01 May 2020, 12:09
"ކާފާ! މިހާރު ދެން އަޅުގަނޑަށް މާފު ކުރައްވައިފިން ތޯ؟ އަދި ޠުޢުމާގެ ވާހަކައިގެ ނުނިމި އޮތްބައި އަޅުގަނޑަށް ވިދާޅުވެދެއްވާނަން ތޯ؟" އަމީރު މުޙައްމަދު އެއްސެވިއެވެ.
"ވާހަކަ ކިޔައިދޭ ގަޑީގައި ދަރިފުުޅަށް އެ ތާނގައި އިނދެވޭނީ ދަރިފުޅުގެ މަންމަ ހުއްދަ ދެއްވުމުން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "މަންމައާ ވާހަކަ ދައްކާނަން ކާފަ."
އެހެން ވިދާޅުވެފައި ގާޒީ ޞަފިއްޔުއްދީނު ވަޑައިގަތީ އޭނާގެ ދަރިކަނބަލުންގެ އަރިހަށް ބޮޑުކޮޓަރިއަށެވެ. ސަލާމް ގޮވައިލެއްވުމަށް ފަހު ޞަފިއްޔުއްދީނު އޭނާގެ ދަރިކަނބަލުންނަށް ވިދާޅުވިއެވެ.
"ދަރިފުޅާ ސަލްމާ! ކުޑަކުޑަ ޞަފިއްޔުއްދީނު މި ތަނަށް ގެންނާން ވީ ނު. އޭނަ ހުރީ ކުރެވުނު ކަންތަކާ މެދު ވަރަށް ދެރަވެފައި. އަހަރެންގެ ގާތުން ވެސް މާފަށް އެދިއްޖެ. އަދި އަހަރެން ބުނެގެން ގޮސް ހުއްމުސްއަށް ރޮށިކޮޅެއް ވެސް ކާން ދީފި."
"ބައްޕާ! އޭނާގެ އުޅުން ހުންނަނީ އެހެން. ދިރޭ ތަކެއްޗަށް ގޯނާ ކުރުމަކީ އުފަލަކަށް އެބަ ހަދާ. މުޅީން ވެސް ކުޅިވަރުގައި. ފައިދާއެއް ހުރި ކަމަކަށް ކިރިޔާވެސް ކުރާ ކަމަކީ ބައްޕަ ކިޔައި ދެއްވާ ވާހަކަތައް އަޑު އެހުން. ދެން ހުންނާނީ އަބަދުވެސް ޞަފާއަށް ވެސް އުނދަގޫ ކޮށްލަކޮށްލާ." ސަލްމާ ވިދާޅުވިއެވެ.
"އިންޝާ ﷲ! އެ ކަންކަން ރަނގަޅު ކުރެވޭނެ. އޭނާގެ އުމުރުން މިއީ އަދި އެއްމެ ހަތް އަހަރު. މިހާރުވެސް އަސް ދުއްވުމާއި ތީރު ޖެހުމާއި ފެތުން ފަދަ ކަންކަމަށް ވަރަށް ކުޅަދާނަ. އެއީ ފިރިހެން ކުއްޖަކަށް އެންމެ މުހިއްމު ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން." ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"މިއަދު އެ އުޅުނު ގޮތުން އަދި ބަހައްޓާން އަޅުގަނޑަށް ފެންނަނީ." ސަލްމާ ވިދާޅުވިއެވެ.
"ދަރިފުޅާ! މިހާރު އޭނާއަށް އޭނާގެ ކުށް އިހުސާސް ކުރެވިއްޖެ. އަދި އެއީ ކުޑަ ކުއްޖެއް. އޭނާ މާފަށް އެދުމުން ދެން ޖެހޭނީ އަހަރެމެން އޭނާ ދެކެ ލޯބިވާކަން ހާމަ ކުރާން. އެހެންނޫނީ އެ އުމުރުގެ ކުދީން ދެން ފަށާނީ ނަފްރަތު ކުރާން. ރުޅި އަންނާން. އެއީ އޭގެ ސަބަބުން އެމީހުންގެ ޠަބީއަތު އެއްކޮށް ބަދަލުވެ، މުޅީން އެހެން މީހަކަށް ބަދަލުވެގެން ހިނގައިދާ ފަދަ ކަމެއް." ޞަފިއްޔުއްދީނު އޭނާގެ ދަރިކަނބަލުންނަށް ވިސްނައިދެއްވިއެވެ.
