ކޮރޯނާވައިރަސް ޖެހިގެން މިރޭ މަރުވިކަން އިއުލާން ކުރި އުމުރުން 83 އަހަރުގެ ދިވެހި އަންހެން މީހާގެ މަރުވުމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ އިހުމާލެއް އޮތްތޯ ބަލައި، ފިޔަވަޅު އަޅާނެ ކަމަށް ހެލްތް މިނިސްޓަރު އަމީން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހސް ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވެފައިވަނީ އަމިނަތު މުހައްމަދު ދީދީ ކިޔާ މީހެކެވެ. އޭނާ މަރުވެފައިވަނީ، ކޮވިޑް-19ގެ ސާމްޕަލް ނަގައި އޭގެ ނަތީޖާ ނުލިބިވަނިކޮށެވެ. އޭނާ މަރުވެފައި ވަނީ އިއްޔެ އިރުއޮއްސި 7:30ގަ އެވެ.

އޭނާގެ ނަތީޖާ ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަ ކުރުމަށް އެންއީއޯސީން މިރޭ ދަންވަރު 1:00 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އޭނާ އަކީ، ކޮވިޑަށް ޕޮޒިޓިވްވި ކޭސް 126އާ ކޮންޓެކްޓްވެގެން ގޭގައި އެކަހެރިކޮށްފައި ހުރި މީހެއް ކަމަށެވެ. އަދި އޭނާގެ ޓެސްޓުކުުރުމަށް ސާމްޕަލް ނެގުނީ އަންގާރަ ދުވަހު ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. ކޭސް 126 ކޮވިޑަށް ޕޮޒިޓިވްވީ ހޮނިހިރު ދުވަހު އެވެ.

"މިކަމުގައި އިހުމާލެއްއޮތްތޯ ނުވަތަ ނޫންތޯ ބަލާނަން. އަދި މިކަމާ ގުޅިގެން މީހުން ކަރަންޓީނު ކުރުމާއި، ސާމްޕަލް ނެގުމާއި އަދި ޓެސްޓު ކުރުމުގެ އެސްއޯޕީތަކަށް ބަދަލު ގެންނަންޖެހޭނަމަ އެކަންވެސް އަޅުގަނޑުމެން ކުރާނަން،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

"އަޅުުގަނޑުމެން ބަލާނަން ތި ވިދާޅުވި ކަހަލަަ ކަމެއް[އިހުމާލެއް] އޮތްތޯ. އެކަން އަޅުގަނޑުމެން ބަލާނަން. މިއީ އެ އާއިލާއަށްވެސް މުޅި ރާއްޖެއަށް ވަރަށް ހިތާމަވެރި ވަގުތެއް،" މިކަމުގައި އެއްވެސް ކަހަލަ އިހުމާލެއް އެބަ އޮތްތޯ ސުވާލު ކުރުމުން މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިނިސްޓަރުު ވިދާޅުވީ، އެކަންކަން ބެލުމަށްފަހު، ކަރަންޓީނު ކުރުމާއި، ސާމްޕަލް ނެގުމާއި އަދި ޓެސްޓު ކުރުމުގެ އެސްއޯޕީތަކަށް ބަދަލު ގެންނަންޖެހޭނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ. ކޮވިޑް ޓާސްކްފޯސްއާ ގުޅުންހުރި ހުރިހާ މުއައްސަސާތަކުންވެސް މަސައްކަތް ކުރަމުން މިދަނީ، އެންމެ ފުރިހަމަށް އަށް މަސައްކަތް ކުރަން ކަމަށާއި ނަމަވެސް މިކަމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް މިނިސްޓަރު އަމީން ވެސް ފާހަގަ ކުރެއްވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވެސް ވިދާޅުވީ، މިފަދަކަންކަން ވިޔަ ނުދިނުމަށްޓަކައި ހައި ރިސްކް ޕޭޝަންޓުން އަވަހަށް ޓެސްޓުކުރުމަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި އެފަދަ މީހުންގެ ހާލަތު އިތުރަށް ގާތުން ބަލާނެ ކަމަށްވެސް ޑރ. އަލީ ލަތީފު ވިދާޅުވި އެވެެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް ވައިރަސް ޖެހިގެން މީހަަކު މަރުވެފައިވީރު، އޭނާއާ މެދު އަމަލު ކުރި ގޮތުން އާއިލާ އާއި އާންމުގެ ފާޑުކިޔުން އެޗްޕީއޭ އަށް ވަނީ އަމާޒުވެފަ އެވެ.

އެޗްޕީއޭއަށް އެ ފާޑުކިޔުން އެހާ ބޮޑަށް އަމާޒުވީ، އެ އަންހެން މީހާ ދިރިއުޅޭ ގެއިން ބަޔަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން އެގެ މޮނީޓަރިންއަށް ލާފައި ހުންނަތާ ދުވަސްކޮޅެއް ވީ ނަމަވެސް، އުމުރުން ދުވަސްވީ ބަޔަކު އެ ގޭގައި ދިރިއުޅެމުން ދިޔަ ނަމަވެސް އެ މީހުންގެ ސާމްޕަލް އަވަހަށް ނަގައި ޓެސްޓްކޮށްފައި ނުވާތީ އެވެ. އަދި ޕޭޝަންޓް އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދިނުމުގައި އެ ޕޭޝަންޓަކީ ޝައްކުވާ މީހެއްކަން އައިޖީއެމްއެޗަށް އަންގާފައި ނެތުމުން، ގޯސްތަކެއް ހުރިކަމުގެ ތުހުމަތު އެބަ އޮތެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ޕޭޝަންޓާ އައިޖީއެމްއެޗް އެމަޖެންސީ ރޫމުން އެޓެންޑް ކުރި އެ ހޮސްޕިޓަލުގެ ދެ ސްޓާފެއް މިހާރު އައިސޮލޭޓް ކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެފަދަ ޕޭޝަންޓުންނާ މެދު އަމަލު ކުރާނެ ގޮތްތައް އައިޖީއެމްއެޗަށް ވެސް ބްރީފްކޮށްފައިވާ ކަމަށާއި އަމަލު ކުރަނީ އެގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ބައެއް ކަންކަން އަވަސް ކުރަން ޖެހޭ ކަމަށް ވެސް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް، މި ބަލިމަޑުކަމަކީ މުޅި ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް އަލަށް ހަނގުރާމަ ކުރަމުންދާ ކަމަށްކަށް ވާތީ ކަންކަން އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ޓެސްޓިން ކެޕޭސިޓީވެސް ދުވާލަކު 400 ސާމްޕަލް ކުރެވޭ ވަރަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން ވައިރަހަށް މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ، 280 މީހުންނެވެ. އޭގެ ތެރެއިން 17 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.