30 Apr 2020, 11:14
ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލަށް ގެންގޮސް މަރުވާ ދުވަސްވީ މީހުން، ކޮވިޑް 19ގެ އަލާމާލެއް ނެތް ނަމަވެސް ކޮވިޑަށް ޓެސްޓް ކުރާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ކޮވިޑް ޖެހިގެން އިއްޔެ ވަނީ މާލެއިން 83 އަހަރުގެ އަންހެނަކު މަރުވެފަ އެވެ. އެކަމާ ގުޅިގެން މައުލޫމާތު ދިނުމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ކްރިޓިކަލް ހާލަތުގައި މަރުވާ އުމުރުން ދުވަސްވީ މީހުން ކޮވިޑުގެ އަލާމާތެއް ނެތް ނަމަވެސް އެ ބައްޔަށް ޓެސްޓް ކުރެވޭނެ ކަމަށެވެ.
"އުމުރުން ދުވަސްވީ ފަރާތެއް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި ކްރިޓިކަލް ހާލަތުގައި ނިޔާވެއްޖެ ކަމަށް ވަންޏާ. އެއީ ކޮވިޑްގެ އަލާމާތެއް ނެތް ކަމުގައި ވިޔަސް އަދި ކޮވިޑަށް ޝައްކު ނުކުރެވުނު ކަމުގައި ވިޔަސް ސާމްޕަލް ނަގާފައި ޓެސްތް ކުރެވޭނެ." މިނިސްޓަރު އަމީން ވިދާޅުވި އެވެ.
އެމީހާ ފަރު ހޯދި ބައްޔަކީ ކޮވިޑާ ގުޅުން ހުރި ބައްޔަކަށް ނުވި ކަމުގައި ވީނަމަވެސް އަދި އަލާމާތްތައް ހުރި މީހެއް ނޫން ނަމަވެސް ސާމްޕަލް ނަގާފައި ޓެސްޓް ކުރެވޭނެ ކަމަށް އަމީން ވިދާޅުވި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ ކޮވިޑަށް ޕޮސިޓިވްވެފައިވާ މީހަކާއި ޑައިރެކްޓް ކޮންޓެކްޓެއް ވެފައިވާ މީހެއް ނަމަ ޓެސްޓް ހަދަން ސާމްޕަލް ނަގާފައި ނަތީޖާ ނުލިބުން ނަމަވެސް ބަލަން ޖެހޭނީ ކޮވިޑަށް ޕޮސިޓިވްވެދާނެ ކަމަށް ކަމަށެވެ. އެހެންވީމަ އެހާލަތުގައި ނަގަން ޖެހޭ ހުރިހާ ޕްރިވެންޓިވް މެޝާސްއެއް ނެގުމަށް ޑރ. އަލީ ލަތީފު އިލްތިމާސް ކުރެއްވި އެވެ.
އޭގެ އިތުރުން ޕޮސިޓިވްވި މީހަކާ ކޮންޓެކްޓްވި މީހަކު ދިރިއުޅޭ މާހައުލުގައި އުމުރުން ދުވަސްވީ މީހަކު އުޅޭ ނަމަ ވީހާ ވެސް އަވަހަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓް ކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
ރާއްޖެއިން ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 280 އަށް އަރައިފަ އެވެ. އޭގެ ތެރެއިން ފަސް މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.