"އިއްޒަަތްތެރި ގާޒީ ހާދަ އޯގާވެރިޔޭ." ސަލްމާ ސަމާސާ ރާގެއްގައި އޭނާގެ ބައްޕައަށް ވިދާޅުވިއެވެ.
"ހުކުމުގެ ވަގުތުގައި ވިސްނުން ހުންނާނީ އިންސާފު ގާއިމު ކުރުމަށްް. އެހެންނަމަވެސް ގާޒީއަކީ ވެސް އިންސާނެއް. ދަރީންނާއި ކާފަ ދަރީން ދެކެ ލޯބިވާ މީހެއް. އަދި ދަރީންގެ މުސްތަގުބަލު އުޖާލާ ވުމަށް އެދޭ މީހެއް. އެހެންނެއް ނޫންތަ؟" ގާޒީ ޞަފިއްޔުއްދީނު ޖަވާބުގައި ވިދާޅުވިއެވެ.
"ނޫން. އަޅުގަނޑު ތިޔަ ކަމާ އިންކާރެއް ނުކުރަން. ބައްޕައަކީ ލާމަސީލު ބައްޕައެއް. އަދި ލާސާނީ ކާފައެއް." ސަލްމާ ވިދާޅުވިއެވެ.
"ކުޑަކުޑަ ޞަފިއްޔުއްދީނު ވަނީ އެފަދަ ކަމެއް ދެން ތަކުރާރު ނުކުރާނެ ކަމަށް ވައުދު ވެފަ. އަހަރެން އުއްމީދު ކުރަނީ އޭނާ، އޭނާގެ ވައުދުގެ މަތީގައި ދެމި ހުންނާނެ ކަމަށް. ދަރީން ކުރާ ކުށަށް އަދަބު ދިނުމަށް ފަހު އެންމެ މުހިއްމު ކަމަކީ އެ ކުދީން ދެކެ ލޯބިވާ ކަން އެ ކުދީންނަށް އެންގުން. އެ ކުދީންނަށް ދިން އަދަބަކީ ރުޅި އަންނާތީ ދިން އަދަބެއް ނޫން ކަން އެނގޭނީ އޭރުން. އެހެން ނޫނީ އަދަބު ދޭ މީހާ ދެކެ ރުޅި އައިސް، އެ ރުޅި ނަފްރަތަށް ބަދަލު ވުމަކީ އެކަށީގެން ވާ ކަމެއް. އަދި އަދަބު ދިން މީހާ ރުޅި އެރުވުމުގެ ގޮތުން އެ އަދަބު ލިބުނު ކުށް އަލުން ކުރުން އާދަޔަކަށް ހެދުމަކީ ވެސް ބައެއް ފަހަރު ވާ ކަމެއް. ވީމާ އޭނާއާ ގޮސް ދަރިފުޅު ރީއްޗަށް ވާހަކަ ދައްކާ." ގާޒީ ޞަފިިއްޔުއްދީނު ވިދާޅުވިއެވެ.
"ވިދާޅުވި ގޮތެއް ބައްޕާ! ދެން ހިންގަވާ އަޝާއަށް އިންސާފު ކުރާން. ވަދީދާ ވަނީ ބައްޕައަށް އެންމެ މީރު ތަކެތި ތައްޔާރު ކޮށްފަ. އަޅުގަނޑު ގޮސް ޞަފިއްޔު ގޮވައިގެން އަންނާނަން." ސަލްމާ ވިދާޅުވިއެވެ.
"އެންމެ ރަނގަޅު!" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. އެހެން ވިދާޅުވެފައި ގާޒީ ވަޑައިގަތީ ކާކޮޓަރިއަށެވެ. ކާކޮޓަރިއަށް ވަޑައިގެން މޭޒު ދޮށުގައި އިށީނދެ ވަޑައިގަތުމަށް ފަހު ސަލްމާއާއި ސަލްމާގެ ބޭފުޅުން ވަޑައިގަންނަވާން ދެން މަޑު ކުރެއްވިއެވެ. އެ ބޭފުޅުން ވަޑައިގަތުމުން "އަލްޙަމްދު ލި ﷲ އޭ." ވިދާޅުވިއެވެ. އަދި ބިސްމި ވިދާޅު ވެ ކާން ފެށްޓެވިއެވެ.
