30 Apr 2020, 10:11
ވޮޝިންޓަން (އޭޕްރިލް 30): ދުނިޔޭގައި ފެތުރެމުންދާ އާ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ބައްޔަށް ފަރުވާ ދިނުމަށް ޓެސްޓު ކުރަމުންދާ ރެމްޑެސިވިއާ ބޭސް ބޭނުން ކުރުމުން އެ ބަލިން މީހުން އަވަހަށް ރަނގަޅުވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީސެސްގެ ޑިރެކްޓަރު އަދި ސަރުކާރުގެ ކޮރޯނާވައިރަސް ޓާސްކް ފޯސްގައި އިސްކޮށް ހުންނަވާ ޑރ. އެންތަނީ ފައުޗީ ވިދާޅުވި ގޮތުގައި، އެގައުމުގެ ގިލިއަޑް ކުންފުނިން އުފެއްދި ރެމްޑެސިވިއާ ވަނީ އެކި ގައުމުތަކުގައި ކޮވިޑް-19 ޖެހިގެން އެޑްމިޓުކޮށްފައިވާ 1،063 މީހަކަށް ދީގެން ޓެސްޓުކޮށްފަ އެވެ. އަދި އެގޮތުން ބޭސް ބޭނުން ނުކުރާ މީހުން ބަލިން ރަނގަޅުވާން އެވަރެޖުކޮށް 15 ދުވަސް ނެގި ނަމަވެސް ބޭސް ބޭނުން ކުރި މީހުން ބަލިން ރަނގަޅުވާން ނެގީ އެވަރެޖުކޮށް 11 ދުވަހެވެ.
"އެ ޓެސްޓުން ދައްކާފައި ވަނީ މި ބޭހުން ވައިރަސް ހުއްޓުވާކަން. އަދި ބަލިން ރަނގަޅުވާން ނަގާ މުއްދަތު ކުޑަކުރުމުގައި ރެމްޑެސިވިއާއިން ވަރަށް ސާފު، ފާހަގަކޮށްލެވޭ، ރަނގަޅު ދައުރެއް އަދާ ކުރާކަން،" ފައުޗީ ވިދާޅުވި އެވެ.
ރެމްޑެސިވިއާ ޓެސްޓު ކުރުމަށް ހެދި ދިރާސާއާ ބެހޭ ތަފްސީލު މެޑިކަލް ޖާނަލްއެއްގައި ވަރަށް އަވަހަށް ޕަބްލިޝް ކުރާނެ ކަމަށް ފައުޗީ ވިދާޅުވި އެވެ.
އެ ދިރާސާ ޔޫރަޕްގެ ގައުމުތަކުގައި ކުރިއަށްގެންދިޔުމުގައި އިސްކޮށް ހުންނެވި ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ ޕްރޮފެސަރު މަހޭޝް ޕަރުމަރު ވިދާޅުވި ގޮތިގައި އެ ބޭސް މީހުންނަށް ބޭނުން ކުރެވޭ ގޮތް ހެދުމުގެ ކުރިން އަދި ކުރަން ޖެހޭ ކަންތައްތައް ހުންނާނެ އެވެ. އެގޮތުން ބޭސް ބޭނުން ކުރުމަށް ކަމާ ބެހޭ ރެގިއުލޭޓަރުންގެ ފަރާތުން ލައިސެންސް ހޯދުމާއި އެކި ގައުމުތަކުގައި ސިއްހީ އިދާރާތަކުން ބޭސް ރައްކާތެރިކަމަށް ކަނޑައެޅުން ހިމެނެ އެވެ.
އެމެރިކާ ސަރުކާރުން އެ ދިރާސާގެ ނަތީޖާ ހާމަ ކުރި ފަހުން އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ވަނީ ބަލި މީހުންނަށް ވީހާވެސް އަވަހަށް ރެމްޑެސިވިއާ ބޭނުން ކުރެވޭ ގޮތް ހެދުމާ ބެހޭ ގޮތުން ގިލިއަޑްއާ ވާހަކަ ދައްކަމުންދާ ކަމަށް ބުނެފަ އެވެ. އަދި އެ ބޭސް ބޭނުން ކުރަން ވަގުތީ ހުއްދައެއް އެފްޑީއޭއިން ވަރަަށް އަވަހަށް ދޭނެ ކަމަށް ނިއު ޔޯކް ޓައިމްސްއިން ރިޕޯޓު ކުރި އެވެ.
މީގެ ކުރިން ގިލިއަޑްއިން ވަނީ ވަކި ވަކި ކޭސްތަކަށް ބަލައި، ކޮވިޑް-19 ޖެހިފައިވާ 1،700އަށް ވުރެ ގިނަ މީހުންނަށް އެމާޖެންސީ ހާލަތްތަކުގައި އެ ބޭސް ދީފަ އެވެ. އެ ކުންފުނިން ވަނީ އެ ކުންފުނިން ހެދި ދިރާސާތަކުން ބޭސް ރައްކާތެރި ކަމަށް ދައްކާ ކަމަށް ބުނެފަ އެވެ.