30 Apr 2020, 04:26
ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ ޕޭޝަންޓު މިއަދު މަރުވެފައިވާ އިރު، އެ މީހާ މަރުވީ ދޭން ޖެހޭ ފަރުވާއެއް ނުދެވިގެން ނޫންކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު ޑރ. އަލީ ލަތީފު ވިދާޅުވެއްޖެ އެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި ފުރަތަމަ މީހަކީ، އާމިނަތު އާދަމް 83އ. އަކީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. އޭނާ މަރުވީ، ކޮވިޑަށް ޕޮޒިޓިވް ވެފައި ވޭތޯ ބެލުމަށް ސާމްޕަލް ނަގާފައިވަނިކޮށް، ޓެސްޓުގެ ނަތީޖާ ނުލިބި އުޅެނިކޮށް މިއަދު އިރާކޮޅު އެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ، މިއަދު ހަވީރު، ކުއްލިއަކަށް ނޭވާއަށް އުނދަގޫ ވާތީ އެވެ. އެ އަންހެން މީހާ ދިރިއުޅޭ ގެއިން ބަޔަކު ޕޮޒިޓިވްވުމުން އެނގެ މޮނީޓަރިންގައި ހުންނަތާ ވަނީ ދުވަސްކޮޅެއްވެފަ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެތަނުގެ ޑޮކްޓަރުންގެ ޓީމްގައި އިސްކޮށް ހަރަކާތްތެރިވާ، ޑރ. އަލީ ލަތީފު ވިދާޅުވީ ކޮވިޑް-19 އަށް ދޭނެ ވަކި ހާއްސަ ފަރުވާއެއް ނޯންނަ ކަމަށެވެ. އެހެންވެ، ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކޮންޓެކްޓުން އަބަދުވެސް ބަލަހައްޓަމުން ގެންދަނީ އެމީހަކު އުޅޭ ގޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގިނަ ފަހަރު ބަލީގެ ކުރީކޮޅު ދިމާވާ އުނދަގޫތަކަކީ ނޭވާ ކުރުވުމާއި ކެއްސުމާއި ހުން އައުން. ބަލި ބޮޑުވެގެން ދާއިރު، ފުއްޕާމެޔަށް ބަލިގޮސް ނިޔުމޯނިޔާ ޖެހެނީ. ފަރުވާއަކަށް ދޭން މިއޮންނަނީ ހުން އަންނަ ނަމަ ޕެރެސެޓްމޯލް، ދެން އައިވީ ފްލުއިޑް. ވަކި ވަކަށްވުރެ ހާލު ބޮޑުވެ، އައިސީޔޫ އަށް ދިޔައީމާ ދޭނެ ހާއްސަ ބޭސް ހުރޭ. ޖުމްލަކޮށް ބުނަންޏާ ވަކި ހާއްސަ ބޭހެއް ނެތް،" ޑރ. ވިދާޅުވި އެވެ.
މިއަދު ނިޔާވި މީހާގެެ ސާމްޕަލް ނެގުމުގައި ލަސްތަކެއްވިކަމަށް ގަބޫލު ކުރަންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޑރ. ވިދާޅުވީ ނިޔާވި މީހާގެ ސާމްޕަލް ނެގިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުގެރޭ ނުވަތަ ހޯމަ ދުވަހުގެ ރޭ ފަތިހު ކަމަށާއި، އޭނާގެ ހާލު ސީރިޔަސްވީ މިއަދު ހެނދުނު ކަމަށެވެ.
"އިތުރަށް ގޯސްވެއްޖެއްޔާ ހޮސްޕިޓަލަށް ގެންގޮސް ދޭ ހާއްސަ ފަރުވާގެ ތެރޭގައި މިއޮންނަނީ އައިވީ ފްލުއިޑް ދިނުމާ އޮކްސިޖަންދިނުމާ އޭގެ އިތުރުން ބައެއް ފަހަރު ފަހަރު އެންޓި ވައިރަލް ދިނުން. އަޅުގަނޑަކަށް ހިޔެއް ނުވޭ މި ޕާޓިކިޔުލާ ޕޭޝަންޓުގެ އެކަހަލަ ހާއްސަ ފަރުވާއެއް ނުދެވިގެން ދިޔައީ ކަމަކަށް،" ޑރ. ވިދާޅުވި އެވެ.
މިރޭގެ ޕްރެސްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކްރިޓިކަލް ހާލަތުގައި މަރުވާމީހުންގެ ފަރާތުން ކޮވިޑްގެ އަލާމާތެއް ނުފެނުނު ނަމަވެސް، އެމީހުންގެ ސާމްޕަލް ނަގައި ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށެވެ.
އޭނާ ވެސް ވިދާޅުވީ، މީހާ މަރުވުމުގައި މޮނީޓަރިންގެ މައްސަލައެއް އޮތް ކަމަކަށް ވެސް އަދި އިހުމާލެއް އޮތް ކަމަށް ވެސް ފާހަގަވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، މިފަދަ އާ ބަލިމަޑުކަމެއްގައި އަބަދުވެސް ރަނގަޅުކުރަން ކަންކަން ހުންނާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މިފަހަރުގެ ތަޖުރިބާއަށް ބަލާވެސް އެސްއޯޕީ ފަދަ ކަންކަން ރަނގަޅު ކުރަން ޖެހޭ ނަމަ ރަނގަޅު ކުރާނެ ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖެއިން 280 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖެއިން މިހާތަނަށް ބަލީގައި މަރުވެފައިވަނީ އެކަކުއެވެ.