"އުފާވެރިކަމާއި ދުޅަހެޔޮކަމާ އެކު ފަރީއްކުޅުއްވާ." ވަދީދާ ދެންނެވިއެވެ.
"ވަރަށް ރަނގަޅަށް ކާ އެއްޗެހި ތައްޔާރު ކޮށްފައި މިހިރީ ވަދީދާ. ވަރަށް ބޮޑަށް ޝުކުރިއްޔާ!" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ކާފާ! އަޝާކޮށް އަވަދިވުމުން ވާހަކަ ވިދާޅުވެ ދެއްވާނަން ދޮގެއްތޯ؟" އަމީރާ ޞަފާ ސުވާލު ކުރެއްވިއެވެ.
"ލައްބަ ދަރިފުޅާ! އަޝާކޮށް ނިމިގެން ދާނީ ޗަތުމައްޗަށް. ވާހަކަ ކިޔާނީ އެ ތަނުގަ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. ފަރީއްކޮޅުން ނިމި ވަޑައިގެން ފަރީއްކޮޅަށް ފަހު ކުރައްވާ ޙަމްދާއި ދުުޢާއަށް ފަހު ވަޑައިގެެން އަތް ދޮންނެވުމަށް ފަހު ދަރިކަނބަލުން ސަލްމާއާއި ސަލްމާގެ ބޭފުޅުން ގޮވައިގެން ޞަފިއްޔުއްދީނު ވަޑައިގަތީ ގޭގެ ޗަތުމައްޗަށެވެ. އެ ހިސާބަށް ވަޑައިގެންނެވުމާ އެކު އަމީރު މުޙައްމަދު ވިދާޅުވިއެވެ.
"ވައްކަން ކުރި ޠުޢުމާއަށް ވީ ކިހިނެއް ތޯ؟"
"ކާފައަށް އިށީނދެ ވަޑައިގެންނެވޭން ދެން މަޑު ކޮށް ބަލަ!" ސަލްމާ ވިދާޅުވިއެވެ.
"އެއްވެސް މައްސަލައެއް ނެތް. ކިހާ ހިސާބަކުން އަހަރެމެން ވާހަކަ މެދު ކަނޑާލީ؟" ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ.
"އެއީ އެ ވައްކަމުގެ ހަގީގަތް އެންގެވުމުގެ ގޮތުން ޤުރްއާނުގެ އާޔަތްތަކެއް ބާވައިލެއްވި ހިސާބުން." އަމީރާ ޞަފާ ވިދާޅުވިއެވެ.
"އަދި ޔަހޫދީ ޒައިދުގެ ކުށެއް އެ ކަމުގައި ނެތް ކަން ހާމަ ވި ހިސާބުން." އަމީރު މުޙައްމަދު ވިދާޅުވިއެވެ.
"ޠުޢުމާއަށް ހުރިހާ ކޮޅަކުން ގޮތް ހުސް ވި. އޭނާ ކުރި ކުށަށް އިންކާރު ކޮށްގެެން ވެސް ސަލާމަތް ވެވޭކަށް ނެތް. މި ހިސާބުން ޠުޢުމާ ނިންމީ ފިލައިގެން މައްކާއަށް ދާން. އަދި މައްކާގެ މުޝްރިކުންގެ ފަރާތުން ހިމާޔަތް ހޯދާން." ގާޒީ ޞަފިއްޔުއްދީނު ވާހަކަ ވިދާޅުވެ ދެއްވާން ފެށްޓެވިއެވެ.
*****
"އޭ ޢާބިސް! ކަލޭގެ އަތުގައި ކުޑަ ނަމަވެސް ފެން ފޮދެއް ނެތްތަ؟" ޠުޢުމާ އޭނާގެ ދަތުރުގެ ބައިވެރިޔާއަށް ބުންޏެވެ.
"އެބަ ހުރި. އެހެންނަމަވެސް އަދި ވެސް މަގު ވަރަށް ދިގު. ވީމާ ފެން ބުއިމުގައި އިގުތިސާދު ކުރުން ވަރަށް މުހިއްމު." ޢާބިސް ބުންޏެވެ.
