21 Dec 2011, 14:58
ސިވިލް ކޯޓްގެ ކުރީގެ ގާޒީ، މުހައްމަދު ހިލްމީ، ހުޅުމާލޭ ހޭޅިފަށުގައި ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވެ ހަ މަސް ދުވަހަށް އަރުވާލުމަށާއި 15 އެތިފަހަރުން ތައުޒީރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ގާޒީ ހިލްމީގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމެވި އިރު އޭނާއާ އެކު ހުޅުމާލޭ އަތިރިމަތީ ހޭޅިފަށުގައި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައި ދައުވާ ލިބުނު ، ގާނޫނީ ވަކީލު އާމިނަތު އަލީގެ މައްޗަށް ވެސް ވަނީ ހަމަ އެ ކުށް ސާބިތުވެ 15 އެތިފަހަރުން ތައުޒީރު ކުރުމަށާއި ހަތަރުމަހަށް އަރުވާލަން ހުކުމް ކޮށްފައެވެ.
ކްރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސްކުރުމުގެ އަމުރެއް ވަނީ މިއަދު ނެރެފަ އެވެ. މި އަމުރު ގުނަން ފަށާނީ މިއަދުން ފެށިގެނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނަނީ ސ. ފޭދޫ ހިތްއަލިވާގޭ މުހައްމަދު ހިލްމީ އާއި އެ ރަށު ހުސްނުހީނާގޭ އާމިނަތު އަލީގެ މައްޗަށް ހުކުމް ކުރީ، އާންމު ތަނެއްގައި ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ، ޝަރީއަތުން ބެލި އިރު 12 ނޮވެމްބަރު 2009 ދުވަހުގެ ރޭ 11:30ގައި ހުޅުމާލޭ ކުނި ގޮނޑުގެ އިރުމަތީ ފަރާތު ހޭޅި ފަށުގައި ތިބެގެން ބަދަލު އަހުލާގީ އަމަލު ހިންގާފައި ނުވާނެ ކަމަށް ބުނެ ދެ މީހުން ދައުވާއަށް އިންކާރު ކުރި ނަމަވެސް އެރޭ އެތާނގައި ހިލްމީ އާއި އާމިނަތު ބައްދައި ހެދި ކަމަށާއި އާމިނަތާއި ހިލްމީ ތިބީ ތިރީ ހެދުން ކަސްފުކޮށްގެން ކަމަށް ތިން ފުލުހުން ހެކިބަސް ދީފައިވާ ކަމަށެވެ. އަދި ހެކި ބަހަށާއި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ފޮޓޯތަކުގެ މައްޗަށް ބިނާ ކުރާއިރު ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
ހިލްމީ އާއި އާމިނަތާ ދެމީހުން 15 އެތިފަހަރުން ތައުޒީރުކޮށް ހަމަހަށް އަރުވާލަން ހުކުމް ކުރީ ބަދު އަހުލާގީ ކުށާއި ޒިނޭގެ ކުށުގެ އަދަބު ކަނޑައެޅުމުގެ ގަވައިދުގެ އެއް ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އެ ދެމީހުންގެ މައްޗަށް ކުރި ހުކުމް ތިން އަހަރަށް ފަސް ކުރުމަށް އަމުރުކޮށްފައި ވަނީ ޝަރީއަތް ކުރުމާބެހޭ ގަވައިދުގެ 292 ވަނަ މާއްދާގެ ދެވަނަ ނަމްބަރުގެ ދަށުންނެވެ.
މިހާދިސާ ފުލުހުން ރިޕޯޓް ކުރި އިރު އާމިނަތަކީ ހިލްމީގެ ލޯބިވެރިޔާ އެވެ. ނަމަވެސް ފަހުން އެދެމީހުން ވަނީ ކައިވެނިކޮށްފަ އެވެ.