހުވަފެނެއްގެ ގޮތުގައެވެ. އަކްޝޭ ބުނީ ރިޝީ އަކީ ލެޖެންޑެއްގެ އިތުރުން، އެކުގައި މަސައްކަތް ކުރަން ފަސޭހަ، ރަނގަޅު ރަހުމަތްތެރިއެއް ކަމަށެވެ.

ކޮންގްރެސް ލީޑަރު ރާހުލް ގާންދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ އިންޑިއާގެ ސިނަމާއެއް ކަޅު ހަފްތާއެއް ކަމަށެވެ.

ރިޝީ އަކީ ކުރީގެ މަޝްހޫރު އެކްޓަރު ރާޖް ކަޕޫރުގެ ދަރިއެކެވެ. އަދި މިހާރުގެ ޒުވާން އެކްޓަރު ރަންބީރު ކަޕޫރުގެ ބައްޕައެވެ.

ރިޝީ ކަޕޫރު ބޮލީވުޑަށް ނުކުތީ 1973 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބޮބީ" އިންނެވެ. ނަމަވެސް ކުޑައިރު "ޝްރީ 420" އަދި "މޭރާ ނާމް ޖޯކަރު" ފަދަ ފިލްމުތަކުން ވެސް ރިޝީ ފެނިގެން ގޮސްފައިވެއެވެ.

ރިޝީގެ އެންމެ ކާމިޔާބު ދުވަސްވަރު "އަމަރް އަކްބަރް އެންތަނީ"، "ލައިލާ މަޖްނޫ"، "ސަރްގަމް"، "ކަރްޒް"، "ބޯލް ރަދާ ބޯލް" ފަދަ އެތައް ފިލްމެއްގައި މަސައްކަތް ކޮށްފައެވެ.

އަދި ވެޓެރަން އެކްޓަރެއްގެ ގޮތުން ވެސް ކާމިޔާބު ގިނަ ފިލްމުތަކަކުން ރިޝީ ފެނިގެން ގޮސްފައިވެއެވެ. އެގޮތުން "ކަޕޫރު އެންޑް ސަންސް"، "ޑީ-ޑޭ"، "މުލްކް" އަދި "102 ނޮޓް އައުޓް" ފާހަގަކޮށްލެވެއެވެ.