"ކިހިނެއް؟ މި ގަދަ ހޫނުގައި ކިހިނެއް ކެތް ކޮށްގެން ފެން ބުއިމުގައި އިގުތިސާދު ކުރާނީ." ޠުޢުމާ އޭނާގެ ޠަބީޢަތާ އެއްގޮތަށް ކެތްތެރިކަމެއް ނެތި ބުންޏެވެ. ރޭވުންތެރިކަމާ އެކު ފަހަށް ވިސްނައިގެން ކަންކަން ކުރުމަކީ ޠުޢުމާއަށް އާދަވެވިފައި އޮތް ކަމެއް ނޫނެވެ. އޭނާގެ ކިބައިގައި ހުންނަނީ އޭނާގެ ހިތް އެ ވަގުތު އެދުނު ކަމަކަށް އިޖާބަ ދިނުމުގެ ނުބައި އާދައެވެ.
"ތިޔަ ފޮތިގަނޑު މޫނު މަތީން ނެގީމާ ވެސް ހޫނުކަން އިހުސާސް ކުރެވޭ މިންވަރު ކުޑަ ވެދާނެ." ޢާބިސް ބުންޏެވެ.
"ނޫން. މީހަކަށް މޫނު ފެނުމަށް ވުރެ ރަނގަޅީ މި ގޮތް." ޠުޢުމާ ބުންޏެވެ.
"ބިރު ނުގަނޭ ޠުޢުމާ. އަހަރެންނަކީ ވެސް ކަލޭ ފަދައިން މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ ސަހާބީންނަށް ނުފެނި އުޅޭން ބޭނުން ވާ މީހެއް." ޢާބިސް ބުންޏެވެ.
"އަހަންނަށް ތިޔަ ކަން އެނގޭ. މި ދަތުރުގެ އާރުކާޓީއަކަށް އަހަރެން ކަލޭ އިހުތިޔާރު ކުރީ ވެސް އެހެން ވެގެން." ޠުޢުމާ ބުންޏެވެ.
"މައްކާގައި އަހަރެމެން ތިބޭނީ ކޮން ތާކު؟" ޢާބިސް އެހިއެވެ.
"އަހަންނަކަށް ނޭނގޭ. އަހަންނަށް އެނގޭހައި ވެސް އެއްޗަކީ ޔަސްރިބުގައި ދިރިއުޅުމަކީ މި ވަގުތު އަހަންނަށް އޮތް ފުރުސަތެއް ނޫން ކަން. އަހަރެން އެ ރަށުގައި ދެން އެއްމެ ދުވަހަކަށް މަޑު ކުރިޔަސް އެމީހުން އަހަރެންގެ އަތް ކަނޑާނެ. އަހަރެން މުޙައްމަދުގެފާނުގެ ދީނުން ބޭރުވިކަން އަންގައިފިއްޔާ އެމީހުން އަހަންނާ ހުރިހާ ގުޅުމެއް ކަނޑާލައި ރަށުން ވެސް ބޭރު ކުރާނެ." ޠުޢުމާ ބުންޏެވެ.
"ކަންބޮޑު ނުވޭ! އަހަންނަށް އެނގޭ މައްކާގައި އަހަރެމެންނަށް ހޫނު މަރުހަބާއެއް ކިޔާނެ މީހެއް." ޢާބިސް ބުންޏެވެ.
"އެހެންވިއްޔާ ތިޔަ ނިމުނީ ނު." ޠުޢުމާ ބުންޏެވެ.
އެއްވެސް ތަނެއްގައި މަޑު ކުރުމެއް ނެތި ދަތުރު ކުރަމުން ކުރަމުން ގޮސް މައްކާއާ ހަމަޔަށް އެ މީހުންނަށް ދެވިއްޖެއެވެ.
"އަހަރެމެންނަށް މި ތިބީ މައްކާއާ ހަމަޔަށް އާދެވިފައި." ޢާބިސް ބުންޏެވެ.
"އޭރު ބުނި މީހާއަކީ އަހަރެން ދަންނާނެ މީހެއް ނޫން. ވީއިރު އޭނާ އަހަންނަށް މަރުހަބާ ކިޔާނެ ތަ؟" ޠުޢުމާ އެހިއެވެ.
"ކަލެއަށް ފެންނާނެ އޭނާގެ ރަނގަޅުކަމާއި އޭނާ އަހަރެމެންނަށް މަރުހަބާ ކިޔާ ގޮތް." ޢާބިސް ވަރަށް ޔަގީންކަމާ އެކު ބުންޏެވެ.
ޠުޢުމާ ގޮވައިގެން ޢާބިސް ގޮސް ގެއެއްގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. އަދި އެ ގޭގެ އަހުލުވެރީންނަށް ގޮވައިލިއެވެ. އެ ގޭގެ ތެރެއިން މެދު އުމުރުގެ އަންހެނަކު ނުކުތުމުން، ޠުޢުމާއަށް އެ އަންހެން މީހާ ތާރަފު ކޮށް ދެމުން ޢާބިސް ބުންޏެވެ.
"މިއީ ސުލާލަތު ބިންތު ސަޢުދް. ޤުރައިޝުންގެ ތެރެއިން ރަނގަޅު އާއިލާއެއްގެ އިސް ސާހިބާއެއް."
"ކަލެޔާއި ކަލޭގެ އެކުވެރި މެހުމާނަށް އަހުލުވެރިކަމާއި ފަސޭހަކަން ހުރި." ސުލާލަތު ބުންޏެވެ.
"މިއީ އަހަރެންގެ އެކުވެރި ޠުޢުމާ. އޭނާ އެ އައީ މުޙައްމަދުގެފާނުގެ ދީން ދޫކޮށް މުރުތައްދު ވެގެން މައްކާގެ އަޝްރާފުންގެ ހިމާޔަތަށް އެދިގެން." ޢާބިސް ބުންޏެވެ.
"އަހުލުވެރިކަމާއި ފަސޭހަކަން ހުރި ޠުޢުމާ ސާހަބް. އަވަހަށް ގެއަށް ވަދޭ!" ސުލާލަތު ބުންޏެވެ.
"ތިބާއަކަށް ކުރީން އަހަރެން ނުވެސް އެނގޭ އިރު، ތިޔަފަދަ މެހުމާންދާރީއަކާ އެކީ މަރުހަބާ ކިއުމުން ވަރަށް ބޮޑަށް އުފާވެ، އަދި ހައިރާން ވެސް ވެއްޖެ." ޠުޢުމާ ބުންޏެވެ.
"މުޙައްމަދުގެފާނާއި އެކަލޭގެފާނަށް ތަބާވާ މީހުންނާ ދެކޮޅުވެރި ވުން ހުރިހާ ކަމަކަށް ފުދޭ. މުސްލިމުން ވަނީ އުޙުދުގެ ދުވަހު އަހަރެންގެ ފިރިހެން ދެ ކުދީން ގަތުލު ކޮށްފަ. އެ ދެ ކުދީންގެ މަރުގެ ބަދަލު ނުހިފެނީސް އަހަރެންގެ ހިތަށް ހަމަޖެެހުމެއް ނުލިބޭނެ." ސުލާލަތު ބުންޏެވެ.
"ތިޔަ ބަދަލު ހިފުމުގައި އަހަރެންގެ އެހީތެރިކަން ލިބޭނެ. އެކަމަކު މެހުމާނެއްގެ ގޮތުގައި ތިން ދުވަހު ހުރުމަށް ފަހު މި ގެއިން ނުކުމެގެން ގޮސް ދެން އަހަރެން ހުންނާނެ އެހެން ތަނެއް މި މައްކާގައި ހުރީކީ ވެސް ނޫން." ޠުޢުމާ ބުންޏެވެ.
"ކަލެއަށް ގޮތެއް ފެންނާން ދެން މި ގޭގައި ހުރެވޭނެ. އިސްލާމް ދީނާއި މުސްލިމުންނާ ހަނގުރާމަ ކުރާ ކޮންމެ މީހަކަށް މި ގެއިން މަރުހަބާ ކިޔާނެ. އެެ މީހަކަށް މި ގޭގެ ދޮރުތައް ހުންނާނީ ހުޅުވިފައި." ސުލާލަތު ބުންޏެވެ.
*****
"އަހަރެންގެ އަޚުންނަށް މަރުހަބާއާއި އަހުލުވެރިކަން ހުރި. ޔާސިރު އާއި މުބައްޝިރު." ރިފާޢު ބުންޏެވެ.
"ދީލަތި ސާހިބާއަށް ވެސް އަހުލުވެރިކަން ހުރި. އަހަރެމެން ހީ ކުރީ ތިބާ އަހަރެމެން ދެކެ ރުޅި އަންނާނެ ކަމަށް. އަހަރެމެންގެ ތިމާގެ މީހެއް ކަމަށް ވާ ޠުޢުމާޔާ އެއްކޮޅަށް އަހަރެމެން ކުރި ކަންތައްތަކުގެ ސަބަބުން." މުބައްޝިރު ބުންޏެވެ.
"ﷲ ކަލޭމެންނަށާއި އަހަރެމެންނަށް ޢަފޫ ކުރައްވާށި!" ރިފާޢު ބުންޏެވެ.
"ހައްގު ބަޔާން ނުކޮށް އަހަރެމެން ވަންހަނާ ކުރީމު. އެއީ ދެ ގަބީލާގެ މެދުގައި ފިތުނައިގެ ހުޅުގަނޑެއް ރޯ ވެދާނެތީ." ޔާސިރު ބުންޏެވެ.
"ގަބީލާއަށް ނިސްބަތް ވުން ހަނދާން ނައްތާލަމާ ހިނގާ. އަހަރެމެންނަކީ މުސްލިމުން. އިސްލާމް ދީން އައިސްފައި ވަނީ ފުނާގެ ދަތްތައް ފަދައިން ހަމަހަމަ ވެގެންވާ ބައެއްގެ ގޮތުގައި އިންސާނުން ލެއްވުމަށް. މި ފަހަރު މި ހިނގައި ދިޔަ ކަންތަކުން ވެސް އިސްލާމް ދީނަކީ ހައްގު ދީންކަން އިތުރަށް މި ދިޔައީ ކަށަވަރު ވެގެން. މާތް ނަބިއްޔާއަކީ ތެދުވެރި އަދި ހަގީގީ ރަސޫލެއް ނޫން ނަމަ، މި ކަމުގެ ހަގީގަތް އެކަލޭގެފާނަށް އެނގިވަޑައިގަންނަވާނެ އެއްވެސް ގޮތެއް ނެތް. ﷲ ގެ ޥަޙީގެ ޒަރީއާއިން އެކަލޭގެފާނަށް ހުރިހާ ކަމެއް ވެސް އެނގި ވަޑައިގަތީ." ޤަތާދާ ބުންޏެވެ.
"ތިޔަ ބުނީ ވަރަށް ވެސް ބުރަދަން ހުރި ވާހަކައެއް. ތިޔަ ނޫން ގޮތަކަށް ދެކޮޅު ޖެއްސޭން ނެތް ވާހަކައެއް. އެ ޠުޢުމާ މިހާރު ކޮބާ؟ އޭނާ ފިލައިގެން ދިޔަ ވާހަކަ އަޑު އެހިން. އޭނާގެ ޚަބަރެއް އެނގޭތަ؟" ރިފާޢު އެހިއެެވެ.
"އޭނާ ވަނީ އިސްލާމް ދީން ދޫކޮށް މުރުތައްދު ވެފައި. އަދި މަދީނާ ދޫކޮށް ފިލައިގެން ގޮސްފައި. އޭނާ ދާނީ މައްކާއަށް ކަން ޔަގީން. އިތުރު ޚަބަރެއް އަދި ލިބިފައެއް ނެތް." މުބައްޝިރު ބުންޏެވެ.
"އޭނާއަކީ މުޝްރިކުންގެ ތެރެއިން ވާ މީހެއް ކަމާއި، ރަހުމަތުގެ ދޮރުކޮޅުތައް ވަނީ އޭނާއަށް ބަންދު ކުރެވިފައި ކަމަށް ޤުރްއާނުގައި ވަނީ އަންގަވާފައި. ވީމާ ދެން އޭނާގެ ނިމުން ރަނގަޅު ނުވާނެކަން ކަށަވަރު ނޫންތޯ؟" ޤަތާދާ ބުންޏެވެ.
- ނުނިމޭ -